ސިނަމާލެ ފްލެޓްތައް އަލުން އެޅުމުގެ މަސައްކަތް އަންނަ ފެބްރުވަރީ މަހު ފަށަނީ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 37ސ
ސިނަމާލެ ފްލެޓްތައް އަލުން އެޅުމުގެ މަސައްކަތް އަންނަ ފެބްރުވަރީ މަހު ފަށަނީ-

ސިނަމާލެ ފްލެޓްތައް އަލުން އެޅުމުގެ މަސައްކަތް އަންނަ ފެބްރުވަރީ މަހު ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ. 

ހަމަ އެހެންމެ، މާލެއާއި ވިލިމާލޭގައި ހުރި މާލޭހިޔާ އަދި ސިނަމާލެ ފްލެޓްތައް ބާވެ ރޫޅެމުންދާ ދިޔުމަކީ، އަޅުގަނޑު ވަރަށް ކަންބޮޑުވާ މައްސަލައެއް. އެހެންވެގެން އެކަމުގެ ހައްލުވެސް ހޯދިން. އެއީ، ކަނޑައެޅިފައިވާ އުޞޫލުތަކާއި ފަސޭހަތަކަކާއެކު، އެ ތަންތާނގައި ދިރިއުޅޭ ރައްޔިތުންނަށް އެ އިމާރާތްތައް އަލުން ބިނާކޮށްދިނުން. އެއީ، އެކަމުގައި މާލީ އެއްވެސް ތަކުލީފެއް، އެއިން އެއްވެސް ރައްޔިތަކަށް އުފުލަން ނުޖެހޭގޮތަށް. މިއަދު އަޅުގަނޑު ލޮބުވެތި ރައްޔިތުންނަށް އަރުވާ ޔަގީންކަމަކީ، މި އިމާރާތްތަކުގެ މަސައްކަތް، އަންނަ ފެބުރުވަރީ މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަށާނަން. 

އަޅުގަނޑު މި މަގާމާ ހަވާލުވިފަހުން މާލެސިޓީން އަޅުގަނޑާ ހަމަޔަށް އަންނަ ސުވާލުތަކެއް ހުރީތީ، އެކަމާ ބެހޭގޮތުންވެސް އެއްޗެއް ދަންނަވާލަން ގަސްތުކުރަން. އެއީ، އަޅުގަނޑު މާލޭސިޓީގެ މޭޔަރު ކަމުގައި ހުރެގެން ރައްޔިތުންނަށް ކޮށްދޭން އުޅުނު މުހިންމު ބޮޑެތި ގިނަ ކަންތައްތަކެއް. އެނގިވަޑައިގަންނަވާނެ ފަދައިން، އޭރު އޮތީ ހުއްޓުވާފައި. 

އަޅުގަނޑުމެން މަސައްކަތް ކުރިން، އޭރު މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ހަދަން. ލޯކަލް މާރުކޭޓާއި މަސް މާރުކޭޓު، އެއް ފުރާޅެއްގެ ދަށަށް ގެނެސް، އެންމެ ޒަމާނީ ފެންވަރަށް ބިނާވެފައިވާ އިމާރާތަކަށް ހަދަން. ހުރިހާ ތައްޔާރީއެއްވިން. މާލޭގައި އޮތް ޓްރެފިކް މައްސަލަ ހައްލުކުރަން، ދުނިޔޭގައި ކުރިއަރާފައިވާ ޤައުމުތަކުގައި އޮންނަ ފަދަ ހައްލުތަކެއް މާލެއަށްވެސް ތަޢާރުފް ކުރަން މަސައްކަތް ކުރިން. އޭގެތެރޭގައި، ޕާކިންގ ބިލްޑިންގތައް ބިނާކުރަން ހުރިހާ ތައްޔާރީއެއްވިން. 

މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް، ސިޓީ ކައުންސިލް މެދުވެރިކޮށް، މި އަންނަ އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، ފުޅާ ދާއިރާއެއްގައި ފެށިގެން ކުރިއަށްދާނެ.

މާލޭގެ މަސް މާރުކޭޓާއި ލޯކަލް މާރުކޭޓު ހިމެނޭ ޒަމާނީ މާރުކޭޓު އިމާރާތް ކުރުމުގެ މަސައްކަތްވެސް މި އަންނަ ހަފުތާގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފެށިގެންދާނެ.

މި ސަރުކާރު މިއައީ މިފަދަ އެތައް ފަސޭހަތަކެއް، އެތައް ކުރިއެރުމެއް ރައްޔިތުންނަށް ގެނެސްދޭން. އެކަމުގެ ފުރިހަމަ ޕްލޭނާއެކު، އެކަމުގެ ހެޔޮ ނިޔަތާއި ޢަޒުމާއެކު.

އެހެންވީމާ، ރައްޔިތުން އެ ރައްޔިތުންގެ ފާގަތިކަމަށްޓަކައި ހޮވާފައިވާ ކައުންސިލްތަކާއި، ރައްޔިތުންގެ މަޖިލިސްވެސް، އެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިން އަޅުގަނޑު އާދޭހާއެކު އެދެނީ، ރައްޔިތުންގެ މި ފަހި ދިރިއުޅުމަށް ތަރުޙީބު ދެއްވުން. ރައްޔިތުންނަށްޓަކައި މި އުފުލޭ ތަރައްޤީގެ ހަވޭލިތަކުން އުފާ ލިބިގަތުމުގެ ފުރުޞަތު އެ ރައްޔިތުންނަށް ދެއްވުމަށް. އަބަދުވެސް ދިވެހި ރައްޔިތުންނާއި ދިވެހި ޤައުމާ އެއްކޮޅަށް ތިއްބެވުމަށް. ދިވެހި ރައްޔިތުން ލޯބިކުރަނީ ޞުލްޙައަށް. ދިވެހި ރައްޔިތުން ލޯބިކުރަނީ އަމާންކަމަށް. ދިވެހިރައްޔިތުން އެދެނީ ކުރިއެރުމާއި ތަރައްޤީއަށް.

މިއަދު އޮންލައިން