މޭޔަރަކަށް ހުންނެވި އިރުވެސް ރައްޔިތުންނާއި ސީދާ އެމަނިކުފާނާއި ސުވާލުކުރެވޭނެ ގޮތް ހެއްދެވިފަދައިން ރައީސް ކަމުގައި ހުންނަވާއިރުވެސް ރައްޔިތުންނަށް އެމަނިކުފާނާ ސީދާ ސުވާލު ކުރެވޭނެ ގޮތް ހައްދަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިމޭރުމުން އެމަނިކުފާނު ވިދާޅުވީ "ކަންގަތި އެވޯޑް 2023" ދެއްވުމުގެ ޙަފްލާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޑރ. މުޢިއްޒުގެ ވާހަކަފުޅުން:
އަޅުގަނޑުމެންގެ ޤައުމީ ޢާއިލާއަކީ ދިވެހި ޢާއިލާ. ދިވެހީންގެ ރާއްޖޭގެ ދިވެހި ޢާއިލާ. ދިވެހި ޢާއިލާގެ ހުރިހާ މެންބަރުން އަޅުގަނޑަށް ހަމަހަމަ. އަޅުގަނޑު މަސައްކަތް ކުރާނީ ރައްޔިތުންގެ އަޑުއަހައިގެން. ރައްޔިތުންނާ ގާތުން. އަޅުގަނޑު ރައްޔިތުންނާ ގިނަގިނައިން ބައްދަލުކުރާނަން. ހާލުއަހުވާލު ބަލާނަން.
މި ސަރުކާރުގެ ވަޒީރުންވެސް، ކުންފުނިތަކުގެ ވެރިންވެސް މިގޮތަށް ޢަމަލު ކުރައްވާނެ. މިގޮތުން، ރައްޔިތުންގެ ހާލު ބެއްލެވުމަށްޓަކައި، މި ހަފުތާ ބަންދުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ދައުލަތުގެ ވަޒީރު ބޭފުޅުންނާއި، ކުންފުނިތަކުގެ މަސްއޫލުވެރިން ހިމެނިވަޑައިގަންނަވާ ގޮތަށް ރައްޔިތުންގެ އަރިހަށް ވަފުދުތައް ދަތުރުކުރާނެ.
މި ގާތްކަމާއި އެހީތެރިކަމަކީ، ދައުލަތް ހިންގުމުގައި އޮތް ލާމަރުކަޒީ ނިޒާމުގެ ޙަޤީޤީ މަފްހޫމު. މި ނިޒާމަށް އަޅުގަނޑުގެ ފުރިހަމަ ތާއީދާއި އިތުބާރު އެބައޮތް. މިކަމަށް ޚާއްޞަ ވުޒާރާއެއް އުފެއްދީ އެހެންވެގެން. އަޅުގަނޑު ޔަގީންކުރާ ގޮތުގައި މިހާރުވެސް ކައުންސިލްތަކާއި ރައްޔިތުން، މި ބަދަލުން އުފެދުނު ހެޔޮ ރޫޙާއި، ލިބޭ ހެވާއި، ލާބަ އިހުސާސް އެބަކުރޭ.
ރައްޔިތުންނާ ގާތުން މަސައްކަތް ކުރަން ބޭނުމޭ، މި ދަންނަވާ ވާހަކައަށް އަދިވެސް އިތުރަށް ބާރުލާން އަޅުގަނޑު ބޭނުން. އަޅުގަނޑު މާލޭގެ މޭޔަރު ކަމުގައި ހުރިއިރުވެސް، އަޅުގަނޑު ހަމަ ވަކިން ތާވަލު ހަދައިގެން، މާލޭގެ ގޭގެއަށް ޒިޔާރަތް ކުރިން. ރައްޔިތުންގެ ހާލު ބެލިން. ރައްޔިތުން ހުށަހަޅާ އެ ރައްޔިތުންގެ މުހުތާދުތަކުގެ ވާހަކަ އަޑުއެހިން. ކޮށްދެވެން ހުރި ކަންކަން ކޮށްދިނިން. ނުވަތަ ވީހާވެސް އަވަހަކަށް، ވީހާވެސް ރަނގަޅަކަށް ކޮށްދެވޭތޯ ބެލިން.
ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ބޭނުންތަކާއި، ޝަކުވާ ސީދާ އަޅުގަނޑާ ހިއްސާކުރެވޭނެ ގޮތް، އޮފީހުގެ ރަސްމީ ގަޑީގެ ތެރެއިން ހަމަޖެއްސިން. ހަމަ އެހެންމެ، އެފަދަ ކަންކަން ވަގުތުން ހުށަހެޅުމަށް ސިޓީ ކައުންސިލްގެ ވެބްސައިޓުގައި އެކަމަށް ޚާއްޞަ ޕޯޓަލްއެއް ޤާއިމުކޮށް، ތަނަވަސްކަމާއެކު ދޮރު ހުޅުވައިލިން. އެ ޕޯޓަލް މެދުވެރިކޮށް، ވަރަށް ގިނަ ރައްޔިތުންނަށް އެހީތެރިކަން ފޯރުވައިދެވުނު. ދިވެހި ރައްޔިތުން ބޭނުންވަނީ މިގޮތް.
އަޅުގަނޑުމެންގެ ސަރުކާރުވެސް އަޅުގަނޑު ބޭނުންވަނީ މިގޮތަށް އޮންނަން. އިރާދަކުރެއްވިއްޔާ، މި ސަރުކާރު ކުރިއަށްދާނީ މި އުސޫލުން. މާލޭ ސިޓީގެ މޭޔަރު ކަމަށްފަހު، ދެން މިހާރު ލޮބުވެތި ދިވެހި ރައްޔިތުން އަޅުގަނޑާ ހަވާލުކުރައްވާފައި މިވަނީ ތަފާތު އިމްތިޙާނެއްކަންނޭނގެ. އެއީ، މި މަގާމުގައި އަޅުގަނޑު ކަންކުރާގޮތް ބެއްލެވުން. އިރާދަކުރެއްވިއްޔާ، ދެންވެސް މަސައްކަތް ކުރާނީ ތިޔަ ލޮބުވެތި ރައްޔިތުންނާ ގާތުން.
ރާއްޖޭގެ ރަށްރަށަށް އަޅުގަނޑު ދަތުރުކުރާނަން. ހަމަ ހުރިހާ ރަށަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ދާނަން. ތިޔަބޭފުޅުންގެ އަސްކަނިދަށުން ލިބޭ ހިޔަލަކީ ވަރަށްވެސް ނިޔާމަ ހިޔަލެއް ކަމުގައި އަޅުގަނޑު އަބަދުވެސް ގަބޫލުކުރަން.
މީގެއިތުރަށް، ދިވެހި ކޮންމެ ރައްޔިތަކަށް އަޅުގަނޑާ ސުވާލުކުރެވޭގޮތަށް އަދި އެ ރައްޔިތެއްގެ އުދާސްތަކާއި، ޚިޔާލުތަކާއި، އުންމީދުތައް ސީދާ އަޅުގަނޑަށް ހުށަހެޅޭގޮތަށް، ރައީސް އޮފީހުގެ ވެބްސައިޓުގައި ޕޯޓަލްއެއް ޤާއިމުކުރާނަން. މި ޕޯޓަލް ތައްޔާރުކުރުމުގެ މަސައްކަތް މިހާރުވަނީ ފެށިފައި.
ދަންނަވަންތޯ، ދެފުށް ފެންނަ ސަރުކާރެއް އަޅުގަނޑު ބޭނުންވަނީ، އޭގެ ޙަޤީޤީ މާނައިގައި. ހަފުތާ 14ގެ ތެރޭގައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ޕަބްލިކް ފޯރަމްތަކެއް ބާއްވަން އިރާދަކުރެއްވިއްޔާ އަޅުގަނޑު ފަށާނަން. މިއީ ކޮންމެ ތިން މަހުން އެއްމަހު އޮންނާނެ ޕްރޮގްރާމެއް. ފުރަތަމަ ފޯރަމް، ފެބުރުވަރީ މަހުގެ ތެރޭގައި އޮންނާނެ. އަދި ވަޒީރުންވެސް މިފަދަ ފޯރަމްތަކެއް، ކޮންމެ ދެ މަހުން އެއްމަހު ބާއްވާނެ. ފުރަތަމަ ފޯރަމް، ޖަނަވަރީ މަހުގެ ތެރޭގައި އޮންނާނެ.