"ރަސްމާލެ" ވެގެންދާނީ ދުނިޔޭގައިވެސް ނަން ވިދާލާ ނަމޫނާ ސިޓީއަކަށް!: މި ފެށެނީ ދިވެހީންގެ ރަށްވެހިކަމުގެ މުޅިން އާ ރަން ޒަމާނެއް! ރައީސް ޑރ. މުޢިއްޒު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 25ސ
"ރަސްމާލެ" ވެގެންދާނީ ދުނިޔޭގައިވެސް ނަން ވިދާލާ ނަމޫނާ ސިޓީއަކަށް!: މި ފެށެނީ ދިވެހީންގެ ރަށްވެހިކަމުގެ މުޅިން އާ ރަން ޒަމާނެއް! ރައީސް ޑރ. މުޢިއްޒު

މިސަރުކާރުން ބިންހިއްކަންފަށާފައިވާ"ރަސްމާލެ" ވެގެންދާނީ ދުނިޔޭގައިވެސް ނަން ވިދާލާ ނަމޫނާ ސިޓީއަކަށް ކަމަށާއި މި ފެށެނީ ދިވެހީންގެ ރަށްވެހިކަމުގެ މުޅިން އާ ރަން ޒަމާނެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މިމޭރުމުން އެމަނިކުފާނު ވިދާޅުވީ "ކަންގަތި އެވޯޑް 2023" ދެއްވުމުގެ ޙަފްލާގައި ދެއްކެވި ވާހަކަފުޅުގައެވެ. 

ރައީސް ޑރ. މުޢިއްޒުގެ ވާހަކަފުޅުން: 

އަޅުގަނޑު މިތާނގައި ހަމަ ކޮންމެހެން ފާހަގަކޮށްލަން ބޭނުންވާ ނުކުތާއަކީ، ވެރިކަމުގެ އަމާނާތް، ރައްޔިތުން އަޅުގަނޑާ ހަވާލުކުރެއްވި ސަބަބު. ރައްޔިތުން އަޅުގަނޑާ ދެއްކެވި ވާހަކަ. ތަފާތު ވަރަށް ގިނަ ކަންބޮޑުވުންތައް ދިވެހިރައްޔިތުން އަޅުގަނޑާ ހިއްސާކުރި. ދިވެހިރައްޔިތުން އެކަންކަން އަޅުގަނޑާ ވަނީ ކަންބޮޑުވުމާ އެކީގައި އަދި ޝައުޤުވެރިކަމާއެކީ ހިއްސާކޮށްފައި. 

އެކަމަކު ވަކިޕާޓީއެއް ތަފާތުކުރުމެއްނެތި، އެންމެ ގިނަ ދިވެހި ރައްޔިތުން އަޅުގަނޑު ގާތު ދެއްކެވި އެއް ވާހަކައަކީ، ބޯހިޔާވަހިކަމުގެ ވާހަކަ. ކުދިކުދި ގޮޅިގޮޅީގައި، ތިންހަތަރު ކުދިން ގޮވައިގެން ނިދައި ކައިބޮއި ހެދުމުގެ ތަކުލީފުގެ ވާހަކަ. އެ ދިރިއުޅުމުގެ އަރާމެއް ނެތް ވާހަކަ. އަބަދާއި އަބަދު ކުރެވޭ ނިކަމެތި، ހިތްދަތި އިޙްސާސްތަކުގެ ވާހަކަ. އެ މަންމައިންގެ ލޮލުން އޮހުނު ކަރުނަ، އެ ވަގުތު ހިތްތަކަށް ކޮށްފައިވާ އަސަރު، އަޑުގައި ހުރި ވޭނާއި ރިހުން، މި ހިނދު މި ތަންވަޅު ވެސް ހަމަ ވީޑިއޯ ފީތާއެއްހެން އަޅުގަނޑުގެ ސިކުނޑީގައި އެބަ ހުޅުވި ދައުރުވޭ. ވަރަށް ފުން އަސަރެއް އެކަމުން އަޅުގަނޑަށް ކުރޭ. 

އެހެންވެގެން އަޅުގަނޑު ނިންމީ، ފުށިދިއްގަރު ފަޅު "ރަސްމާލެ"ގެ ނަމުގައި ހިއްކުމުގެ ބިޔަ މަޝްރޫޢެއް، އަޅުގަނޑުމެންގެ ވެރިކަމުގެ ފުރަތަމަ ހަފުތާ 14ގެ ތެރޭގައި ފަށަން. އެއީ މިހާރު މިއޮތް ހުޅުމާލޭގެ ތިން ހުޅުމާލެ ވަރުގެ ތަނެއް. އޭގެ އިތުރަށް، ގިރާވަރު ފަޅާއި، ގުޅިފަޅު ހިއްކައި، އެންމެ ޒަމާނީ ފެންވަރުގައި، އާ ޝަހަރުތަކެއް ދިވެހީންގެ ޙަޔާތަށް ހަދިޔާކުރެވޭނެ.

ރަސްމާލެ ވާނީ ނިކަން ވިންދު ހުރި ސިޓީއަކަށް. ރާއްޖޭގައި އެކަންޏެއް ނޫން. ދުނިޔޭގައިވެސް ނަން ވިދާލާ ނަމޫނާ ސިޓީއަކަށް. ރަސްމާލެ މި ބިނާކުރަނީ ތިމާވެށްޓާ ރައްޓެހި، ޒަމާނީ، ޑިޖިޓަލް، ސްމާޓް ސިޓީއެއްގެ ގޮތުގައި. 

އެހެންވީމާ، މި ފެށެނީ ދިވެހީންގެ ރަށްވެހިކަމުގެ މުޅިން އާ ރަން ޒަމާނެއް. މިއީ މުޅިން އެހެން ފެންވަރެއް. ރަސްމާލެއާއި ގުޅިފަޅަށް އިތުރުކުރެވޭ ބޮޑު ބިމާއި، ގިރާވަރުފަޅުން އިތުރަށް ހިއްކައި، އިތުރުކުރެވޭ ބޮޑު ބިމާއި، މިހާރު މި އޮތް ހުޅުމާލެއާއެކު، ދިވެހީންގެ ގެދޮރުވެރިކަމުގެ ޒަމާންވީ ހިތްދަތިކަމަށް ދާއިމީ ހައްލެއް ގެނެސްދެވޭނެ. ހަމަ މި ފަސްއަހަރު ތެރޭގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގޭ އެކި މަޝްރޫޢުތަކުން އިރާދަކުރެއްވިއްޔާ، މުޅި ރާއްޖެއަށް ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް އަޅުގަނޑުމެން ގެނެސްދޭނަން.

މިއަދު އޮންލައިން