ޒަމާނުންސުރެ ދިވެހިންނަކީ ސަރުކާރުން ކުރަންބޭނުންވާ ކަންކަމުގަ ބައިވެރިވެ އެއްބާރުލުންދީ، ނަތީޖާ ނެރޭ ބައެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިމޭރުމުން އެމަނިކުފާނު ވިދާޅުވީ "ކަންގަތި އެވޯޑް 2023" ދެއްވުމުގެ ޙަފްލާގައި ދެއްކެވި ވާހަކަފުޅުގައެވެ.
މިކަމުގެ ހެއްކެއްގެ ގޮތުން އެމަނިކުފާނު ދެއްކެވީ ދިވެހިންގެ އަމިއްލަ އަތުން ހުޅުލޭގައި އެޅި އެއާޕޯޓާއި ދިވެހިރާއްޖެއަށް މިނިވަންކަން ލިބުމެވެ.
ރައީސް ޑރ. މުޢިއްޒުގެ ވާހަކަފުޅުން:
ދިވެހީންގެ ޠަބީޢަތަކީ ގަދައަޅައި މަސައްކަތް ކުރުން. ފަތިހުފަތިހާ ހޭލުން. ޤާނޫނަކުން ލާޒިމު ކުރުމެއްނެތި، ޢާއިލާއާއި، މުޖުތަމަޢާއި، ޤައުމުގެ ޙައްޤުގައި، އެ މީހަކަށް ވެވުނު ޚިދުމަތެއް ކުރުން. އަދި އެ ކުރާ ކޮންމެ ކަމެއްގައި ފެންވަރު ހުރުން. ފަހުން ކުރަން، ކަންކަން ލަސްކޮށްފައި، ފަސްކޮށްފައި ނުބެހެއްޓުން.
އަދި ކީއްތޯ؟ މި ގޮތަށް ކުރެވޭ ކަންކަމުގައި، އެންމެން އެކުވެގެން، އެންމެންގެ އުފަލަށްޓަކައި މަސައްކަތް ކުރުން. ދިވެހީންގެ އޮޑިދޯނިފަހަރު އެހެލައި ބާލައި ހެދުމުގެ ސަގާފަތުން މިކަން އެނގޭ. ދިވެހީންގެ ގެދޮރު ހިޔާކުރާން ފަންގިލުން ފަދަ ކަންކަމުން، އެންމެން ގުޅިގެން ކުރާ މަސައްކަތުގެ މި ދެންނެވި ރޫޙާއި، އެ އެކުވެރިކަން ފެނޭ.
ދިވެހީންގެ ވެރިކަން ހިންގުމުގެ ނިޒާމު ވެސް އޮތީ ހަމަ މިހެން. ސަރުކާރަށް އެއްބާރުލުން ދިނުމުގައި ދިވެހީންނަކީ ނަމޫނާ ބައެއް. ދިވެހީން ތަރައްޤީވެ ކުރިއެރީ އެގޮތުން. މިސާލަކަށް، ދިވެހީންނަށް ބައިނަލްއަޤުވާމީ އެއަރޕޯޓެއް ލިބުނީ ވަޒީރުލްއަޢުޡަމް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު އެ ކަމަށް ބޭނުންފުޅުވި ހިނދު، މުޅި ދިވެހިރާއްޖެ އެކަމަށް ތަރުޙީބު ދިނީމާ.
ދިވެހީންނަށް އިނގިރޭސީންގެ އަޅުވެތިކަމުން މިނިވަން ވެވުނީ، އެ ކަމަށްޓަކައި ރައީސް ނާޞިރު ހިންގަވަން ބޭނުންވި ސިޔާސަތުތަކަށް، އޭރުގެ ރައްޔިތުންގެ މަޖިލީހުންނާއި، ރަށްރަށުގެ ކޮމިޓީތަކާއި، އަވަށް އަވަށާއި، މުޅި މާލެއާއެކު ފޯރީގައި ނިކުތީމާ.
ނަތީޖާއަކީ ކޮބައިތޯ؟ ދިވެހީންނަށް ބައިނަލްއަޤުވާމީ ވައިގެ ބަނދަރެއް، އާދެ، މިހާރުގެ ނަމުން ނަމަ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ލިބިގެންދިޔުން. ހަމަ އެހެންމެ، ދިވެހިރާއްޖެއަށް މިނިވަންކަން ލިބުން. ޑޮލަރު ލިބުން. ތަޢުލީމު ލިބުން. ބޭސްފަރުވާ ލިބުން. މިހުރިހާ ކަމަކަށް މަގު ހުޅުވިގެންދިޔުން.
އެހެންވީމާ، ދިވެހި ތާރީޚު އަޅުގަނޑުމެންގެ ގާތުގައި ނުވަތަ އަދުގެ ދިވެހީންގެ ކަންފަތްދޮށުގައި މަޑުމަޑުން ވިޔަސް، ބާރަށް ވިޔަސް، މި ބުނަނީ އެއް ވާހަކައެއް. އެ ވާހަކައަކީ ދިވެހީންނާ އެއްކޮޅަށް ކަންކަން ނިންމާށޭ! ދިވެހި ޤައުމާ އެއްކޮޅަށް ކަންކަން ނިންމުމުގެ ތަހުޒީބު ސިފަތައް ދިވެހީން ގައިގައި ހަރުލައްވާށޭ! ދިވެހި ރައްޔިތުންނަށް ފައިދާހުރި ކޮންމެ ކަމަކަށް އާނއެކޭ ބުނުމުގެ ހުޝިޔާރުކަން އަދި ސިކުނޑީގައި އެފަދަ ތެތްކަމެއް، ތޫނުކަމެއް، ހަމަ ކޮންމެ ދިވެއްސަކުމެ ބަހައްޓާށޭ! އަޅުގަނޑުގެ ސިޔާސަތަކީ މިއީ. ދިވެހި ރައްޔިތުންނާ އެއްކޮޅަށް ކަންކަން ނިންމުން. ދިވެހި ޤައުމާ އެއްކޮޅަށް ކަންކަން ނިންމުން.
ދިވެހި ރައްޔިތުންނާ އެއްކޮޅަށް ކަންކަން ނިންމުމަކީ ކޮބައިތޯ އަދި އޭގެ ފައިދާއަކީ ކޮބައިތޯ ބަލައި ވިސްނާލުން އެއީ މިރޭގެ މި ރަސްމިއްޔާތާ ވަރަށް ގުޅޭ މުނާސިބު ކަމެއް ކަމުގައި އަޅުގަނޑު ދެކެން.
މިސާލަކަށް، މި ހިނގާ 2023 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިނުގައި އަޅުގަނޑު ވާދަކުރަމުން ދިޔައިރު، އަޅުގަނޑު ރައްޔިތުންނަށް ވަރަށް ގިނަ ވަޢުދުވިން. އަދި އާންމުކޮށް ގިނަ މީހުން ނުވާ ބާވަތެއްގެ ވަޢުދެއް ވެސް އަޅުގަނޑު ތަކުރާރުކޮށް އެބަވަން. އެއީ ކޮން ވަޢުދެއްތޯ؟ އެއީ ވަޢުދުތައް ފުއްދާނެ ކަމަށް ވާ ވަޢުދު. ރައްޔިތުން އަޅުގަނޑާ ވެރިކަމުގެ އަމާނާތް ހަވާލުކުރެއްވި ފަހުން އެންމެ ގިނައިން ވެވޭ ވަޢުދަކީ މި ވަޢުދު. ﷲގެ ރަޙްމަތްފުޅާއެކު، ހުރިހާ ވަޢުދެއް ވެސް މިދަނީ އަޅުގަނޑުމެންގެ ޓީމުގެ ހިތްވަރާ އެކީގައި، ވަރަށް ރަނގަޅަށް ސުންގަޑިޔަށް ފުއްދަމުން، ފުދެމުން.