ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް ލޯބިޖެއްސުވުމަށް މަސައްކަތްކުރުމުގެ ފުރުޞަތު ޢިލްމްވެރިންނަށް ފަހިކޮށްދޭނަން!: ރައީސް ޑރ. މުޙައްމަދު މުޢިއްޒު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 5ސ
ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް ލޯބިޖެއްސުވުމަށް މަސައްކަތްކުރުމުގެ ފުރުޞަތު ޢިލްމްވެރިންނަށް ފަހިކޮށްދޭނަން!: ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް ލޯބިޖެއްސުވުމަށް މަސައްކަތްކުރެއްވުމުގެ ފުރުޞަތު ޢިލްމްވެރިންނަށް ފަހިކޮށްދެއްވާނެކަމަށް ައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިމޭރުމުން ވިދާޅުވީ ދިވެހި ޒަޢާމަތާއި ހަވާލުވެވަޑައިގަތުމަށްފަހު ޤައުމާ މުޚާޠަބު ކުރައްވައި ދެއްވި ފުރަތަމަ ތަޤުރީރުގައެވެ.  

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ޢިލްމުވެރީން؛

ކޮންމެ ޤައުމެއްގައިވެސް ޢިލްމުވެރީންނަކީ، އެ ޤައުމެއްގެ އިންސާނީ ކިއްލާގެ އެންމެ އުސް ކުރިބޯށިތައް. ރާއްޖޭގައިވެސް ތަފާތު އެކި ދާއިރާތަކުން ޢިލްމުވެރީން އެބަ ތިއްބެވި. ދީނީ ރޮނގުން. ބަހުގެ ރޮނގުން. ބޭސްވެރިކަމުގެ ރޮނގުން. އިމާރާތްކުރުމާއި، ވިޔަފާރިއާއި، ފަތުރުވެރިކަމާއި، ޓެކްނޯލޮޖީއާއި، ސައިންސްގެ އެކި ދާއިރާތަކުން. ވަކިން ޚާއްޞަކޮށް، އުނގަންނައި ދިނުމުގެ އެކި ދަރަޖަތަކުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑު ތަންފީޒުކުރާނެ ސިޔާސަތުގައި ކޮންމެ ދާއިރާއެއްގައިވެސް ޢިލްމާއި ޢިލްމުވެރީންގެ އަގުވަޒަންކުރާނަން. ޤަދަރާއި ކަމޭހިތުން ދޭނަން. ޢިލްމުގެ ނޫރު ބަބުޅާ ކޮންމެ ހިތަކީ، އެފަދަ ކޮންމެ ނިތަކީ، އަޅުގަނޑުމެންގެ ގާތުގައި، އުޖާލާ ތަރިއެއް.

ޒުވާނުންގެ ހިތްތަކުގައި، ދީނީ ލޯބި އިތުރުވާން އަޅުގަނޑު ބޭނުން. އުފެދެމުން އަންނަ ޖީލުތަކަކީ މާތްވެގެންވާ އިސްލާމްދީނަށް ޙުރުމަތްތެރިކޮށްހިތާ މާތް އަޚްލާޤެއްގެ ވެރި ބަޔަކަށްވެފައިވާ ތަން ދެކެން އަޅުގަނޑު ޝައުޤުވެރިވަން. އެހެންކަމުން، މާތްވެގެންވާ އިސްލާމްދީނަށް ދިވެހީންގެ ހިތްތަކުގައި ލޯބި އިތުރުކުރުމަށްޓަކައި މަސައްކަތްކުރާނަން. 

އެކަމަށްޓަކައި އެއްކަމެއްގެ ގޮތުގައި ދީނީ ޢިލްމުވެރީންގެ ޚިދުމަތަށް އޮންނަ މަގު ތަނަވަސްކޮށްދޭނަން. ދީނީ ޢިލްމުވެރީންގެ ދުލާއި ގަލަމަށް ރައްކާތެރި އަމާން ވެށްޓެއް ކަށަވަރުކޮށްދޭނަން. އަދި ކީއްތޯ؟ ސަރުކާރުން ދޭނީ ތާއީދާއި ތަރުޙީބު. މަދަދާއި އެހީތެރިކަން. ކީރިތި ޤުރްއާނުގެ ތަޢުލީމާ އެއްގޮތަށް ޙިކްމަތްތެރިކަމާއި، ރިވެތި ވަޢުޡާއި ނަސޭހަތުން ތިޔަބޭފުޅުން، ދީން ހުށަހަޅުއްވައިދެއްވާ! ދިވެހި ދަރީންނަކީ މާތްވެގެންވާ އިސްލާމްދީނާއި، މި ލޮބުވެތި ދިވެހި ޤައުމަށް، ވަފާތެރި، މުރާލި، ޒިންމާދާރު ބަޔަކު ކަމުގައި ހައްދަވައިދެއްވާ! އެކަމުގައި އުނގަންނައިދިނުމާއި، މުޢާމަލާތު ކުރުމުގެ ޒަމާނީ ޢިލްމީ އާ ގޮތްތައް ބޭނުންފުޅުކުރައްވާ! މިއަދުގެ ސިކުނޑިތަކަށް ޤަބޫލުކުރެވޭ ފަދަ ޒަމާނީ އުސްލޫބުތަކަށް އަހުލުވެރިވެވަޑައިގެން، އެ ގޮތްތައް ބޭނުންކުރައްވާ!

މި ފުރުޞަތުގައި، އެކި ދާއިރާތަކުން ކިޔަވައި ވިދާޅުވެގެން ތިއްބެވި ތިޔަ ޢިއްޒަތްތެރި ޢިލްމުވެރީންނާއި އަދި ރާއްޖޭގެ ޢިލްމީ މުއައްސަސާތަކުގެ ފަރާތުން އަޅުގަނޑު އެދޭ މުހިންމު ކަމެއްގެ ވާހަކަ ދަންނަވާލަން ބޭނުން. އެކަމަކީ، ސަރުކާރު ހިންގުމަށް އަޅުގަނޑު ވަރަށް ބޭނުންވާ ކަމެއް. އެއީ، ތިޔަބޭފުޅުންގެ ޢިލްމީ ދިރާސާތައް ގިނަކުރައްވައި، އެ ދިރާސާތައް އާންމުކުރެއްވުން. އެކަމުގެ މަގުތައް އިރާދަކުރެއްވިއްޔާ ތަނަވަސްކޮށްދޭނަން. އަޅުގަނޑު ބޭނުންވާ ގޮތަކީ، ޤައުމީ ތަރައްޤީއާ ބެހޭ ސިޔާސަތުތައް އެކުލަވައިލުމުގައި، ބިންގަލަކީ އަދި އަސްލަކީ، ޢިލްމުވެރީންގެ ޢިލްމީ ދިރާސާތައް ކަމުގައި ހެދުން. އެހެނީ، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ދިވެހީންގެ ކަންކަން ނިންމާނީ ދިވެހީން. އެކަމުގައި އެންމެ އިސްދައުރެއް އަދާކުރެވޭނެ ބަޔަކީ، ކޮންމެ ދާއިރާއަކުން ނަމަވެސް، ކަމުގެ ހޭލުންތެރިކަން ލިބިފައިވާ ފަރާތްތައް. އެހެންކަމުން، ޢިލްމީ ކޮންމެ ގަހަކީ މޭވާ ގަންނަ، ވަރިހެޔޮ ގަހަކަށްވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން.

- ރައީސް ޑރ. މުޢިއްޒުގެ ވާހަކަފުޅުން

 

މިއަދު އޮންލައިން