ދުނިޔޭގައި 2 ބިލިއަނެއްހައި މުސްލިމުން އެބަތިއްބެވެ. އެމީހުން ގެންދަނީ ޣައްޒާގެ ރައްޔިތުންނަށްޓަކައި އެމީހުންގެ މުދަލާއި ފައިސާ ދީލަތިކަމާއިއެކު ހޭދަކުރަމުންނެވެ. ތަކެތި ބޮޑެތި ފަރުބަދަތައް ފަދައިން ފުނިޖެހިފައި އެބަހުއްޓެވެ.
މުސްލިމުންގެ އާބާދީއަށް ނެތީ އެތަކެތި ޣައްޒާއަށް ދިއްކޮށްލުމުގެ ބާރެވެ. އެބާރު ލިބިގެންތިބި ބައަކީ މުސްލިމް ޤައުމުތަކުގެ ވެރިންނެވެ. އެމީހުންގެ ޙާލަށް ބަލައިފިނަމަ އެމީހުން ތިބީ ދެކުނު އެމެރިކާގެ ކާފިރު ޤައުމުތަކުގެ ވެރިންނާއި އެފްރިކާގެ ކާފިރު ޤައުމުތަކުގެ ވެރިން ވިދާޅުވާ ފަދަ ބާރުހުރި ބަހެއްވެސް ބުނެލަން ނުކެރި ހީކަރުވާފައިވާ ބަލިކަށި ކަނބިލިތަކެއްފަދައިންނެވެ.
މުސްލިމް އުންމަތުގެ ބާރު ހުރި ވެރިން ނިކަން ބުނެބަލާށެވެ! ޣައްޒާގެ ރައްޔިތުންނަށް ޖެހިފައިވާ ނިކަމެތިޙާލުގައި އެންމެ ކުޑަމިނުން ބޯނެ ފެންފޮދެއް ނުލިބި މަރުވަމުންދާއިރު ބޮއެލާނެ ފެންފުޅިއެއް ދިއްކޮށްލުމުގެ ބާރު ކަލޭމެންގެ ކިބައިގައި ނެތުމުން ތިމަންމެންނީ ވެރިން ކަމަށް ބުނަން ލަދެއް ނުގަނޭ ހެއްޔެވެ؟
މިއީ ﷲ ތަޢާލާ މުސްލިމުންނަށް ދެއްކެވި ވަރަށް ބޮޑު ޢިބްރަތެކެވެ. މުސްލިމުންގެ ބާރުހުރި މިންވަރު ދައްކަވައިލެއްވެވީއެވެ. ޢަދަދުގެ ގޮތުން ގިނަ ނަމަވެސް ކަނޑުގައި އުފެދޭ ރާޅުތަކުން އުފެދޭ ފޮނަށްވުރެ ބަލިކަށިވާނެ ދުވަސް އަންނާނެކަމަށް އޮތް ޙަދީޘްފުޅުގެ ތެދުކަން ދެއްކެވީއެވެ. ސަބަބުވެސް އޮތީ އެނގޭށެވެ. ދުނިޔޭގެ އެދުމަށް ދަހިވެތިކަން ބޮޑުވުމާއި މަރުދެކެ ގަންނަ ބިރު ބޮޑުވުމެވެ.
މިއީ މުޅި މުސްލިމް އުންމަތުން ޢިބްރަތް ޙާޞިލުކޮށް ފިލާވަޅު ލިބިގަންނަން ޖެހޭނެ ކަމެކެވެ. ޙާލަތު ބަދަލުކުރުން އޮތީ މީސްތަކުންގެ އަތްމަތީގައެވެ. ބޭނުންވަނީ ބާރުގަދަ ހަތިޔާރެއްވެސް ނޫނެވެ. ފައިށާއެއްވެސް ނޫނެވެ. އިޚްލާޞްތެރި ދުޢާއެވެ!