ދަރިން ލިބިފައިވާ ފިރިހެނަކާ ކައިވެނިކޮށްފަ، އެދަރިންނަށް ޚަރަދުކުރަން ހުރަސްއަޅާ އަންހެނުންނަށް އެކަމުގެ ހިތިކަން ތަޖުރިބާކުރަން ޖެހޭނެ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
ދަރިން ލިބިފައިވާ ފިރިހެނަކާ ކައިވެނިކޮށްފަ، އެދަރިންނަށް ޚަރަދުކުރަން ހުރަސްއަޅާ އަންހެނުންނަށް އެކަމުގެ ހިތިކަން ތަޖުރިބާކުރަން ޖެހޭނެ!

ކުރިން ކައިވެންޏެއްކޮށް ދަރިން ލިބިފައި ތިބޭ ފިރިހެނުންނާއި ކައިވެނިކުރުމަށްފަހު އޭނާއަށް ކުރިން ލިބިފައިވާ ދަރިންގެ ކަންކަން ބެލެހެއްޓުމަށާއި ޚަރަދުކުރުމަށް ހުރަސް އަޅައެވެ. އެދަރިން ދެކެން ނުދާން ދައްކާ ބަހަނާއަކީ ކުރީގެ އަނބިމީހާއާއި ބައްދަލުވާނަމަ އެކަމުގެ އަސަރު ކައިވެންޏަށް ކުރާނެ ކަމެވެ. ކުރީގެ އަނބިމީހާ ފިރިމީހާގެ މައްޗަށް ގަދަވެގެންފާނެ ކަމެވެ.  

މިއީ ވަރަށް ޢާންމު މައްސަލައެކެވެ. އެހެންކަމުން މިކަމުން ދެން ނުކުންނަ ނަތީޖާއަށްވެސް ބަލައިލަން އެބަޖެހެއެވެ.  

ފިރިމީހާއަކީ ފުރަތަމަ އަނބިމީހާ ވަރިކުރިނަމަވެސް ދަރިންގެ ކަންކަން ގާތުން ބަލައި ޚަރަދުކުރަމުން އައި މީހެކެވެ. އެކަމަށް ހުރަސް އަޅައި އެކަން ހުއްޓުވީއެވެ. ފިރިމީހާ އެގޮތަށް ކަންކަންކުރަން ހޭނުނީއެވެ.  

ދުވަސްކޮޅެއް ފަހުން ދެވަނަ އަނބިމީހާވެސް ވަރިކުރީއެވެ. 2 ދަރިންވެސް ލިބުނު ފަހުންނެވެ. ދެން ކަންކަންވާނީ ކިހިނަކުން ހެއްޔެވެ؟ ފަހުން ލިބުނު 2 ދަރިންނާއި އަޅައިލާނެ ހެއްޔެވެ؟ އެދެދަރިންނަށް ޚަރަދުކުރާނެ ހެއްޔެވެ؟ އަނބިމީހާ އޭނާއަށް ދަސްކޮށްދިން ނުބައި އާދަ ބަދަލުކުރާނެހެއްޔެވެ؟  

ޖަވާބަކީ ވަރަށް މަދު މީހަކު ނޫނީ ބަދަލެއް ނުކުރާނެއެވެ. ފަހުން ލިބުނު 2 ދަރިންނަކީ އެއްވެސް މައްސަލައެއް ކަމަކަށް އޭނާ ނުދެކޭނެއެވެ. 

މިއީ އަންހެނުން ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ ކަމެކެވެ. ދަރިން ތިބި ފިރިހެނަކާއި ކައިވެނިކޮށްފިނަމަ ކުރިން ލިބިފައިވާ ދަރިންނަށް އެހީތެރިވެ، އެކުދިންގެ ކަންކަން ގާތުން ބަލަހައްޓައި އަދި ޚަރަދުކުރަން ހުރަސް ނާޅާށެވެ! އެކަމުގެ ހިތިކަން ތިމާއަށްވެސް ތަޖުރިބާކުރަން ޖެހުން އޮންނާނީ ދާދިގާތުގައިކަން ދަންނާށެވެ!  

އެއިގެ ބަދަލުގައި ކުރިން ލިބިފައިވާ ދަރިން ބަލަނީ އެދަރިންގެ މަންމަ ނަމަވެސް ތިމާއަކީވެސް އެދަރިންގެ މަންމައެއްގެ ގޮތުގައި ވިސްނާށެވެ! އެދަރިންނަށް އަޅާލައި ޚަރަދުކުރަން ފިރިމީހާއަށް ހިތްވަރުދޭށެވެ! ނަތީޖާ ފޮނިވާނެއެވެ! އިން ޝާ ﷲ 

އަދި ކީއްހެއްޔެވެ؟ އެގޮތަށް ކަންކަން ކުރާނަމަ ފިރިމީހާގެ ހިތުގައި ތިބާއަށް ލޯބިވެސް އިތުރުވާނެއެވެ. އިން ޝާ ﷲ

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން