ވަރަށް ކުރުކުރުކޮށް މިބުނަނީ ވަރަށް ގިނަ ވާހަކަތަކެކެވެ. އަދި އެހައިމެ މުހިންމު ވާހަކަތަކެއްވެސްމެއެވެ.
ޒަވާޖީ ޙަޔާތެއް ފަށައިގެން ކުރިއަށްދާއިރު ފިރިމީހާއަށްވިޔަސް، އަނބިމީހާއަށް ވިޔަސް ކުރެވޭ ކުށަކާއި ގުޅިގެން އަނެކާ ސުވާލުކޮށްފިނަމަ ސުވާލު އެކުރަނީ އޭނާއަށް އެނގިގެންކަން ޔަޤީންކުރާށެވެ. އެކަން އޭނާއަށް ނުއެނގޭނަމަ ސުވާލުކުރާކަށް ނުއެނގޭނެއެވެ.
ސުވާލުކުރީ ޝައްކެއްގެ މައްޗަށްކަމަށްވާނަމަ ޝައްކު އުފެދޭނީ ސަބަބުތަކެއް ހުރެގެންކަމަށް ޤަބޫލުކުރާށެވެ. ނޫންނަމަ ސީދާ "ޕޮއިންޓަށް" ސުވާލުކުރާކަށް ނުއެނގޭނެއެވެ.
ލޮބުވެތި އެކުވެރިންނޭވެ! ތިމާއަށް ކުރެވެމުން އަންނަ ކުށަކާއި ގުޅިގެން ބައިވެރިޔާ ސުވާލުކޮށްފިނަމަ ދޮގުބުނެ އޮޅުވާލަން މަސައްކަތްނުކުރާށެވެ. އެހިސާބުންވެސް ތެދުބުނާށެވެ. މާފަށް އެދެންޖެހޭނަމަ މާފަށް އެދި އަވަހަށް އެކަން ޙައްލުކުރާށެވެ.
އޮޅުވައިލެވޭނީ ދުވަސްކޮޅަކަށެވެ. ޙަޤީޤަތް ހާމަވާނެއެވެ. ޙަޤީޤަތާއި ކުރިމަތިލާންޖެހޭނެއެވެ. އެހެން މިބުނަނީ ދެމަފިރިން ދުރުކުރަން ގޯސްތައް ހައްދުވަނީ ޝައިޠޯނާއެވެ. އެކަން ކާމިޔާބުކުރެވުމުން އެކަން ފަޅާއަރުވާލައި ބޭޒާރުކޮށްލުވާނީވެސް ހަމަ ޝައިޠޯނާއެވެ. ޝައިޠޯނާ ހިންގުވި މަޝްރޫޢު ކާމިޔާބުކުރެވި ޝައިޠޯނާ ބޭނުންވިގޮތަށް ކަންތައްތައް ނިންމައިލެވޭނީ ފަޅާއަރުވާލައިގެންކަމަށްވާތީއެވެ.
އެހެންވީމާ އަހުރެމެން އަބަދުވެސް ތިބެންޖެހޭނީ އެކަމަށް ތައްޔާރުވެގެންނެވެ. ކުށެއް ކުރެވިއްޖެނަމަ އެކަންކުރުވީ ޝައިޠޯނާކަން ޤަބޫލުކޮށް އަވަހަށް އެކަމެއް ކުރުން ހުއްޓައިލާށެވެ. ހުއްޓައިނުލެވެނީސް ބައިވެރިޔާ ސުވާލުކޮށްފިނަމަ ފުރަތަމަ ކަމަކަށްވެސް ވިސްނަންވީ ޝައިޠޯނާގެ ދެވަނަ މަޅީގައި ނުޖެހުމަށެވެ. އެއީ ކުރިން މިބުނިފަދައިން ދޮގުބުނެ އޮޅުވައިލުމެވެ.
ކުރުކޮށް ނަމަވެސް މިބުނީ ވަރަށް ގިނަ ވާހަކަތަކެކެވެ. ޒަވާޖީ ޙަޔާތް ކާމިޔާބުކޮށް އުފާވެރި ދިރިއުޅުމަކަށް އުންމީދުކުރާ ކޮންމެ މީހަކުވެސް މިކަންކަމަށް ވިސްނައިލުން ބުއްދިވެރިއެވެ. މިމަގުން ޢަމަލުކޮށް ތެދުބުނެ މާފަށް އެދުމާއިއެކު ޢަމަލުތައް އިޞްލާޙްކޮށްފިނަމަ ޝައިޠޯނާއަށް ޖެހޭނީ ފޭލްވެގެން ދުރަށްދާށެވެ. އިން ޝާ ﷲ
- އަލަފް