މިއަދަކީ "ވަރލްޑް ސައިޓްޑޭ" ނުވަތަ ދުނިޔޭގެ ލޮލުގެ ފެނުމުގެ ދުވަހެވެ. މިދުވަސް މުޅި ދުނިޔޭގައި ފާހަގަ ކުރަމުންދާއިރު، ކަންބޮޑުވާންޖެހޭ ފަދަ ހަގީގަތްތަކެއް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވަނީ ހާމަ ކޮށްފައެވެ.
ދުވަހާ ގުޅުވައި ޑަބްލިއުއެޗްއޯ އިން ނެރުނު ބަޔާނެއް ބުނާ ގޮތުން، އަންދާޒާ ކުރެވޭ ގޮތުގައި ދުނިޔޭގައި މިވަގުތު 2.2 ބިލިއަން މީހުން ލޮލުގެ ފެނުމަށް މައްސަލަތައް ކުރިމަތިވެފައިވާ ހާލުގައި ދިރިއުޅެމުން ގެންދެއެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 30 އިންސައްތަ ދިރިއުޅެމުން ގެންދަނީ ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުގައި ކަމަށް ބުނެފައި ވެއެވެ.
މީގެ އިތުރުން ފެނުމުގެ މައްސަލަތައް ކުރިމަތިވެފައިވާ މީހުންގެ ދެބައިކުޅައެއްބައި މީހުންނަށް އޮޕަރޭޝަން ކޮށްގެން ނުވަތަ އައިނު އަޅައިގެން ހައްލު ހޯދާ ދެވޭނެއެވެ.
ލޮލުގެ މައްސަލަތައް ކުރިމަތިވުމުން ދިމާވާ ކަންކަމަށް ބަލާއިރު، ޅަފަތުގައި ނަމަ ތައުލީމީ ފުރުސަތުން މަހްރޫމު ވުމާއި އަދި ބޮޑެތި މީހުންނަމަ އެންމެ ފުރިހަމަކޮށް މަސައްކަތް ކޮށް ނޫޅެވުން ހިމެނެއެވެ.މީގެ އިތުރުން މާޔޫސް ވުމާއި ޑިޕްރެޝަންގެ މައްސަލަތަކަކީވެސް ލޮލަށް ނުފެންނަ މީހުންގެ މެދުގައި އާންމު ކަމެއް ކަން ޑަބްލިއު އެޗްއޯ އިން ފާހަގަ ކުރެއެވެ.
ދުނިޔޭގެ ލޮލުގެ ފެނުމުގެ ދުވަސް ކޮންމެ އަހަރަކު ފާހަގަ ކުރަނީ ކޮންމެ އޮކްޓޯބަރު މަހެއްގެ ދެވަނަ ބުރާސްފަތި ދުވަހުއެވެ.މަގްސަދަކީ ދެލޯ ރައްކާތެރިކޮށް ބެލެހެއްޓުމުގެ މުހިންމު ކަމުގެ މައްޗަށް ސަރވިސް ޕްރޮވައިޑަރުންނާއި އަދި ނިންމުންތައް ނިންމާފަރާތްތައް ގުޅިގެން ހޭލުންތެރިކަން އިތުރު ކުރުމެވެ.
މިހާރު ހާމަ ވެފައިވާ ގޮތުގައި މިރީޖަން ގައި ތިބި ލޮލަށް ނުފެންނަ އަދި ފެނުން ދަށް ވެފައިވާ މީހުންގެ 90 އިންސަތަ މީހުންނަކީ ކެޓަރެކްޓް ޖެހިފައިވާ މީހުންނެވެ.މިއީ ފަރުވާދީ ފަސޭހަ ކުރެވޭނެ ބައްޔެކެވެ. އެހެން ކަމުން ވަރލްޑް ހެލްތު އެސެމްބްލީ އިން 2021 ވަނަ އަހަރު ކަނޑައަޅާފައިވަނީ 2030 ވަނަ އަހަރު އަންނަންވާއިރު މީގެ ތެރެއިން ބޮޑުބަޔަކަށް އެމީހަކަށް ބޭނުންވާ ފަރުވާ.(ރިފަރެކްޓިވް އެރަރ ކަވަރޭޖް) ދިނުމަށެވެ.
މިހާރު މިސަރަހައްދުގެ ގިނަ ގައުމުތަކުގައި މި އިންސައްތަ އުޅެނީ 26 ނުވަތަ 27 އިންސައްތައިގައި ކަމަށް ވެއެވެ. The Regional Action Plan for Integrated People-Centred Eye Care 2022–2030 މިރިޕޯޓް ގައިވާ ގޮތުން ހަކުރުބަލި ތަހައްމަލް ކުރާ މީހުން ގެ 80 އިންސައްތަ މީހުން ރެޓީނޯޕަތީ އަށް ސްކްރީން ކުރުމަށް ވެސް ވަނީ ނިންމާފައެވެ.ގަވާއިދުން ލޮލުގެ ފެނުން ޗެކް ކުރަމުންދާނަމަ ކުރިމަތިވާ މައްސަލަތައް ކުރިޔާ ދެނެގަނެވޭނެއެވެ.
އެންމެ ފަސޭހައިން ފެނުން ގެއްލޭކަން އިނގެނީ ދުރުން ދައްކާ އަކުރު ތަކެއް ނުވަތަ އެއްޗެއް ސާފުނުވާ ހަމައިންނެވެ. ޑަބްލިއު އެޗްއޯ އިން މިހާރުވަނީ އަމިއްލަޔަށްވެސް ލޮލުގެ ފެނުން ޗެކްކޮށްލެވޭނެ ހިލޭ މޯބައިލް އެޕެއް ތައްތާރު ކޮށްފައެވެ.މި އެޕް، WHOeyes ބޭނުން ކޮށްގެން ސްމާޓް ފޯނަކުން ނުވަތަ ޓެބްލެޓަކުން އަމިއްލަޔަށް ލޯޗެކްކޮށްލެވޭނެ ކަމަށް ވެއެވެ. މިގޮތަށް ލޯޗެކް ކުރެވުނު ނަމަވެސް ޕްރޮފެޝަނަލް މީހުން ލައްވާ ޗެކް ކުރާކުރުން ތައް ކުރިޔަށް ގެންދިއުމަށް އެފަރާތުން އިލްތިމާސް ކޮށްފައި ވެއެވެ.