ރާއްޖެއަށް އިންވެސްޓްކުރުމަކީ މަޖުބޫރެއް ނޫން، ބޭނުންވަނީ ދިވެހިންނަށް ނަފާ ހޯދައިދޭން: މުޙައްމަދު އަލައްބާރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 51ސ
ރާއްޖެއަށް އިންވެސްޓްކުރުމަކީ މަޖުބޫރެއް ނޫން، ބޭނުންވަނީ ދިވެހިންނަށް ނަފާ ހޯދައިދޭން: މުޙައްމަދު އަލައްބާރު

ރާއްޖެއަށް އިންވެސްޓް ކުރުމަކީ ކޮންމެހެން މަޖުބޫރު ކަމެއް ނޫން ކަމަށާއި، ނަމަވެސް އޭނާގެ އަމާޒަކީ ދިވެހި ރައްޔިތުންނާއި ވިޔަފާރިތަކަށް ސީދާ މާލީ ނަފާއާއި ފުރުސަތުތައް ލިބޭނެ ގޮތަށް މަޝްރޫޢުތައް ކުރިއަށް ގެންދެވުން ކަމަށް އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލައްބާރު ވިދާޅުވެއްޖެއެވެ.

އަލައްބާރު މިހެން ވިދާޅުވީ، ރަސްމާލޭގައި ތަރައްޤީ ކުރުމަށް ރާވަމުންދާ "މޯލްޑިވްސް ވޯޓަރ ފްރޮންޓް އެންޑް މެރީނާ" މަޝްރޫޢާ ގުޅޭގޮތުން ރާއްޖޭގެ ވިޔަފާރިވެރިންގެ ޚިޔާލާއި މަޝްވާރާ ހޯދުމަށް ޑުސިޓް ޑީޓޫ ފޭދުއްފިނޮޅުގައި ބޭއްވި ޚާއްޞަ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ސަރުކާރުގެ ވަޒީރުންނާއި، އިސް އޮފިޝަލުންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނާއި ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ދުނިޔޭގެ 20 ޤައުމެއްގައި 450 ބިލިއަން ޑޮލަރުގެ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ހިންގަވާފައިވާ އަލައްބާރު ވިދާޅުވީ، އޭނާގެ އިންވެސްޓްމެންޓް ފަލްސަފާއަކީ ހަމައެކަނި ބޭރުގެ އިންވެސްޓަރުންނަށް މާލީ ފައިދާ ހޯދުމުގެ ބަދަލުގައި، އެ ޤައުމެއްގެ ރައްޔިތުންނަށް އޭގެ ފައިދާ އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން ކަމަށެވެ.

"އަޅުގަނޑުމެން މަޝްރޫޢުތައް ހިންގާފައިވާ އެހެން ޤައުމުތަކުގައިވެސް މަސައްކަތް ކުރިއަށް ގެންދިޔައީ މިގޮތަށް. އެ ޤައުމުތަކުގައި މަސައްކަތް ކުރިއަށް ގެންދިއުމުގައި 100 އިންސައްތަ އެ ޤައުމެއްގެ ރައްޔިތުން ހަރަކާތްތެރިވޭ،" އަލައްބާރު ވިދާޅުވިއެވެ.

އީގަލް ހިލްސްގެ ޗެއަރމަން އިތުރަށް ވިދާޅުވީ، އާންމުކޮށް މިފަދަ ބޮޑެތި މަޝްރޫޢުތަކުގައި ދެވޭ ފުރުސަތުތަކާ ޚިލާފަށް، ރާއްޖޭގެ ފުރަތަމަ ފަހަރަށް ދިވެހި ރައްޔިތުންނާއި ވިޔަފާރިތަކަށްވެސް ސީދާ އިންވެސްޓް ކުރުމުގެ ޚާއްޞަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ގަސްތުކުރައްވާ ކަމަށެވެ.

ކުންފުނީގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ސަރުކާރާ ގާތުން މުއާމަލާތްކޮށްގެން ވީހާވެސް އަވަހަށް މޯލްޑިވްސް ވޯޓަރ ފްރޮންޓް އެންޑް މެރީނާ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުން ކަމަށްވެސް އަލައްބާރު ވިދާޅުވިއެވެ.

މިއަދު އޮންލައިން