ގެއިން ބޭރުގައި އުޅޭއިއރު މީހުންނަށް ސުންނަތުގައިވާ ގޮތް ކިޔައިދެމުއެވެ. ސުންނަތަށް ޢަމަލުކުރުމުގެ މަތިވެރިކަންވެސް ބަޔާންކުރަމުއެވެ. ގެއަށް އައިސް ވަނުމާއިއެކު ސުންނަތުގައިވާ ގޮތަށް ޢަމަލުތައް ބެހެއްޓެނީ މަދުމީހެކެވެ. އަނބިމީހާ އާއި ދަރިންނާއިމެދު ޢަމަލުކުރެވެނީ ސުންނަތާއި ޚިލާފަށެވެ. އެފަދަ ކުޑަކުޑަ އެހެނަސް ވަރަށް ޢާންމު ކަމެއް ފާހަގަކޮށްލާނަމެވެ.
އަނބިމީހާ ކެއްކި ތަކެތީގެ ރަހަ ނުބައިވެގެން ރުޅި އައުމަކީ ރަސޫލް (ﷺ) ގެ ސުންނަތާއި ޚިލާފް ކަމެކެވެ. ދުވަހަކުވެސް ރަސޫލް (ﷺ) އެފަދަ ކަމެއްގައި އެއްވެސް ޝަކުވާއެއް ކުރައްވަވާފައެއް ނުވެއެވެ.
ރަސޫލް (ﷺ)ގެ އަނބިކަނބަލުންގެ ތެރެއިން ޢައިޝާ (ރޢ) އަކީ އުމުރުފުޅުން ވަރަށް ހަގު އަދި ކާބޯތަކެތި ތައްޔާރު ކުރެއްވެވުމުގެ އެއްވެސް ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ބޭކަނބަލަކަށް ނުވުމުން ފުރަތަމަ ކޮޅުގައި ކެއްކެވި ތަކެތީގެ ރަހަ އެހައި ފުރިހަމައެއް ނޫނެވެ. އެހެންކަމާއިއެކުވެސް ދުވަހަކުވެސް އެއްވެސް ޝަކުވާއެއް ކުރައްވަވާފައެއް ނުވެއެވެ. ރަހަ ނުބައިކަމަށްވެސް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް މީރުކޮށް ކައްކަވަން ދަސްފުޅުކޮށްދެއްވަވަން ކަންކަން ކުރެއްވެވިއެވެ.
އަހަރެމެން ޢިބްރަތް ޙާޞިލުކުރަންވީ ރަސޫލް (ﷺ) ދެއްކެވި މިފަދަ މިސާލުފުޅުތަކުންނެވެ. އެކަންކަމުން ޢިބްރަތް ޙާޞިލު ނުކުރާނަމަ ހަމަޖެހިލައިގެން އުފަލުގައި ދިރިއުޅެވޭނެ ދުވަހެއް ދުވަހަކުވެސް ނުފެނުން އެކަށީގެންވެއެވެ.
މިފަދަ ތަހުޒީބީ ޒަމާނުގައިވެސް، ގިނަ ބައަކު ކިޔަވައި ހޭލުންތެރިވެގެން ތިބި ޒަމާނުގައި ވެސް ބައެއް ޢާއިލާތަކުގައި އެންމެ ބޮޑު އެއް މައްސަލައަކަށްވެފައި އޮންނަނީ އަނބިމީހާ ކައްކާ ތަކެތީގެ ރަހައެވެ. ޙަޤީޤަތުގައި ގިނަ ފަހަރު މައްސަލަ އުފެދެނީ ރަހަ ނުބައިވެގެނެއްވެސް ނޫނެވެ. ފިރިމީހާ ބޭނުންވާ ވަރަށް މީރުނުވުމުންނެވެ.
ހިތާމައަކީ ތަށި ހޫރައިލުމާއި ނުބައި ބަސްތައް ބުނުން ފަދަ ކަންކަންވެސް ކުރެވޭ ކަމެވެ. ކިތަންމެ މީރުކޮށް ކައްކާ މީހަކަށް ވެސް ހުރިހާ ފަހަރަކު އެއް ފެންވަރަކަށް ނުކެއްކިދާނެއެވެ. ރަހަ ބަދަލުވެދާނެއެވެ. މީގެ އިތުރުން އަނބިމީހާ ކައްކަން އުޅޭއިރު ދަރިންގެ ކިބައިން ނުވަތަ އެނޫންވެސް ގޮތަކުން ކުރިމަތިވާ މައްސަލަތަކެއްގެ ސަބަބުން ދޭންޖެހޭ ސަމާލުކަން ނުދެވިގެންވެސް ރަހަ ބަދަލުވާނެއެވެ. ކާތަކެތި ކައްކަނީ ފިރިމީހާ އެކަނި ކެއުމަކަށް ނޫނެވެ. ދަރިންނާއި އަނބިމިހާވެސް ޖެއުމަށެވެ. ވީއިރު ޤަޞްދުގައި ރަހަ ނުބައި ކުރުމަކީ އެއްވެސް މީހަކު ކުރާނެ ކަމެއް ނޫނެވެ.
ވިސްނައިލަން ޖެހޭނެ އެއް ކަމަކީ އެފަދަ ހާލަތެއް އަނބިމީހާއަށް މެދުވެރިވެފައިވާނަމަ އެކަމުގެ ޒިންމާއިން ބައެއް ފިރިމީހާގެ ބޮލުގައިވެސް އެޅޭ ކަމެވެ. އެހެނީ އެފަދަ ޙާލަތު އަނބިމީހާއަށް މެދުވެރި އެވަނީ އެވަގުތު އަނބިމީހާއަށް ބޭނުންވާ އެހީތެރިކަން ލިބޭނެ ގޮތެއް ނެތުމުން ކަމަށްވާތީއެވެ. އެ އެހީތެރިކަން ފޯރުކޮށް ދިނުމަކީ ފިރިމީހާގެ މަސްއޫލިއްޔަތެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން