ރޯމާދުވާލު ކޮރަޕްޝަން ހިންގަނީ ކިހާވަރެއްގެ ބާރުވެރިކަމެއް އޮތީމަތޯ؟: ޤާސިމް

ކިޔުމަށް ހޭދަވާނީ 3މ 12ސ
ރޯމާދުވާލު ކޮރަޕްޝަން ހިންގަނީ ކިހާވަރެއްގެ ބާރުވެރިކަމެއް އޮތީމަތޯ؟: ޤާސިމް

ރައީސުލްޖުމްހޫރިއްޔާ ރޯމާދުވާލު ކޮރަޕްޝަންގެ އަމަލުތައް ހިންގަނީ ކިހާވަރެއްގެ ބާރުވެރިކަމެއް އޮތީމަތޯ ގައުމީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމް ސުވާލު އުފައްދަވައިފިއެވެ.

ގައުމީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ލ.އަތޮޅު ގަމުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވިދާޅުވީ އެމަނިކުފާނު ރިޔާސީ އިންތިހާބަށް ނުކުތުމަށް މަޖުބޫރުކުރުވީ މިސަރުކާރުން ރައްޔިތުންނަށް ވަމުންދިޔަ ބޮޑު ޚިޔާނާތާއި ގައުމުގެ އިސްތިގްލާލާއި އަމްނު އަމާންކަން އަދި ގައުމުގެ އިން ބޭރުގެ ފަރާތްތަކަށް ވިއްކާލުން ކަމަށެވެ.

މިކަންކަމާއި ދެކޮޅަށް ރައްޔިތުންނާއެކު ބައިވެރިވެ އެމަނިކުފާނު ހާލަތު ބަދަލުކުރުމަށް ވާންޖެހޭ ކޮންމެ ގުރުބާނީއެއް ވުމަށް ތައްޔާރަށް ހުންނެވި ކަން ގާސިމް ފާހަގަކުރެއްވިއެވެ.

ގާސިމް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ހިންގަންޖެހޭނީ ރައްޔިތުންނަށް ޚިދްމަތްދީ ތަރައްޤީގެ ފުރުސަތު ހޯދާދިނުމުގެ މަގްސަދުގައި ކަމަށާއި އެހެން ނަމަވެސް މިސަރުކާރުން އެކަން ކުރަނީ ޚިޔާނާތުގެ ފައިސާ ޖީބުތަކަށް ބަރުކުރުމުގެ މަޤްސަދުގައި ކަމަށެވެ.

ގާސިމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައިވެސް ކަންތައް ވަމުންދިޔައީ އެގޮތަށް ފޮށިފޮށި ގަނޑުގައި މިލިއަނުން ޑޮލަރު ކަޅުފައިސާ ޔާމީންގެ ގެކޮޅަށް ވަދެނިކުންނަމުންދިޔަ ކަމަށް ޔާމީންވެސް ވެރިކަމުގައި ހުރެގެންވެސް ފާޅުގައި ވިދާޅުވަމުން ދިޔަ ކަމަށާއި ވެރިކަން ނިމުނުއިރު ޔާމީންގެ އެކައުންޓްތައް ފުރިފައިވަނީ ކޮރަޕްޝަންގެ ކަޅު ފައިސާއިން ކަމަށެވެ.

ގާސިމް ވިދާޅުވީ ކޮރަޕްޓް ސަރުކާރުތައް އަލުން ބަލުން ގެނެސްގެން ރައްޔިތުންނަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތްކަމަށެވެ. މިސަރުކާރުންމިއަދާ ހަމައަށް ދެމިއޮތީ ދަރަނީގެ ދަންތުރަޖަހާގެން ރައްޔިތުން އެދަންތުރާގައި ޖައްސާގެން ކަމަށެވެ.\

ގާސިމް ވިދާޅުވީ "ރާއްޖެ ދަރާފައިވަނީ އިންޑިއާއަށް. އެގައުމުގައި ރައްޔިތުންތިބީ ސާފު ފެން ފުދެއްވެސް ނުލިބި. ދެން ކީއްވެ ރާއްޖެއަށް މިވަރަކުން މި އެހީވަނީ. އަމިއްލައަށް ވިސްނާލީމަ އެނގޭނެ ވަނީ ކީއްކަން. މިނިވަންކަން ގެއްލިދަނީ. ވޯޓުން އެކަން އެނގޭނެ" ކަމަށެވެ.

ގާސިމް ވަނީ ސަރުކާރު ކުންފުނިތަކުން އިންތިހާބާއި ދިމާކޮށް ހިންގާ ކޮރަޕްޝަންގެ އަމަލުތަކުގެ މައްޗަށްވެސް އަލިއަޅުވާލައި ވާހަކަފުޅު ދައްކަވާފައެވެ.

ގާސިމް ވިދާޅުވީ "ދައުލަތުގެ އެއްވެސް އެއްޗެއް ބޭނުންކޮށްގެން ނުވާނެ. ކިހާވަރެއްގެ ބާރުވެރިކަމެއް އޮތީމަ މިހެން ކަންކުރާނީ. އޭގެ މިސާލަކީ ގުރައިދޫ ބައި އިލެކްޝަންގައި ކަން ހިނގިގޮތް. 20000 ރުފިޔާ އެއް ވޯޓަށް ދީގެން އޭރު ވޯޓު ގަތީ" ކަމަށެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ސަކާރުން ހިންގި ކޮރަޕްޝަންގެ އަމަލުތައް ގާސިމް ވިދާޅުވެދެއްވިއިރު އެ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައިވެސް އިދިކޮޅު މެންބަރުންވަނީ ތުހުމަތު ކުރައްވާފައެވެ.

އެގޮތުން އާސަންދައިން ބޮޑެތި ހަރަދުކޮށްފައިވާކަމަށާއި 13 ދުވަހުގެ ތެރޭގައި 170 މިލިއަން ރުފިޔާ އެދާއިރާއަށް ހަރަދުކުރިކަން ހާމަވެފައިވާކަން ބައެއް މެންބަރުންވަނީ ފާހަގަކޮށްފައެވެ. އަދި އިންތިހާބާއި ދިމާކޮށް އުސޫލުން ބޭރުން ސްޓެލްކޯއިން 80 ވަޒީފާ، އެދާއިރާގެ ރައްޔިތުންނަށް ބަހާފައިވާ ކަމަށް ތުހުމަތު ކުރެވުނީ ސްޓެލްކޯގެ މައްޗަށެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި ތިން ޕާޓީއަކުން ވާދަކޮށް ސަރުކާރު ހިންގާ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓު އިބްރާހިމް ޝާޒް އިންތިހާބު ކާމިޔާބުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ ކުރައްވާފައިވާއިރު މިއީ އެ ޕާޓީއަށް އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި، ވާދަކުރެއްވި ތިން ކެންޑިޑޭޓުންގެ ފަރާތުން ހުށަހަޅާފައިވާ، މާލީ ބަޔާންތަކަކީ އިންތިހާބުތަކާ ބެހޭ ޢާންމު ގާނޫނުގެ 73ވަނަ މާއްދާގައިވާ ގޮތުގެ މަތީން ހުށަހަޅާފައިވާ މާލީ ބަޔާނަކަށް ނުވާތީ، އެ ގާނޫނުގެ ދަށުން، މި ތިން ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުންގެ އިންތިޚާބީ އޭޖެންޓުން ކުރެ، ކޮންމެ ފަރާތެއް 6000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް އީސީން ވަނީ އިންތިހާބުގެ ފަހުން ނިންމާފައެވެ.

 

ހަބަރު: ވީނިއުސް

މިއަދު އޮންލައިން