ކ. ކާށިދޫ ސިއްޙީ މަރުކަޒުގައި ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ. މި ޚިދުމަތް ފައްޓަވައިދެއްވީ ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ. ވަޒީރު ވަނީ މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްފަހު، އެތަނުގެ ޚިދުމަތްތައް ބައްލަވާލައްވާފައެވެ.
މި ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، މިއީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ތެރެއިން ނެރުނު މުހިންމު ނަތީޖާއެއް ކަމަށެވެ. އަދި މިއީ ކާށިދޫގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ބޭނުންޖެހިފައި އޮތް މުހިންމު ޚިދުމަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ކާށިދޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވައިގެން ފިޒިއޯތެރަޕީގެ ޚިދުމަތް ތަޢާރަފްކުރުމަށް ނިންމެވި ރަށެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ރާއްޖޭގެ ސިއްޙީ މަރުކަޒުތަކުގެ ތެރެއިން ފިޒިއޮތެރަޕީގެ ޚިދުމަތް އެންމެ ފުރަތަމަ ފެށި ރަށަކީވެސް ކާށިދޫ ކަމަށެވެ.
އުމުރުން ދުވަސްވުމުން ދިމާވާ ޖިސްމާނީ އުނދަގޫތަކުން އަރައިގަތުމަށް ފިޒިއޮތެރަޕީއަކީ ނުހަނު ބޭނުންތެރި ފަރުވާއެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މި ޚިދުމަތް ރަށުން ލިބެން ނެތުމުގެ ސަބަބުން މީގެ ކުރިން ކާށިދޫގެ ރައްޔިތުން އުފުލަންޖެހުނު ތަކުލީފުތަކަކީ ކުޑަކަމެއް ނޫން ކަމަށެވެ. ހާއްސަކޮށް ދަތުރުފަތުރުގެ ދަތިކަމާއެކު މާލެއަށް ކުރަންޖެހުނު ބޮޑެތި ޚަރަދުތަކަކީ ރައްޔިތުންނަށް އުފުލަންޖެހުނު ބޮޑު ބުރައެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ނަމަވެސް، މި ޚިދުމަތް ރަށުގައި ގާއިމުކުރެވިގެން ދިއުމާއެކު، ރައްޔިތުން މީގެ ކުރިން އުފުލި ދަތިތަކަށް ބޮޑު ލުޔެއް ލިބި، އޭގެ ހިތްހަމަޖެހުން ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވަޒީރު ޤީލާ ޢަލީ ވިދާޅުވިއެވެ.