މުޅި ރާއްޖެ ހަ ޒޯނަކަށް ބަހާލައިގެން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިވަގުތުވެސް 800 އަށްވުރެ ގިނަ ތަރައްޤީގެ މަޝްރޫއު ކުރިއަށްގެންދާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން އެމްޓީސީސީގެ ޒޯން 1 ގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ އަހުމަދު އާލިމް ވިދާޅުވީ، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ހަވާލުކޮށްގެން ގިނަ އަދަދެއްގެ މަޝްރޫއުތަކެއް މުޅި ރާއްޖޭގައި ކުރިއަށްދާ ކަމަށެވެ.
އޭގެ ތެރެއިން ހއ. އަދި ހދ. އަތޮޅު ހިމެނޭ ޒޯން 1 ގައި އެކަނިވެސް 116 މަޝްރޫއެއް ހިމެނޭއިރު، އޭގެ ތެރެއިން 87 މަޝްރޫއެއްގެ ރަސްމީ އެއްބަސްވުމުގައި ސޮއިކޮށް، އަމަލީ މަސައްކަތް މިހާރުވެސް ދަނީ ހިންގަމުންނެވެ.
ޒޯން 1 ގައި ކުރިއަށްދާ މަޝްރޫއުތަކުގެ ތެރޭގައި އުމްރާނީ އަދި އިޖުތިމާއީ ތަރައްޤީގެ މުހިންމު ދާއިރާތައް ހިމެނެއެވެ. އެގޮތުން:
- އުމްރާނީ ތަރައްޤީ: އެއަރޕޯޓް، ހޮސްޕިޓަލް، ހެލްތް ސެންޓަރު، ސްކޫލް އިމާރާތްތައް އަދި މިސްކިތްތައް
- ކުޅިވަރު ވަސީލަތްތައް: ފުޓްސަލް ދަނޑުތަކާއި، ވޮލީ ކޯޓު އަދި ހޭންޑްބޯލް ކޯޓުތައް
އާލިމް އިތުރަށް ވިދާޅުވީ، ކޮންޓްރެކްޓަރުގެ ހައިސިއްޔަތުން އެމްޓީސީސީގެ އެންމެ ބޮޑު އަމާޒަކީ މަސައްކަތުގެ ކޮލިޓީ ނުހިފަހައްޓައި ދޫކޮށްނުލައި، އެއްބަސްވުމުގައިވާ މުއްދަތުގެ ތެރޭގައި އެންމެ ފުރިހަމައަށް މަޝްރޫއުތައް ނިންމައި ރައްޔިތުންނަށް ހަވާލުކުރުން ކަމަށެވެ.