ށ. ފޯކައިދޫއާއި އެ އަތޮޅު މިލަންދޫގައި ސަރުކާރުން ތަރައްޤީކުރަމުން އަންނަ އިސްލާމީ މަރުކަޒުތަކުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އިސްލާމީ ދާއިރާ ކުރިއެރުވުމަށްޓަކައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ސަރުކާރުން ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާއިރު، އެ މަޝްރޫޢުތައް އަވަސް މިނެއްގައި ކުރިއަށްގެންދިއުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދަނީ ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި އަތޮޅުތެރޭގެ ރަށްރަށުގައި އިމާރާތްކުރާ އިސްލާމީ މަރުކަޒުތަކުގެ މަސައްކަތްތައް ހިމެނެއެވެ.
ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި، ށ. ފޯކައިދޫގައި ބިނާކުރާ އިސްލާމީ މަރުކަޒުގެ ފައުންޑޭޝަން ބީމް ޝަޓަރިންގ އާއި ރީއިންފޯސްމަންޓްގެ މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ. އަދި މިލަންދޫ އިސްލާމީ މަރުކަޒުގެ މުންނާރުގެ ބައެއް މަސައްކަތްތަކުގެ އިތުރުން، އާރް.ސީ ވޯލް ފޯމްވަރކް އާއި ރީއިންފޯސްމަންޓްގެ މަސައްކަތްތައްވެސް ބާރަށް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުތަކީ އަތޮޅުތެރޭގެ ރަށްރަށުގައި އިސްލާމީ ވަޙްދަތު ވަރުގަދަކޮށް، ދީނީ ޙަރަކާތްތައް ހިންގުމަށް އެކަށީގެންވާ ޖާގަ ތަނަވަސްކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުތަކެކެވެ.