ސެޕްޓެމްބަރު މަހު ވޯޓު މިނަގަނީ އިންޑި އާއާ ރާއްޖެއާ ދެމެދު ކަމަށް ގައުމީ ކެންޑިޑޭޓްގެ އިންތިޚާބީ އެޖެންޓު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ލ.އަތޮޅު ގަމުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ އަލީ ވަހީދު ވިދާޅުވީ އެއްފަހަރު އެމްޑީޕީ ސަރުކާރެއް އަނެއް ފަހަރު ޕީޕީއެން ސަރުކާރެއް އަންނަމުންދާއިރު ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލެއްނުލިބި، ރައްޔިތުން އަސާސީ ހައްގުތަކުން ފެށިގެން އިޖުތިމާއީ އިޤްތިޞާދީ ހައްގުތައްވެސް ގެއްލުވާލާފައިވާ ކަމަށެވެ.
ރައްޔިތުންނަށް އޮތީ މިނޫން އެހެން ގޮތެއް ހޯދުން ކަމަށްވާނަމަ އެކަމުގެ ހައްލަކީ ގާސިމް އިބްރާހިމް ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ ދެންވެސް ޕީޕީއެމް ނުވަތަ އެމްޑީޕީ ސަރުކާރެއް ގާއިމްކޮށްގެން އެއްވެސް ކަމަކަށް އަންނާނެ ހައްލެއްނެތް ކަމަށާއި އެސަރުކާތުތައް ތަންފީޒުކުރާނީ ހަމައެއް ޕޮލިސީއެއް ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ އެކިސަރަހައްދުތައް އިންޑިއާ ސިފައިންނަށް ދީ މިގައުމު ނުރައްކަލުގެ ތެރެއަށް ވައްޓާލާފި ކަމަށާއި މިސަރުކާރު ދަމަހައްޓާނަމަ ރާއްޖޭގެ ރައްޔިތުން އަމިއްލަ ގައުމުގައި ތިބޭނީ ތިންވަނަ ދަރަޖާގެ ރައްޔިތުންގެ ގޮތުގައި ކަމަށެވެ. އަލީ ވަހީދު ވަނީ އޓްލޮސް މައްސަލައިގައި ސަރުކާރުން ފޮނުވި ސިޓީގައި ގޯސް ވާހަކައެއް ނެތް ކަމަށް އެބޭފުޅުން ދައުވާކުރާއިރު ސިޓީ ދައްކަން ނުކެރެނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.
އަލީ ވަހީދު ވިދާޅުވީ "ގޯސް އެއްްޗެއް އޮތީމަ ދައްކަން ނުކެރެނީ. މިދޭތެރެއަކުން ބާކައުންސިލުންވެސް ބުނެފި ސިޓީއަކު ގޯސް އެއްޗެއް ނެތޭ. ގާނޫނުން ފާސްކޮށްގެން އެކަންކަން ކުރެވޭނީ. ހަގީގަތުގައި ޓުރެކުން ބޭރުވީ. ރައްޔިތުން ވިސްނަންޖެހޭ. ސެޕްޓެމްބަރުމަހު ވޯޓު މިނަގަނީ އިންޑިއާއާ ރާއްޖެއާ ދެމެދު. 20،000 ރުފިޔާއަށް ވޯޓު ވިއްކާފައި ނޫޅޭތި މިނިވަންކަން ހޯދަން. ދީންތަކަށް ފުރުސަތުވެސްދޭނެ" ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ ވޭތުވެ ދިޔަ 3 އިންތިހާބުގައި ރަނގަޅު ނޫން މީހަކަށް ވޯޓު ދިނުމަކީ ރައްޔިތުން މާޔޫސްވާންޖެހޭ ސަބަބެއްނޫން ކަމަށެވެ. މިހުރިހާ ނިންމުމެއް ނިންމައި ޖުމްހޫރީ ޕާޓީއަށް ވޯޓު ދިނުމަކީ ހުރިހާކަމެއްގެ ހައްލުކަމެއް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަލީ ވަހީދު ވިދާޅުވީ މި ސަރުކާރުން ހެދިގޮތައް ބަޑި ގުދަނުގެ ތަޅުދަނޑި ޤާސިމްގެ އަތްޕުޅަށް އަރުވައިފިނަމަ ހަމަ ގައިމުވެސް އެ ތަޅުދަނޑިފަތި ވިއްކައެއް ނުލައްވާނެ ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ " ސެޕްޓެމްބަރު 9 ގައި މި އިންތިހާބު ކާމިޔާބުކުރާނަން. ނޮވެމްބަރު 17 ގައި އުފެދޭނީ ޖުމްހޫރީ ސަރުކާރެއް. އެއީ ހާސްކަން ކަނޑާލާނެ ވެރިކަމެއް. އެއީ ދަރަނި ނައްތާލާނެ ވެރިކަމެއް. އިންޑިއާ ސިފައިން ފަހަތައް ޖައްސާނަން. ބޭރުކުރާނަން. ކަނޑުތަކާއި ވައިގެ ސަރަހައްދަށް ނެރޭނީ ދިވެހި ސިފައިން. ޑުރަގު ބޯޓުތައް ފައްތާލާނަން. ބޭރުގެ މަސްވެރިން ބޭރުކުރާނަން" ކަމަށެވެ.
ސެޕްޓެމްބަރު މަހު ވޯޓު މިނަގަނީ އިންޑިއާއާ ރާއްޖެއާ ދެމެދުކަމަށް އަލީ ވިދާޅުވިއިރު ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި އިންޑިއާ ސިފައިން ތިބޭކަމަށް އިތުބާރު ހުރި މަސްދަރުތަކުން ސާބިތުވެއެވެ. އެއީ ލ. ކައްދޫ، އައްޑޫ ގަން، ހދ. ހަނިމާދޫ އަދި އުތުރު ތިލަފަޅުގައެވެ.
ރާއްޖޭގެ މިނިވަންކަން ގެއްލޭގޮތަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންޑިއާ ސިފައިން ޤާއިމުވެގެން ތިބޭ މައްސަލައިގައި ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ރިޔާސީ ގަރާރެއް ނެރުއްވައި އެކަން ހުއްޓުވާފައެވެ.
މީގެއިތުރުން، ޒަމާނުއްސުރެ ދިވެހި ދައުލަތުން ގެންގުޅެމުން އައި ސްޓޭންޑަށް ބަދަލުގެނެސް، ނިންމި ނިންމުމެއްގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް އެހެން ގައުމެއްގެ އިހްތިސާސްގެ ދަށަށް ދިއުމާ ގުޅިގެން ވެސް ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ.
ޤާސިމް އިބްރާހީމްގެ ރިޔާސީ މެނިފެސްޓޯގައި ރާއްޖޭގެ ސަރަހައްދާއި މިނިވަންކަން ހިމާޔަތްކުރުމުގެ ވައުދު އެކުލަވާލައި މިފަދަ ގައުމީ މައްސަލަތަކަށްވަނީ ހައްލު ހޯއްދަވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާފައެވެ.
ހަބަރު: ވީނިއުސް