އުފާ ހޯދަން ފައިސާ ދީފަ "ގަންނަ" މީހުންގެ ކިބައިން އުފާވެރިކަން ނުލިބެނީ ކީއްވެ؟

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 54ސ
އުފާ ހޯދަން ފައިސާ ދީފަ "ގަންނަ" މީހުންގެ ކިބައިން އުފާވެރިކަން ނުލިބެނީ ކީއްވެ؟

އުފާވެރި ޒަވާޖީ ޙަޔާތެއްގެ ބޭނުން ގިނަ ބައަކަށް މިއަދު ވަނީ އޮޅިފައެވެ. ކައިވެނިކޮށްގެން ދެމަފިރިންގެ މެދުގައި ލޯބިއިތުރުކުރަން މަސައްކަތްކުރަންޖެހޭ ސަބަބުތައްވެސް ވަނީ އޮޅިފައެވެ. 

ބައެއް މީހުންނަށް ވިސްނެނީ ކައިވެނިކުރަންޖެހެނީ ދީން މަޖުބޫރުކުރާތީކަމަށެވެ. ނުވަތަ ޤާނޫނު މަޖުބޫރުކުރާތީ ކަމަށެވެ. އެވިސްނުންވެސް މުޅިއަކުން ގޯހެއްވެސް ނޫނެވެ. ކައިވެނިކުރަން ދީން މަޖުބޫރުކުރެއެވެ. ހަމައެކަނި އިސްލާމް ދީނެއް ނޫނެވެ. އެއީ ދީނެއްގެ ދަރަޖަ ދެވިފައިވާ ހުރިހާ ދީންތަކެއްގައިވެސް ކައިވެނިކުރުން މަޖުބޫރުކުރެއެވެ. 

ވަކި ޤައުމެއްގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. އިންސާނުން ރަނގަޅު ގޮތުގައި ދިރިއުޅުމުގެ ޤާނޫނުވެސް ކައިވެނިކުރަން މަޖުބޫރުކުރެއެވެ. އެއީ ކޮންމެ މީހަކުވެސް އަޚްލާޤީ ހަމަތަކުންވެސް ފުރިހަމަކުރަންޖެހޭ ކަމަކަށްވާތީއެވެ. 

މިކަންކަމަށް ނުވިސްނާ ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ކައިވެނި ނުކުރި ނަމަވެސް އަތުގައި ފައިސާހުރިނަމަ އޭނާ ބޭނުންވާ ހުރިހާ އުފާތަކެއް ގަނެލެވޭނެ ކަމަށެވެ. އެހެންވެ ކައިވެނި ކުރުމުގެ ބޭނުމެއް ނެތްކަމަށެވެ. 

އެގޮތަށް ވިސްނާ މީހުން އަމިއްލައަށް އެއްބަސްވާ ކަމެއް އެބަ އޮތެވެ. އެއީ ފައިސާ ދީފައި "ގަންނަ" މީހާގެ ކިބައިން އެމީހުން ބޭނުންވާ ވަރަށް ހިތްހަމަޖެހުން ނުލިބޭ ކަމެވެ. 

މިއީ އަހުރެން ޙައިރާންވާ ކަމެއް ނޫނެވެ. ސަބަބަކީ ލޯތްބާއި ހިތްހަމަޖެހުމަކީ ފައިސާއިން ގަނެވޭނެ އެއްޗެއް ނޫންވީމައެވެ. ފައިސާއަށް ކުރާ ކަންކަމަކީ ވިޔަފާރިއެކެވެ. ވިޔަފާރި އުޞޫލުން ކުރާ ކަންކަމަކުން ޙަޤީޤީ ހިތްހަމަޖެހުމެއް ނުހޯދޭނެއެވެ. 

އަހުރެމެންގެ ތެރެއިން ބައެއް މީހުންނަށް އެކަން ޤަބޫލު ނުކުރެވުނަސް ކައިވެނިކުރަން ދީނުގައި އައިސްފައި އެވަނީ ހަމައެކަނި ދިރިއުޅޭކަށް ނޫނެވެ. ހިތްދަތިކަމުގައިވެސް ދިރިއުޅެވިދާނެއެވެ. އެއިރުން އެއީ ކައިވެނީގެ ބޭނުން ޙާޞިލްކުރެވުނީ ކަމަކަށް ނުވާނެއެވެ. ކައިވެނީގެ ބޭނުން ޙާޞިލްކުރެވުނު ކަމަށްވާނީ އުފަލުގައި ދިރިއުޅުމުންނެވެ. 

ވަރަށް ތިލަބަހުރުވައިން ބުނެލާނަމެވެ. ކައިވެނީގައި ހިމެނެނީ ދެބައެކެވެ. އެއީ ދީނާއި ގުޅިފައިވާ ރޫޙާނީ ބައާއި އަމިއްލަ ނަފްސަށް ބޭނުންވާ އުފާވެރިކަމުގެ ބައެވެ. މީގެ ތެރެއިން ފަހުން މިބުނި  އަމިއްލަ ނަފްސަށް ބޭނުންވާ އުފާވެރިކަމުގެ ބައިގެ ބޮޑު ބައެއް ގުޅިފައިވަނީ ދެމަފިރިން އެއްދާންކުރުމާއިއެވެ. އެއުފާވެރިކަން ފުރިހަމަ ގޮތުގައި ހޯދޭނީ ކައިވެނިކޮށް ދެމަފިރިންގެ މެދުގައި އޮންނަން ޖެހޭ ލޯބީގެ ގުޅުން ފުރިހަމައަށް ބޭއްވިގެންނެވެ. އެއުފާވެރިކަމަކީ ފައިސާ ފުނިވަރެއް ދިނަސް ގަނެވޭނެ އެއްޗެއް ނޫނެވެ. 

- ޢާމިރާ / ނަފްސާނީ ޢިލްމުވެރިއެއް

 

މިއަދު އޮންލައިން