މިނިވަންކަމާއި އިސްތިގުލާލު އޮތީ ލޯނެއްގެ ދަށުގައި: އަމީން

ކިޔުމަށް ހޭދަވާނީ 2މ 53ސ
މިނިވަންކަމާއި އިސްތިގުލާލު އޮތީ ލޯނެއްގެ ދަށުގައި: އަމީން

ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު މިއަދު އޮތީ ލޯނެއްގެ ދަށުގައިކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮންރަބަލް ޤާސިމް އިބްރާހީމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޑރ. އަމީން މިފަދައިން ވިދާޅުވީ ބ. އޭދަފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުހާތަބްކުރައްވާ ވާހަކަދައްކަވަމުންނެވެ.

އަމީން ވަނީ އިގުތިސާދީގޮތުން ރާއްޖެއޮތް ހިސާބާމެދު ކަންބޮޑުވުން ފާޅުކުރައްވައި ބޭރުގެ ނުފޫޒު ހުރިހާ ގޮތަކުން ރާއްޖޭގެ މައްޗަށް ފޯރައި، އަމިއްލަ ގައުމުގައި ދިވެހިން ބީރައްޓެހިންނަށް ވެފައިވާކަމަށް ވިދާޅުވެފައެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮންރަބަލް ޤާސިމް އިބްރާހީމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމް ވިދާޅުވީ "ރާއްޖޭގެ ރައްޔިތުން އެއް އަޑަކުން ކަންބޮޑުވުމާއިއެކު ފާހަގަކުރާ ކަމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު. މިއަދު އަޅުގަނޑުމެން ކަންބޮޑުވަނީ މިކަމާ ހެދި. މީގެ ކުރިއަކުން މިފަދަ ވާހަކައެއް ނުދައްކަން. މިއަދު ކުދި ފިހާރަތަކުން ފެށިގެން ބޮޑެތި ފިހާރަކުން ގޮސް މުޅި އިގްތިސާދީ ދާއިރާ ކޮންޓްރޯލްކޮށްފި. ރާއްޖޭގެ ސަރުކާރު ބޭރުބައެއްގެ ލޯނުގެ ދަށުގައި އޮތީ. މިނިވަންކަމާއި އިސްތިގުލާލު އޮތީ ލޯނެއްގެ ދަށުގައި". ކަމަށެވެ.

މިކަމުން ސަލާމަތްވެވޭނެ ހަމައެކަނި ގޮތަކީ މިކަމުގެ ނާޒުކުކަން ދަންނަ ބޭފުޅަކަށް ވޯޓުދީގެން ކަމަށާއި، އެ ބޭފުޅަކީ ގައުމީ ކެންޑިޑޭޓް އޮންރަބަލް ގާސިމް އިބްރާހިމްކަމަށް އަމީން ވިދާޅުވިއެވެ. އަމީން ވިދާޅުވީ ބޭރު މީހުންނާ ނެގޯޝީއޭޓް ކުރައްވަން ވެއްޖެ ހާލަތެއްގައި އެކަން ކުރައްވައިގެން ނަމަވެސް ގާސިމް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހޯއްދަވާދެއްވާނެކަމަށެވެ.

ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު މިއަދު އޮތީ ލޯނެއްގެ ދަށުގައިކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮންރަބަލް ޤާސިމް އިބްރާހީމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމް ވިދާޅުވިއިރު، އިގްތިސާދީ ގޮތުން ރާއްޖޭގެ ހާލަތު ގޯސްވެ ބައިނަލްއަގްވާމީ މާލީ އިދާރާތަކުގެ އިންޒާރުތައްވެސް ރާއްޖެއަށް އަންނަނީ ލިބެމުންނެވެ. އެހެންނަމަވެސް ސަރުކާރުން އަންނަނީ އިގްތިސާދު ދަނީ ކުރިއަށްކަމަށް ބުނެ މާލީ އިދާރާތަކުގެ އިންޒާރުތަކަށް ބީރުކަންފަތެއް ދެމުންނެވެ.

ދަރަނިން ނެއްޓި، ދެމެހެއްޓެނިވި އިގްތިސާދަކަށް ވާސިލްވުމަށް ޤާސިމްގެ މެނިފެސްޓޯގައި އެކަށައަޅާފައިވާ ވައުދުނާމާގެ ތެރެއިން 3 އަހަރުގެ ތެރޭގައި ދައުލަތުގެ ދަރަނި، ޖީ.ޑީ.ޕީގެ 120 އިންސައްތައިން 90 އިންސައްތައަށް ތިރިކުރުމާއި، ދައުލަތުގެ ހަރަދު ޖީ.ޑީ.ޕީގެ 35 އިންސައްތައިގައި ހިފެހެއްޓުމާއި، ދައުލަތުގެ އާމްދަނީ ޖީ.ޑީ.ޕީގެ 30 އިންސައްތައަށް މަތިކުރުން ހިމެނެއެވެ.

2026 ވަނަ އަހަރަކީ ބިލިއަނެއްހާ ޑޮލަރުގެ މުއާމަލާތެއް އެއްފަހަރާ ދައްކަންޖެހޭ އަހަރެއްކަމުން، ރައްޔިތުންނަށްދޭ ހިދުމަތްތަކަށް ބުރޫނާރާނެ އިންތިޒާމެއް ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ހަމަޖެއްސުމާއި، ބޮޑެތި އިގްތިސާދީ މަޝްރޫއުތަކަށް ދިގު މުއްދަތެއްގެ އިންޓްރެސްޓް ކުޑަ ލޯނު ހޯދުމާއި، މަދުވެގެން 3 މަސްދުވަހުގެ އަސާސީ ކާބޯތަކެތި އަބަދުވެސް ރައްކާކޮށްފައި ބެއްޓުމަށް ވެސް ގާސިމް ވަނީ ވައުދުވެވަޑައިގެންފައެވެ.

6 މަސްދުވަހުގެ ތެޔޮ ރިޒާވެއް ރައްކާކުރުމާއި ދައުލަތުގެ ހަރަދުތައް ކުޑަކޮށް، އިސްރާފު ކުޑަކުރުމުގެ އިތުރުން ސަބްސިޑީތަކަަކީ އިންސާފުވެރި ގޮތެއްގައި ދެވޭ އެއްޗަކަށް ހެދުމުގެ އިތުރުން، ފަގީރުންގެ މިންގަނޑެއް ކަނޑައަޅައި ފަގީރުންނަށް ދައުލަތުން މަހަކު 3000 ރުފިޔާގެ ސީދާ އެހީ ދިނުމަށް ގާސިމްގެ މެނިފެންސްޓޯގައި ވަނީ ކަނޑައަޅާފައެވެ.

މިއަދު އޮންލައިން