މީހުންނަށް ފޯނުކުރާއިރު ކޮންމެހެން ވިސްނުން މުހިންމު ބައެއް ކަންކަން-

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
މީހުންނަށް ފޯނުކުރާއިރު ކޮންމެހެން ވިސްނުން މުހިންމު ބައެއް ކަންކަން-

ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ އެމީހާ އެހެން މީހަކަށް ފޯނެއްކުރާއިރަށް ނަގައި ވާހަކަދައްކަން ޖެހޭނެ ކަމަށެވެ. ނަމަވެސް މިއީ އެއްވެސް ޙާލެއްގައި ރަނގަޅު ވިސްނުމެއް ނޫނެވެ. އެހެނީ އެމީހެއްގެވެސް އަމިއްލަ ކަންތައްތަކެއް ހުންނާނެއެވެ. އިސްކަންދޭންޖެހޭ ކަންތައްތަކެއްވެސް ހުންނާނެއެވެ. 

އެކަން އެންމެ ރަނގަޅަށް ވިސްނޭނީ އެމީހަކަށް ކަންކަން ކުރެވޭ ގޮތާއިމެދު އަމިއްލައަށް ވިސްނައިލުމުންނެވެ. ތިބާއަކަށްވެސް އެހެން މީހުން ތިބާއަށް ކުރާ ހުރިހާ ކޯލްތައް ވަޤުތުން ނަގައި އަދި ލިބޭ ހުރިހާ މެސެޖްތަކަށް ވަޤުތުން ޖަވާބެއްވެސް ނުދެވޭނެއެވެ. އެއީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫންވީމައެވެ.   

އަދިވެސް ވިސްނައިލަންޖެހޭ ވަރަށް މުހިންމު ކަމެއް އެބައޮތެވެ. ނަމާދު ވަޤުތު ކައިރިވެފައިވަނިކޮށް އެއްވެސް މީހަކަށް ފޯނުނުކުރާށެވެ. ކޮންމެހެން ކުރަންޖެހިގެން ކޯލެއް ކުރިނަމަވެސް ވީހައި ބޮޑަށް ކުރުކޮށްލައި އަވަހަށް ނިންމައިލަންވާނެއެވެ. އެއީ އޭނާގެ ނަމާދަށް ހުރަސްއެޅިދާނެ ކަމަށްޓަކައެވެ. 

ވަޤުތު ޖެހުމުން ނަމާދުކުރަން އިސްކަން ނުދޭ މީހުންނަށް ނަމާދު ވަޤުތުތައް ނުއެނގިދާނެއެވެ. މިސްކިތުގެ ޖަމާޢަތުގައި ތިބޭއިރު ކޮންމެ ނަމާދެއްގައިވެސް އެތައް ބައެއްގެ ފޯނަށް ކޯލްތައް އަންނަނީ މިބުނި ސަބަބު އޮންނާތީއެވެ. 

އަދި އެންމެ ބޮޑަށް ވިސްނަން ޖެހޭނެ އެއްކަމަކީ ބައެއް މީހުންނަށް ފޯނުގެ ރިންގ ކަނޑާލަން ހަނދާން ނުހުންނަކަމެވެ. އެޙާލަތުގައި ކޯލެއް އައުމުން އެތައް ބައެއްގެ ނަމާދަށް ގެއްލުން ލިބެއެވެ. ވީމާ ނަމާދު ވަޤުތުތަކުގައި މީހުންނަށް ފޯނުކުރާއިރު އެކަމަށް ވިސްނަންވާނެއެވެ. ތިމާއަށް ކުރެވޭ ކޯލުގެ ސަބަބުން އެތައް ބައެއްގެ ނަމާދު ހަލާކުވެގެންހިނގައިދާނެކަމާއިމެދުގައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން