ރާއްޖޭގައި އަޅަމުންދާ ސްވިމިންގް ޕޫލް ފެސިލިޓީއަކީ އެހެން ކުޅިވަރުތަކަށްވެސް ލިބޭނެ މިސާލެއް: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ރާއްޖޭގައި އަޅަމުންދާ ސްވިމިންގް ޕޫލް ފެސިލިޓީއަކީ އެހެން ކުޅިވަރުތަކަށްވެސް ލިބޭނެ މިސާލެއް: ވަޒީރު

ރާއްޖޭގައި ތަރައްގީކުރަމުން އަންނަ ބައިނަލްއަގްވާމީ ފެންވަރުގެ ސްވިމިންގް ޕޫލް ފެސިލިޓީގެ މަސައްކަތަކީ، ސަރުކާރާއި އަމިއްލަ ފަރާތްތަކާއި ކުޅިވަރުގެ ޖަމްޢިއްޔާތައް ގުޅިގެން ހިންގަމުން އަންނަ ނަމޫނާ މަސައްކަތެއް ކަމަށް ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ފޭސް 1 ގައި ކުރިއަށްދާ މި މަޝްރޫޢުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ބުރާސްފަތި ދުވަހުގެ ހަވީރު ވަޒީރު ރާފިޢުއާއެކު ޗަމްޕާ ހުސެއިން އަފީފް ވަނީ އެ ސަރަހައްދަށް ޒިޔާރަތްކުރައްވާފައެވެ. މި ދަތުރުފުޅުގައި މަސައްކަތް ކުރިއަށްދާ ގޮތް ކައިރިން ބައްލަވާލައްވައި، ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާކުރައްވާފައިވެއެވެ. މި މަސައްކަތަށް ކްރައުން ކޮމްޕެނީގެ ފަރާތުން ޗަމްޕާ ހުސެއިން އަފީފް ވެދެއްވަމުން އަންނަ ބޮޑު އެހީތެރިކަމާއި އެއްބާރުލުމަށް ވަޒީރު ވަނީ ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން ވަޒީރު ވިދާޅުވީ، މި މަޝްރޫޢަކީ ކްރައުން ކޮމްޕެނީ، މޯލްޑިވްސް އެކުއެޓިކްސް، ދިވެހި ސަރުކާރު އަދި ވޯލްޑް އެކުއެޓިކްސް ގުޅިގެން ވަރަށް ފުރިހަމަ އިންތިޒާމުތަކެއްގެ މަތިން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ. އަދި އަމިއްލަ ފަރާތްތަކުގެ ބޮޑު އެއްބާރުލުމާއެކު ހިންގާ މިފަދަ މަޝްރޫޢުތަކަކީ އެހެން ކުޅިވަރުތަކުންވެސް މިސާލު ނަގަންޖެހޭ ފެންވަރުގެ ކަންކަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހުޅުމާލޭގައި ތަރައްގީކުރާ މި ސްވިމިންގް ޕޫލަކީ މި ސަރަހައްދުގައި ގާއިމުކުރެވޭ އެންމެ ފެންވަރު ރަނގަޅު އެއް ފެސިލިޓީކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މިތަނުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ފަސޭހައިން ބޭނުންކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާނެ ކަމަށެވެ. މީގެއިތުރުން، މި ފެސިލިޓީގެ މަސައްކަތް ނިމުމާއެކު ބައިނަލްއަގްވާމީ ފެންވަރުގެ ބޮޑެތި މުބާރާތްތައް ރާއްޖެއަށް ގެނައުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން