އެސްއެމްއީ ޑިޖިޓަލް އިން ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ފައިނޭންސިންގ ފެސިލިޓީތަކަށް ބަދަލުކުރުމަށްޓަކައި ހާއްސަ "ރީފައިނޭންސިންގ ހަފްތާ" އެއް ކުރިއަށް ގެންދިއުމަށް އެ އިދާރާއިން ނިންމައިފިއެވެ. މި ހަރަކާތް ކުރިއަށްދާނީ މި އޮކްޓޫބަރު މަހުގެ 18 އިން 22 ގެ ނިޔަލަށެވެ.
މި ހަފްތާގެ މައިގަނޑު މަގުސަދަކީ އެސްއެމްއީ ޑިޖިޓަލްގެ ރީފައިނޭންސިންގ އޮފަރ ލިބިފައިވާ ކަސްޓަމަރުންނަށް މުވައްޒަފުންގެ އެހީތެރިކަމާއެކު ވަގުތުން އެ މަރުހަލާ ފުރިހަމަކޮށް، އައު އެއްބަސްވުމުގައި ސޮއިކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. މިއީ އެސްއެމްއީ ޑިޖިޓަލް އިން ފުރިހަމަ އިސްލާމިކް ފައިނޭންސް ފޯރުކޮށްދޭ މާލީ އިދާރާއަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.
ކޮންވެންޝަނަލް ލޯނަކުން އިސްލާމިކް ފައިނޭންސް ފެސިލިޓީއަކަށް ބަދަލުވުމުން ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި އިސްލާމީ އުސޫލުން އައު ފެސިލިޓީއެއް އެކުލަވާލުމާއި، ފައިސާ އަނބުރާ ދެއްކުމަށް ދިގު މުއްދަތެއް ލިބުމުގެ އިތުރުން މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަވުން ހިމެނެއެވެ.
މީގެއިތުރުން، އެކި ސަބަބުތަކާހުރެ ގަވާއިދުން ފައިސާ ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް، އައު އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ކުރިއަށް އޮތް 6 މަސްދުވަހު ގަވާއިދުން ފައިސާ ދައްކައިގެން ކްރެޑިޓް ރިކޯޑު ރަނގަޅު ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. މިކަމުގެ ސަބަބުން ކުރިމަގުގައި އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް އިތުރު ފައިނޭންސިންގ ހޯދުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.
ރީފައިނޭންސިންގ ހަފްތާގެ ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ އެސްއެމްއީ ޑިޖިޓަލްގެ ކޯޕަރޭޓް ހެޑް އޮފީސް ހިންގާ އިމާރާތް ކަމަށްވާ މ. ކަނީރުވިލާގެ 2 ވަނަ ފަންގިފިލާގައެވެ. މި ހިދުމަތް އެ މުއްދަތުގެ ކޮންމެ ދުވަހެއްގެވެސް ހެނދުނު 9:00 އިން މެންދުރުފަހު 3:00 އާ ހަމައަށް ލިބޭނެއެވެ.