ފުރަގަސް ފަރާތް ބޭނުން ކުރުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އަދި އެކަމަކީ އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ކަމެކެވެ. ފުރަގަސް ފަރާތް ބޭނުން ކުރުން ޙަރާމް ވުމުގެ މާނައަކީ ޛަކަރުން ފާޅުވާ ހިސާބު އަންހެން މީހާގެ ފުރަގަސް ފަރާތަށް ވަދެ ފޮރުވުމެވެ. އެއީ ހުރަހެއް ބޭނުންކޮށްގެން ނަމަވެސް ނުވަތަ ނޫންނަމަވެސް އެވެ
އިމާމް ސުޔޫޠީ-ރަޙިމަހުﷲ- ވިދާޅުވިއެވެ. "ހުރަހެއް ބޭނުންކޮށްގެން ވެއްދުމާއި، ހުރަހެއް ބޭނުން ނުކޮށް ވެއްދުމުގައި ތަފާތެއް ނެތެވެ".
ޙައިޟުގެ ދުވަސްވަރުގައި ހުރަހެއް ބޭނުންކޮށްގެން ވެސް ޖިމާޢުވުން ވަނީ ޙަރާމް ކަމުގައި ފިގްހުވެރިން ވިދާޅުވެއެވެ. މިކަންތައްތަކަކީ ޢިލްމުވެރިންގެ މެދުގައި ކުޑަކޮށްވެސް ޚިލާފެއް ހުރި ކަންތަކެއް ނޫނެވެ. އެހެންކަމުން، އެއްވެސް ޙާލެއްގައި ފުރަގަސް ބޭނުން ކުރުމަކީ ޙަރާމް ކަމެކެވެ.
އެއީ ހުރަހެއް ބޭނުންކޮށްގެން ކަމުގައިވީނަމަވެސް ނުވަތަ ނޫންނަމަވެސް އެވެ. އެގޮތަށް އެކަން ކޮށްފިމީހާ ﷲ ގެ ޙަޟްރަތަށް ތައުބާވެ އަސްތަޣްފާރު ދަންނަވަން ޖެހެއެވެ. އަދި ކުރިއަށް އޮތް ތަނުގައި އެފަދަ ކަމަކަށް އަރައިނުގަތުމަށް ޢަޒުމް ކުރަން ޖެހެއެވެ. ފިރިމީހާ ފުރަގަސް ފަރާތް ބޭނުން ކުރުމަށް އެދުނު ކަމުގައި ވީނަމަވެސް އެކަމަށް އިޖާބަދީގެން ނުވާނެއެވެ. ޚާލިގްވަންތަ ﷲ އަށް އުރެދުމެއްވާ ކަމެއްގައި މަޚްލޫގަކަށް ކިޔަމަންގަތުމެއް ނުވެއެވެ. ފިރިމީހާ ފުރަގަސް ފަރާތް ބޭނުންކުރަން މަޖްބޫރު ކުރުވައިފިނަމަ ވަރިއަށް އެދުމުގެ ޙައްގު އަނބިމީހާ އަށް ލިބިގެންވެއެވެ.
ފުރަގަސް ފަރާތް ބޭނުން ކުރުން ޙަރާމް ކުރައްވާފައިވަނީ ހަމައެކަނި އެތަނުގައި ނަޖިސް ހުރުމުގެ ސަބަބަކުން ނޫނެވެ. އެނޫންވެސް އެތަށް ޙިކްމަތްތަކެއް އެކަމުގައި އެކުލެވިގެންވެއެވެ. އަޅުގަޑުމެން މުސްލިމުންނަށް އެކަމަކީ ހަރާމް ކަމެއް ކަމުގައިވުން، އެކަމުން ދުރުހެލިވުމަށް ޙުއްޖަތެއް ކަމުގައި ފުދެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ-ޙަދީޘް ކުރެއްވިއެވެ.
(ملعون من أتى امرأة في دبرها)
މާނައަކީ:" އަނބިމީހާގެ ފުރަގަސް ފަރާތް ބޭނުންކޮށްފި މީހަކަށް ލަޢުނަތް ހުއްޓެވެ".
އެހެން ޙަދީޘެއްގައި އައިސްފައިވެއެވެ.
( من أتى حائضا أو امرأة في دبرها أو كاهنا فقد كفر بما أنزل على محمد)
މާނައަކީ: "ޙައިޟުވެރިޔަކާ ޖިމާޢުވެއްޖެ މީހާ އާއި، އަނބިމީހާގެ ފުރަގަސްފަރާތް ބޭނުންކޮށްފިމީހާ އާއި ކާހިނެއްގެ ގާތަށް ގޮސްފިމީހާ މުޙައްމަދުގެ ފާނުގެ މައްޗަށް ބާވާލެއްވުނު ތަކެއްޗަށް ކާފަރުވެއްޖެއެވެ".
އަންހެނުންގެ ފުރަގަސް ފަރާތް ބޭނުން ކުރުން މަނާ ކުރެވުނު ސަބަބު ތަކުގެ ތެރޭގައި، ފުރަގަސް ފަރާތް ބޭނުން ކުރާ ކަމަށް ވަނީ ނަމަ އަނބިމީހާގެ އެދުންވެރިކަމެއް ނުފުދޭނެއެވެ. ހަމައެކަނި ފުދޭނީ ފިރިހެން މީހާގެ އެދުންވެރި ކަމެވެ. އެހެންކަމުން ކައިވެނީގެ އެންމެ މުހިންމު އެއް މަގްޞަދު ކަމުގައިވާ ދެމަފިރިން ޢިއްފަތްތެރިވުން ޙާޞިލް އެއް ނުވެއެވެ. މާތް ﷲ ފޫކޮޅު ހައްދަވާފައިވަނީ ޖިމާއުވުމަކަށް ނޫނެވެ. ޖިމާޢުވުމަށް ތައްޔާރު ކުރައްވާފައިވަނީ ފަރްޖެވެ. އެހެންކަމުން ފޫކޮޅު ބޭނުންކުރާ މީހުންނަށް ﷲ ގެ ޙިކްމަތާ ދެކޮޅު ހެދެނީއެވެ. އަދި އަންހެން މީހާ އަށްވެސް މިކަމުގެ ސަބަބުން ބޮޑެތި އަނިޔާތަކެއް ލިބިގެންދެއެވެ.
މީގެ އިތުރުން ފިރިހެން މީހާ އަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބެއެވެ. ފަރްޖުގައި ހުންނަ ތެތް ކަމެއް ފުރަގަސް ފަރާތުގައި ނުހުރެއެވެ. އެހެންކަމުން ފިރިހެން މީހާގެ ޛަކަރަށް ބޮޑެތި ގެއްލުން ތަކެއް އެކަމުގެ ސަބަބުން ލިބިގެންދެއެވެ. والله أعلم
އިތުރު ސުވާލެއް:
އަނބިމީހާ ބަލިވެއިންދައި ޖިމާއުވުމުގެ ހުކުމަކީ ކޮބާ؟ ހުއްދަނޫންނަމަ ސަބަބު؟ ހުއްދަނަމަ އެކަމުގެ ހަމަތަކާއި އެންމެރަނގަޅުގޮތަކީ ކޮބާ؟
އަނބިމީހާ ބަލިވެ އިންނަ ދުވަސްވަރުގައި ޖިމާޢުވުމަކީ ހުއްދަކަމެކެވެ. ނަމަވެސް އެކަމުގެ ސަބަބުން އަނބިމީހާ އަށް ގެއްލުމެއްވާނަމަ ޙަރާމް ވާނެއެވެ. ގެއްލުން ނުވި ކަމުގައިވީނަމަވެސް، އެކަމުގެ ސަބަބުން އަނބިމީހާ އަށް އުނދަގޫވާނަމަ އެކަން ނުކުރުން ރަގަޅެވެ.
ސަބަބަކީ އަނބިމީހާ އަށް އުނދަގޫވާ ކަންތައް ނުކޮށް ދޫކޮށްލުމަކީ އެކަނބަލުންނާއި އެކު ރީތިކޮށް އުޅުމުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. ނިސާ ސޫރަތުގެ 19 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَعَاشِرُوهُنَّ بِالْمَعْرُوفِ) މާނައަކީ: " އަދި، ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ!"
والله أعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް