މާލެ ސަރަޙައްދުގެ ކަނޑު އަޑީގައި ފެން އުފައްދާ ނިޒާމެއް ނުވަތަ ސަބްސީ ޑީސެލިނޭޝަން ޕްލާންޓެއް ޤާއިމުކުރުމަށް ބޭނުންވާ ފީސިބިލިޓީ ދިރާސާގެ ޢަމަލީ މަސައްކަތް މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ފަށައިފިއެވެ.
މި ދިރާސާގެ މަސައްކަތަށް "ފްލޯޝަން" ކުންފުނީގެ ފަންނީ ޓީމެއް މި ހަފުތާގައި ރާއްޖެ ޒިޔާރަތްކޮށް، ފެނުގެ ސާމްޕަލް ނެގުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެމްޑަބްލިއުއެސްސީން ހާމަކުރި ގޮތުގައި، މި މަސައްކަތުގެ ދަށުން ސާމްޕަލް ނަގާފައިވަނީ ކަނޑުގެ 500 މީޓަރު އަޑިންނެވެ. އަދި އެއީ މިހާތަނަށް ފެނިފައިވާ އެންމެ ސާފު ކަނޑުފެން ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
އެމްޑަބްލިއުއެސްސީން ބުނީ، ނެގުނު ސާމްޕަލްތައް ބޭނުންކޮށްގެން ލެބޯޓްރީގައި ފުޅާ ދާއިރާއެއްގައި ޓެސްޓުތައް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ޓެސްޓުތަކުގެ މައިގަނޑު ބޭނުމަކީ ފެން އުފެއްދުމުގެ ނިޒާމަށް ބޭނުންވާ ފެނުގެ ފެންވަރު (ފީޑް ވޯޓާ ކޮލިޓީ) އެކަށީގެންވާ މިންގަނޑުތަކަށް ފެތޭތޯ ކަށަވަރުކުރުމެވެ.
މި މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ލިބުނު އެއްބާރުލުމަށްޓަކައި އެމްޑަބްލިއުއެސްސީން ވަނީ "ވޯޓާ ސޮލިއުޝަންސް" އަށް ޝުކުރު އަދާކޮށްފައެވެ.
މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް ކުރިއަށްގެންދާ މިބާވަތުގެ ފުރަތަމަ މަޝްރޫޢެވެ.