އަހަރެންނަށް އަބަދު ހިތާމަތައް ކުރިމަތިވަނީ ކީއްވެގެން ހެއްޔެވެ؟ ދަތިޙާލުން އަރައިނުގަނެވިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ބައިވެރިޔާ އަހުރެން ދޫކޮށްލީ ކީއްވެގެންހެއްޔެވެ؟
ހިތުގައި މިފަދަ ސުވާލުތައް އަބަދުވެސް އުފެދޭ މީހުން ވަރަށް ގިނަވާނެއެވެ. އެކަމުގައި ޢަމަލުކުރަންޖެހޭނެ 2 ގޮތެއް އެބައޮތެވެ؟ ކަމެއް ދިމާވުމުން ތިމާގެ އަމިއްލަ ނަފްސާއި އެފަދަ ސުވާލުތައް ކުރުމުގައި އެއްވެސް މައްސަލައެއް ނެތެވެ. އެހެނީ ތިމާގެ ކިބައިން ކަންކަން އިޞްލާޙްކުރަންޖެހޭ ކަމާއި އިޞްލާޙްކުރަންވީ ކޮންކޮން ކަންކަމެއްކަން ދެނެގަނެވޭނީ އެއިރުންނެވެ.
އެހެނަސް ގިނަ ބައެއްގެ ހިތުގައި މިފަދަ ސުވާލުތައް ގިނައިން އުފެއްދެވެނީ ﷲ ތަޢާލާއަށް ނިޞްބަތްކޮށެވެ. އެއިރުން އެސުވާލު އުފެއްދެނީ މިންވަރުފުޅާއިމެދުގައެވެ. އެއީ އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤެއް ނޫނެވެ.
މިޘާލެއް ބުނެލާނަމެވެ. ތިބާގެ ދަރިފުޅަކީ ބަސްޤަބޫލްކުރާ ވަރަށް ރަނގަޅު ކުއްޖެކެވެ. ކުއްލިއަކަށް ބަލިވީއެވެ. ފައިނަލް އިމްތިޙާން ހެދުމަށްޓަކައި ކުރަން އޮތް ދަތުރުވެސް ބުކުރެވުނީއެވެ. ޓިކެޓްވެސް އޮތީ ނަގައިފައެވެ. ކުއްޖާހުރީ އިމްތިޙާނަށް ތައްޔާރުވެގެންނެވެ.
ތިބާއަށް އުޅެންޖެހިފައިވަނީ އެކަމުގެ ހިތާމައިގައިގައެވެ. އަތުން ޚަރަދުތަކެއްވެސް ކުރަންޖެހެއެވެ. ބަލަހައްޓަން ބުރަ މަސައްކަތްވެސް ކުރަންޖެއެވެ. އެހެންކަމުން ތިބާ ދިއައީ އެކަމާއި ގުޅުވައިގެން ކުރިން މިބުނި ޒާތުގެ ސުވާލުތައް އުފައްދަމުންނެވެ. އެކަންކަން ﷲ ތަޢާލާ މެދުވެރިކުރެއްވެވި ސަބަބާއިމެދުގައެވެ.
އެހެން ހުއްޓައި ކުއްޖާ ދަތުރުކުރަން އޮތް ފްލައިޓް ފުރިތަނާ ފްލައިޓްވެއްޓި ދަތުރުކުރި އެންމެން މަރުވީއެވެ. ދެން ތިބާގެ ހިތަށް އަރާނީ ކީކޭހެއްޔެވެ؟ ﷲ ތަޢާލާގެ ޙަޟްރަތަށް ކުރަމުން އައި ޝަކުވާގެ ސުވާލުތައް އަދިވެސް ކުރާނީހެއްޔެވެ؟ ނޫންނަމަ އެދަތުރު ނުކުރެވޭނެ ގޮތް އިރާދަކުރައްވަވައި ދަރިފުޅުގެ ފުރާނަ ސަލާމަތްކޮށްދެއްވެވިކަމަށްޓަކައި ﷲ ތާޢާލާއަށް ޝުކުރުވެރިވެ ޙަމްދުކުރާނީ ހެއްޔެވެ؟
މީސްތަކުންނޭވެ! އެއްވެސް މީހަކަށް ދެރައެއް ލިބޭނެ ގޮތަކަށް އެއްވެސް ކަމެއް މިންވަރުނުކުރައްވަވާނެތެވެ. އެނޫން ގޮތަކަށް އެކަންކަން ޤަބޫލުކުރެވޭނަމަ އެމީހާގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ. ވީމާ ހިތްދަތިކަމެއް ކުރިމަތިވިނަމަވެސް މާލީ ދަތިކަމެއް ކުރިމަތިވި ނަމަވެސް ފުރަތަމަކަމަކަށްވެސް އެއީ ތިމާ އިމްތިޙާންކުރައްވަވަނީކަމާއި އެކަމުން ތިމާއަށް ބޮޑު ފައިދާއެއް ކުރާނެކަންވެސް ޔަޤީންކުރާށެވެ. އެފަދައިން ޔަޤީންކޮށްގެންހުރި ހަމައެކަކުވެސް ﷲ ތަޢާލާ މާޔޫސް ނުކުރައްވަވާނެތެވެ! އިން ޝާ ﷲ
- ޑރ. ރާނިއާ އަވާދުގެ ދަރުސަކުން