ކަދުރު : ކެންސަރުން ރައްކާތެރިކޮށްދިނުމުގެ އިތުރުން ހިތުގެ ބަލިތަކަށާ މާބަނޑު އަންހެނުންނަށާ އެހެންވެސް ގިނަ ބަލިތަކަކަށް ޝިފާއެއް!

ކިޔުމަށް ހޭދަވާނީ 3މ 36ސ
ކަދުރު : ކެންސަރުން ރައްކާތެރިކޮށްދިނުމުގެ އިތުރުން ހިތުގެ ބަލިތަކަށާ މާބަނޑު އަންހެނުންނަށާ އެހެންވެސް ގިނަ ބަލިތަކަކަށް ޝިފާއެއް!

އުންމު ނަވާރު

ކަދުރޭ ބުނުމުން އެންމެ ފުރަތަމަވެސް ހިތަށްއަރަނީ ބަރަކާތްތެރި ރަމަޟާނު މަސް މަތިންނެވެ. ރޯދަމަހުގައި ކަދުރު ގޭގައި ނުހުންނަ އިރެއް އަޅުގަނޑު ހަދާންނުހުރެއެވެ. ރޯދަ ވިއްލާއިރު ކަދުރުކޮޅެއް މޭޒުމަތީގައި ނެތިއްޔާ މޭޒުމަތި ފަޅުނުފިލައެވެ. ދިވެހިންގެ ތެރޭގައި ގިނަ މީހުން ރޯދަމަހު ކަދުރު ކައި އުޅުއެވެ. ކަދުރަކީ އަޅުގަނޑުމެން މުސްލިމުންނާއި ވަރަށް ބޮޑަށް ގުޅިފައިވާ މޭވާއަކަށް ވާތީ، ރޯދަމަހު ކަދުރު ބޭނުންކުރާ މިންވަރު އިތުރުވެގެންދެއެވެ. 

ކަދުރު ރުއް އެންމެ ފުރަތަމަ ހެދިފައިވަނީ ކޮންތާކުކަމާ މެދު އެކި ގޮތްގޮތަށް ވާހަކަދެކިވިފައި އެބަހުއެޓެވެ. ކަދުރަކީ ވަރަށް ކުރީ ޒަމާނުއްސުރެން ކެއުމުގައި ބޭނުންކުރަމުން އައި އެއްޗެކެވެ. ކަދުރު ރުއް އެންމެ ފުރަތަމަ ހެދިފައިވަނީ ސީދާ ކޮންތާކުންކަށް ނޭގުނު ނަމަވެސް ދިރާސާތަކުން ދައްކާ ގޮތުގައި ކަދުރު ރުއް އެންމެ ފުރަތަމަ ހެދިފައިވަނީ މިޞްރާއި މެސޯޕޮޓެމިއާއާ ދެމެދު އޮންނަ ސަރަހައްދުގައެވެ. 

ކަދުރު ރުކުން ކަދުރު ލިބެން ދިގު މުއްދަތެއް ހޭދަވެއެވެ. އާންމު ގޮތެއްގައި ކަދުރު ރުއް ފޯދެ ހެދިބޮޑުވެ ކަދަރު އަޅަން 4 އަހަރާއި 8 އަހަރުގެ މުއްދަތެއް ހޭދަވެއެވެ. ދުނިޔޭގައި އެންމެ ގިނައިން ކަދުރު ހައްދާ ގައުމުތަކުގެ ތެރޭގައި މިސްރާއި އީރާންއާއި، އަލްޖީރިއާ އަދި ސައުދީ އަރަބިއްޔާ ފަދަ ގައުމުތައް ހިމެނެއެވެ. 

ކަދުރު ކެއުމުމުން ކެންސަރު ބަލިން ރައްކާތެރި ކޮށްދޭކަމަށް ދިރާސާއަކުން ދައްކައެވެ. ކެންސަރު ބަލިޖެހޭ މީހުން ރާއްޖޭގެ އާބާދީގެ ނިސްބަތުން ގިނައެވެ. ކަދުރުގައި އެންޓިއޮކްސިޑެންޓް އަދި އެންޓި-އިންފްލެމޭޓަރީ ދެ މާއްދާ ހިމެނެއެވެ. މި ދެ މާއްދާއަކީވެސް ކެންސަރު ބަލި ޖެހުމުން ރައްކާތެރިކޮށްދޭ ދެ މާއްދާއެކެވެ. 

ކަދުރަކީ ހިތުގެ ދުޅަހެޔޮކަމަށްވެސް ރަނގަޅު އެއްޗެކެވެ. ހިތުގެ ނިޒާމު ރަނގަޅަށް މަސައްކަތް ކުރުމަށްޓަކައި ޕޮޓޭޝިއަމް ބޭނުންވެއެވެ. ލޭގެ ޕްރެޝަރު ދަން ކުރުމަށް ޕޮޓޭޝިއަމް އެހޭތެރިވެއެވެ. ކަދުރުގައި ގިނަ އަދަދަކަށް ޕޮޓޭޝިއަމް ހުންނަ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އާންމު ގޮތެއްހައި ކަދުރަކީ ހިތުގެ ބަލި މީހުންނަށްވެސް ރަގަޅު އެއްޗެކެވެ. 

ކަށިތައް ވަރުގަދަކޮށް ބެހެއްޓުމަށްޓަކައި ކަދުރުން އެހީތެރިވެއެވެ. ކަށިތައް އުފެދުމަށް ބޭނުންވާ މުހިއްމު މާއްދާއެއް ކަމަށްވާ މެގްނީޝިއަމް ކަދުރުގައި ހިމެނެއެވެ. މެގްނީޝިއަމް މަދުވުމުގެ ސަބަބުން ކަށިތައް ފީވެ ދިއުމަށް ފަސޭހަ މަގެއް ހުޅުވެގެންދެއެވެ.  މެގްނީޝިއަމް ލިއްބައިދޭ ބޭހުގެ ބަދަލުގައި ކާއެއްޗެހީގެ ޒަރިއްޔާއިން މެގްނީޝިއަމް ހަށިގަނޑަށް ނެގުން މުހިއްމެވެ. އެއީ މިގޮތުން ބޭހުގެ ސަބަބުން ކުރިމަތި ވެދާނެ ވިހަވުންތަކުން ސަލާމަތް ކޮށްދޭތީއެވެ. 

ކަދުރު ކެއުމުން ވިހެއުމުގެ ވޭން ކުޑަކޮށްދީ ވިހެއުން ފަސޭހަވެގެންދެއެވެ. ދިރާސާއަކުން ދައްކާ ގޮތުގައި ވިހެއުމަށް ދީފައިވާ ދުވަހުގެ 4 ހަފްތާ ކުރިން ކޮންމެ ދުވަހަކު ދުވާލަކު 6 އޮތް ކަދުރު ކެއި މީހުން ވިހަން އެދުމަތި ކުރިއިރު ރަހިމުގެ ދޮރު ހުޅުނުވުނު މިންވަރު ބޮޑެވެ. މި މީހުންގެ ތެރެއިން %96 މީހުން ސިޒޭރިއަން ހަދަން ނުޖެހި ވިއްސެވެ. އަދި ރިހުން ގެނުވަން ޖަހާ އިންޖެކަކްޝަން ޖަހަން ޖެހުނު މިންވަރުވެސް މި މީހުންގެ މެދުގައި މަދެވެ. ކަދުރު ކެއުމުން ވިހެއުމުގެ ވޭން ކުޑަކޮށޮދޭކަން ކީރިތި ޤުރުއާނުން އެގިގެންދެއެވެ. މަރްޔަމް ސޫރަތުގައި މިކަން ބަޔާންވެގެންވެއެވެ. މަރްޔަމްގެފާނު އީސާ ޢަލަހިއްސަލާމް އާއިގެން އާލާސްވެއިންނަވައިގެން މީސްތަކުންނާއި ދުރު ހިސާބަށް ވަޑައިގެންނެވިއެވެ. ކަދުރު ރުކެއްގެ ގާތުގައި އެކަމަނާ ރައްކާވުމުގެ ވޭންފުޅު އައެވެ. އެހިނދު ﷲ ސުބުހާނަހޫ ވަތަޢާލާ ވަހީކުރެއްވިއެވެ. " އަދި ކަމަނާ ކަދުރުރުއް ކަމަނާގެގާތަށް ދަންމަވާ ހަލުވާލައްވާށެވެ! އޭރުން ކަމަނާއަށް ފައްކާވެފައިވާ މޮޅު މަޑު ކަދުރު ފައިބާނެއެވެ. ފަހެ ކަމަނާ ކަދުރު ފަރީކުޅުއްވައި ފެންފޮދު ހިއްޕަވައި ހިތްޕުޅު ހަމަޖައްސަވާށެވެ. " ( މަރްޔަމް ސޫރަތް  25،26  )

އާންމުކޮށް ކަދުރަކީ އެންމެން ކެއުމަށް ރަނގަޅު އޭގައި ގިނަ ގުނަ ފައިދާ އެކުލެވޭ މޭވާއެކެވެ. ވިސްނާލަން މުހިއްމު ނުކުތާއަކީ ކަދުރު ކެއުމުން އެކި މީހުންނަށް ދިމާވެދާނެ އުނދަގޫ ތަފާތުވެދާނެ ކަމެވެ. އެހެނިހެން ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކުން، ކަދުރު ކެއުމުގައި ހިމަނާލުމުގެ ކުރިން ޑޮކްޓަރުގެ ލަފާ ހޯދާލުން މުހިއްމެވެ.

ސަމާލުކަމަށް: މިލިޔުމުގައި ހިމަނާފައިވާ މައުލޫމާތަކީ އަޅުގަނޑު އެކި ލިޔުންތަކުން ނަގާފައިވާ މައޫލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމް ވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ސިއްހީ ދާއިރާގެ މަސައްކުރާފަރާތްތަކުންދޭ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫނެވެ. 

ލިޔުނީ: އުންމު ނަވާރު 

މިއަދު އޮންލައިން