ކޮންމެ އަހަރަކު ނުކުޅެދުންތެރިކަން ހުންނަ 500 މީހުންނަށް ވަޒީފާ ހޯދައިދިނުމަކީ އަމާޒެއް: ވަޒީރު ޤީލާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
ކޮންމެ އަހަރަކު ނުކުޅެދުންތެރިކަން ހުންނަ 500 މީހުންނަށް ވަޒީފާ ހޯދައިދިނުމަކީ އަމާޒެއް: ވަޒީރު ޤީލާ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކޮންމެ އަހަރަކު މަދުވެގެން 500 ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، އެ އަމާޒަށް ދިއުމަށްޓަކައި މަސައްކަތްތައް އިތުރަށް ހަލުވިކުރަމުންދާ ކަމަށް ސިއްޙަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ބޭއްވި "އަހާ" ފޯރަމްގައި އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ ބާޒާރަށް ނެރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެއް ކަމަށެވެ. އެގޮތުން އެފަދަ ފަރާތްތަކުގެ ހުނަރާއި ޤާބިލުކަން ދެނެގަތުމަށް ޚާއްޞަ އެސެސްމަންޓްތަކެއް ހަދައި، އެ މީހުންނާ ގުޅޭ ވަޒީފާތައް ސަރުކާރު ކުންފުނިތަކާއި ސިވިލް ސަރވިސްގެ އިދާރާތަކުން ހޯދައިދިނުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ވަޒީރު ޤީލާ ފާހަގަކުރެއްވި ގޮތުގައި، މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ 400 އަށްވުރެ ގިނަ މީހުންނަށް ވަނީ ވަޒީފާގެ ފުރުޞަތު ހަމަޖައްސައިދީފައެވެ. މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައިވެސް އެފަދަ ފަރާތްތަކަށް އެންމެ ގިނައިން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެވުނު ފަހަރެވެ.

މިއަހަރުގެ ތެރޭގައި މިހާތަނަށް 60 މީހަކަށް ވަޒީފާ ފޯރުކޮށްދެވިފައިވާއިރު، ވަޒީފާއަށް އެދި 1،000 އަށްވުރެ ގިނަ މީހުން ނަންނޯޓުކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، މި މަސައްކަތް އިތުރަށް އަވަސްކުރުމަށްޓަކައި ސިވިލް ސަރވިސް ކޮމިޝަނާ ވާހަކަދައްކައިގެން، ސިވިލް ސަރވިސްގެ އިދާރާތަކުގެ ތެރެއިން ބޭނުންވާ މިންވަރަށް ވަޒީފާ ހަމަޖައްސައިދިނުމަށް މިހާރު ވަނީ ނިންމާފައެވެ.

އޭގެ އިތުރުން، ސަރުކާރު ކުންފުނިތަކުންވެސް އިތުރު މަސައްކަތްތަކެއް ކޮށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރެވޭނެ ފަދަ މަސައްކަތްތައް ދެނެގަނެ ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ މުހިންމު ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ މި ހުރިހާ މަސައްކަތެއްގެ މައިގަނޑު ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީވެސް ވަޒީފާގެ ބާޒާރުގައި އަމަލީގޮތުން ބައިވެރިވާ، ބޭނުންތެރި ބަޔަކަށް ހެދުން ކަމަށެވެ.

މިއަދު އޮންލައިން