ރަސްމާލޭގެ 500 ހެކްޓަރުގެ މަޝްރޫއުން 10 އަހަރު ތެރޭ 3.1 ބިލިއަން ޑޮލަރު ދައުލަތަށް ލިބޭނެ: ހައުސިންގ މިނިސްޓްރީ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 9ސ
ރަސްމާލޭގެ 500 ހެކްޓަރުގެ މަޝްރޫއުން 10 އަހަރު ތެރޭ 3.1 ބިލިއަން ޑޮލަރު ދައުލަތަށް ލިބޭނެ: ހައުސިންގ މިނިސްޓްރީ

ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި ހިންގުމަށް ހަމަޖެހިފައިވާ ބިޔަ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި ދައުލަތަށް ގާތްގަނޑަކަށް 3.1 ބިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު އާމްދަނީއެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.

ހައުސިންގ މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން މައުލޫމާތު ސާފުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ފޮނުއްވި ސިޓީއަކަށް ޖަވާބުދެއްވައި އެ މިނިސްޓްރީން ފޮނުވި ރަސްމީ ސިޓީގައެވެ.

މި ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބިޔަ މަޝްރޫއު ކުރިއަށްގެންދިއުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސް އިންޓަރނޭޝަނަލް ޕްރޮޕަޓީސް އެލްއެލްސީއާއެކު މިހާތަނަށް ސޮއިކޮށްފައިވަނީ ކޮންޓްރެކްޓް ނެގޯޝިއޭޓްކޮށް ފައިނަލް ކުރުމުގެ އޮނިގަނޑު ހިމެނޭ "ކޮމަރޝަލް ޓަރމްސް" އެއްބަސްވުމެއްގައެވެ. މި މަޝްރޫއަކީ ދިވެހިރާއްޖޭގެ އިގްތިސާދަށް ބޮޑެތި މަންފާތަކެއް ކުރުމަށް އަމާޒު ހިފައިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މަޝްރޫއު ކުރިއަށްދާ ގޮތާއި ޤާނޫނީ އޮނިގަނޑާ ގުޅޭގޮތުން ހައުސިންގ މިނިސްޓްރީން ބުނެފައިވަނީ، މި މުޢާމަލާތް ކުރިއަށްދަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.22 ވަނަ މާއްދާގެ (ނ) ގެ ދަށުން ކަމަށެވެ. އެއީ އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ހުށަހަޅާ މަޝްރޫއުތަކާ ގުޅޭ އުސޫލު (ޕީއެސްއައިޕީ އުސޫލު) ގެ މަގުންނެވެ.

މީގެއިތުރުން، އެ ސަރަހައްދުން ބިން 99 އަހަރަށް ކުއްޔަށް ދިނުމުގެ މައިގަނޑު އެއްބަސްވުމުގައި ސޮއިކުރާނީ ޤާނޫނުއަސާސީއާއި ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް އެ މިނިސްޓްރީގެ ޖަވާބުގައި ފާހަގަކޮށްފައިވެއެވެ.

މި މަޝްރޫއުގެ ދަށުން ދައުލަތަށް ލިބޭނެ މާލީ މަންފާތަކުގެ ތެރޭގައި:

- ބިމުގެ ޕްރީމިއަމް: ޑިވެލޮޕަރުގެ ޖުމްލަ އާމްދަނީގެ 10 އިންސައްތަ ބިމުގެ ޕްރީމިއަމްގެ ގޮތުގައި ދައުލަތަށް ލިބިގެންދާނެއެވެ.

- 500 މިލިއަން ޑޮލަރުގެ އެޑްވާންސް: އެޑްވާންސް ފައިސާގެ ގޮތުގައި ލިބޭ 500 މިލިއަން އެމެރިކާ ޑޮލަރު ސީދާ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުން ހިންގާ ހައުސިންގ މަޝްރޫއުތަކަށެވެ.

- ސަރުކާރަށް މާލީ އިލްތިޒާމެއް ނެތުން: މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ 500 މިލިއަން ޑޮލަރުގެ ހައުސިންގ މަޝްރޫއަށް ދިވެހި ސަރުކާރުން އެއްވެސް މާލީ އިލްތިޒާމެއް އުފުލަން ނުޖެހޭނެއެވެ.

މިއަދު އޮންލައިން