ހދ. ނާގޯށީގެ މަސައްކަތް ނުހުއްޓި ކުރިއަށް، އަހަރެއްހާ ދުވަސް ތެރޭ އޮޕަރޭޝަނަށް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 44ސ
ހދ. ނާގޯށީގެ މަސައްކަތް ނުހުއްޓި ކުރިއަށް، އަހަރެއްހާ ދުވަސް ތެރޭ އޮޕަރޭޝަނަށް!

ދިގު އިންތިޒާރަކަށްފަހު، ހދ. ނާގޯށީގައި ތަރައްޤީކުރަމުން އަންނަ ރިސޯޓު ކުރިއަށްއޮތް 11 މަސްދުވަހުގެ ތެރޭގައި ހުޅުވައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މިކަން ހާމަކުރެއްވީ 'އަހާ' ފޯރަމްގައި އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ފަތުރުވެރިކަމާއި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ. ވަޒީރު ވިދާޅުވީ ނާގޯށީގެ އަމަލީ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށާއި، މަޝްރޫޢުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައި ކަމަށެވެ. އަދި ކުރިއަށްއޮތް އަހަރަކަށްވުރެ ކުޑަ މުއްދަތެއްގެ ތެރޭގައި ރިސޯޓު ހުޅުވައި، ޚިދުމަތް ދިނުމަށް ފުރިހަމައަށް ތައްޔާރުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނާގޯށި ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ ހަވާލުކުރީ 2006 ވަނަ އަހަރުއެވެ. އޭގެ ފަހުން ރަޝިޔާގެ ތްރީކް ކުންފުންޏަށް އެ ރަށް ސަބްލީޒް ކުރި ނަމަވެސް، މަސައްކަތް ކުރިއަށް ނުގޮސް ގިނަ ދުވަސްތަކެއް ވަންދެން އޮތީ މަޑުޖެހިފައެވެ. މަސައްކަތް ކުރިއަށް ނުދިއުމުގެ ސަބަބުން އެމްޓީޑީސީގެ އަތުން ރަށް ނެގުމަށްފަހު، 2021 ވަނަ އަހަރު އައު ލީޒެއްގެ ދަށުން ދުބާއީގެ ގަލަދާރީ ހޯލްޑިންގްސްއާ ހަވާލުކުރި ނަމަވެސް، ތިން އަހަރު ވީއިރުވެސް އަމަލީ މަސައްކަތެއް ނުކުރެވުމުން އެ އެއްބަސްވުންވެސް ވަނީ ބާޠިލުކޮށްފައެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްނަގައިގެން، 2023 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި މާލީ ވުޒާރާއާއި އެމްޓީޑީސީ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ފައިނޭންސިންގ ވަނީ ހަމަޖައްސައިދީފައެވެ. އަދި ލިބުނު ލުއިތަކާއެކު މި މަޝްރޫޢުގެ އަމަލީ މަސައްކަތް ވަނީ އަލުން ފަށާފައެވެ.

ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ހުއްޓިފައި އޮތް މި މަޝްރޫޢު ނިމި ރިސޯޓު އޮޕަރޭޝަނަށް އައުމަކީ ބޮޑުތިލަދުންމަތީގެ ފަތުރުވެރިކަމަށާއި މުޅި ސަރަހައްދުގެ އިޤްތިޞާދަށް ބޮޑު ދިރުމެއް ގެނެސްދޭނެ ކަމެކެވެ.

މިއަދު އޮންލައިން