ގިނަ އަންހެނުންތަކެއް އެކުގައި ބަދިގޭގައި ގިނަ ވަޤުތުތަކެއް ހޭދަކުރަންޖެހޭނަމަ އެކަމުގެ އަސަރު ރޯދައަށް ކުރާނެއެވެ. އަނެއްކާވެސް ބުނަން އޮތީ އެމީހުން އެކުރަނީ ޙަރާމް ކަމެއް ނޫނެވެ. ނަމަވެސް އެމީހުން ޙަލާލް ކަމެއް ކުރުމުގެ ތެރެއިން ޙަރާމް ކަމެއް ކުރެވެނީއެވެ.
އެއްވެސް ޙާލެއްގައި މިބުނަނީ ގިން އަންހެނުންތަކެއް އެކުގައި ކައްކަން އުޅުމަކީ ޙަރާމްކަމެއްގެ ވާހަކައެއް ނޫނެވެ. ނަމަވެސް ރަނގަޅަށް ވިސްނާށެވެ. އަންހެނުންތަކެއް އެކުގައި ގިނަ ވަޤުތުތަކެއް ހޭދަކުރާނަމަ އެމީހުންގެ ރޯދައަށް ގެއްލުން ލިބޭނެ، ފާފަވެރިވާނެ ޢަމަލުތަކެއް ކުރެވޭނެއެވެ.
އެގޮތުން ކުރެވޭ އެންމެ ޢާންމު ކަމަކީ ދައްކަން ނުޖެހޭ ވާހަކަތައް ދެއްކުމެވެ. ޣީބަ ބުނެވުމެވެ. އިންސާނުންގެ މުޅަމަސް ކެވުމެވެ. ހީނސަކަރާތްޖެހުމެވެ. އެކަންކަން ކުރަން ހަދައިގެން ﷲ ތަޢާލާގެ މަތިން ހަނދުމަނުކުރެވި ގިނަ ވަޤުތުތަކެއް ހޭދަކުރެވޭ ކަމެވެ. ބޮޑެތި ޢާއިލާތައް އެކުގައި ދިރިއުޅޭ ގޭގޭގައި މިބުނި ކަންކަން ކުރެވުން ގިނަވާނެއެވެ.
އެހެންވީމާ ޢާއިލާތަކަށް، ޚާއްޞަކޮށް ފިރިންނަށް ކުރަން އޮތް އިލްތިމާސަކީ އަނބިންނަށް ބަދިގޭގައި ހޭދަކުރަންޖެހޭ ވަޤުތު މަދުކުރުވާށެވެ. އެކަންކުރެވޭނީ ރޯދަވީއްލާށާއި އަދި އެރޭ ކާން ބޭނުންވާ ތަކެތީގެ ޢަދަދު މަދުކޮށްގެންނެވެ. އަނބިންނާއި ޙަވާލުކުރެވޭ މެނޫ ކުޑަކޮށްގެންނެވެ.
ފިރިން ބަލަންވީ އެމީހުން ޙަވާލުކުރި މެނޫގަ ހުރި ތަކެތި އަނބިން ތައްޔާރުކުރިތޯއެއް ނޫނެވެ! ބަލަންޖެހޭނީ އަނބިން އަޅުކަންކުރިތޯއެވެ! ނަމާދުކޮށް ޛިކުރުކުރިތޯއެވެ! އެދުވަހު ޤުރްއާނުން ކިހައި މިންވަރެއް ކިޔެވިތޯއެވެ!
ޙަޤީޤަތުގައި ރަމަޟާން މަސް ކާމިޔާބުކުރެވޭނީ ކާތަކެތި މަދުކޮށް އަޅުކަންކުރުން ގިނަކުރެވިގެންނެވެ. ގިނަ ތަކެތި ކާން ބޭނުންވާނަމަ އަނބިންނަށް އަޅުކަން ކުރަން ލިބޭ ވަޤުތު މަދުވާނެއެވެ.
ތަނަވަސްކަން ހުރިނަމަ 10،12 ބާވަތުގެ ތަކެތި ކެއުމަކީވެސް ޙަރާމްކަމެއް ނޫނެވެ. ނަމަވެސް އެބައިވަރު ކާން ބޭނުންވެގެން އަނބިންނަށް އަޅުކަންކުރާނެ ވަޤުތު ހޯދައި ނުދެވޭނަމަ އެކަން ޙަލާލުކަމަކަށް ނުވާނެއެވެ.
ވީމާ އަހުރެންގެ އާދޭހަކީ ތިއަބައިމީހުން އަނބިން ދެކެ ލޯބިވާނަމަ ރޯދަމަހުގެ މެނޫތައް ކުޑަކުރާށެވެ! އަދި އަނބިންވެސް އެކަމަށް ސަމާލުކަންދީގެން ކައްކަން ހޭދަކުރާ ވަޤުތު މަދުކުރަން މަސައްކަތްކުރާށެވެ! ޚާއްޞަކޮށް ފަހު ދިހައިގައި އެކަމަށް އިތުރަށް ސަމާލުކަންދޭށެވެ!
- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން