ރައްޔިތުން ތިބީ ޚުޠުބާގަ ގޮވާލިފަދައިން ﷲ ގެ ދީނަށް ނަޞްރުދިނުމުގަ ޘާބިތުކަންމަތީގަ- ފޭލްވެފައިވަނީ ގޮވާލި ފަރާތްކަން ޔަޤީން ނޫންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
ރައްޔިތުން ތިބީ ޚުޠުބާގަ ގޮވާލިފަދައިން ﷲ ގެ ދީނަށް ނަޞްރުދިނުމުގަ ޘާބިތުކަންމަތީގަ- ފޭލްވެފައިވަނީ ގޮވާލި ފަރާތްކަން ޔަޤީން ނޫންތޯ؟

މިއަދުގެ ހުކުރު ޚުޠުބާގެ ފުރަތަމަ ޚުޠުބާ ނިންމަވައިލެއްވީ އިސްލާމް ދީނަށް ނަޞްރުދިނުމަށް ވާން ޖެހުނު ކޮންމެ ޤުރްބާނީއެއް ވުމަށް ފަސްނުޖެހުމަށް ގޮވާލައްވަމުންނެވެ. މާތް ﷲ ވާގިފުޅާއިއެކު ދިވެހި ރައްޔިތުންގެ ތެރެއިން "ކަރުން އެތެރެވިއްޔާ ޙަލާލް" ކަމަށް ދެކޭ މަދު ބައަކު ނޫނީ ތިބީ ހަމައެގޮތުިގައެވެ.

ތިމާމެން ﷲ ތަޢާލާ ގަންދީ ކޮށްގެން ތިބި ހުވައާ ޚިލާފަށް އަމިއްލައަށް އަމަލުކުރަމުންވެސް، ހުވާގެ ދަށުން އަދާކުރަންޖެހޭ ޤާނޫނީ ވާޖިބުތައް އަދާނުކުރަމުންވެސް ﷲ ތަޢާލާއަށް ބިރެއް ނެތި ރައްޔިތުންގެ ފައިސާއިން އިންތިހާއަށް ބޮޑެތި މުސާރައާއި ޢިނާޔަތް ނަގައި ބޭނުންކުރާ ބައަކު އެބައުޅެއެވެ. 

ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކޮށް މަތިވެރިކުރަން މަސައްކަތްކުރަން ﷲ ތާޢާލާގެ ޙަޟްރަތުގައި ހުވާކޮށްގެން ތިބެމެ، ޢަމަލާއި ބަހުން އިސްލާމް ދީން ނިކަމެތިކޮށް އެކަން މީސްތަކުންނަށް ދައްކަން. ސުންނަތް ބުރިކޮށް ކުރުކުރާ ބައަކުވެސް އެބަ އުޅެއެވެ. 

ރާއްޖޭގައި އިސްލާމް ދީން ދީނާއި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރަން ހަދާފައިވާ ޤާނޫނުތަކަށް ބިދޭސީން، ޚާއްޞަކޮށް ހިންދޫން ދީންތަކުގެ މީހުން ގޮންޖަހައި ޤާނޫނުތައް މުގުރަމުންދާއިރު އެކަންކަން ބަލައި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތައް ވަނީ ކޮންމެވެސް ސަބަބެއް މެދުވެރިވެ ވާގިނެތިފައެވެ. 

މިޙާލަތުގައި ޚުޠުބާގައި ކިޔާފައި އެވަނީ ވަރަށް ބޮޑުތެދެކެވެ. އިސްލާމް ދީނަށް ނަޞްރުދިނުމަށް ވާން ޖެހުނު ކޮންމެ ޤުރްބާނީއެއް ވުމަށް ފަސްޖެހިގެން ވާކަށް ނެތެވެ. އިސްލާމް ދީން ރާއްޖޭގެ ކަނޑުއޮޅިތަކުން ބޭރުކުރަމުން އެގެންދަނީ ފައުޅުގައި މުސްލިމުންނަށް ގޮންޖަހަމުންނެވެ. 

މިސްކިތުން 3 މިނިޓަށް ގޮވައިލެވޭ ބަންގިއާއި 5 މިނިޓަށް ކުރާ ނަމާދުގެ އަޑުގަދަވެގެން ތާޅަފިލިތަކުގެ އަޑު މަޑުކުރުވާފައި އިރާކޮޅުން ފެށިގެން ދަންވަރު އަޑުގަދަކުރާ ބޭނުންކުރުނަ މަނާ ގަޑިތަކާއެކު މުޅި މާފަންނު ސްޓޭޑިއަމް ސަރަހައްދު ވިދިވިދިގެން 3 ރޭ ގުގުމާލުވީ އިހަށްދުވަހު ނޫންތޯއެވެ؟ ފެނުނު އަޑުއިވުނު އިދާރާއެއް ނެތެއް ނޫންތޯއެވެ؟ އެތިބީ މިސަރުކާރަށް ކަސްތޮޅުއެޅިގެން ނޫންތޯއެވެ؟

ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތް ކުރާ ޤާނޫނުގެ ބެލެނިވެރިފަރާތް އެވަޤުތުތަކުގައި އޮތީ އޭޑީކޭގެ އައިސީޔޫގައިވީމާ ދުރުކަމުން އެއަޑުތައް ނުއިވުނު ނަމަވެސް އައިޖީއެމްއެޗްގެ އައިސީޔޫގައި އޮތްނަމަ ވަރަށް ރަނގަޅަށް އަޑުއިވުނީސްކަން ޔަޤީނެވެ. 

ޚުޠުބާ ލިޔުއްވި ޝައިޚަށް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. އިސްލާމް ދީނާއި މިހާ ޢަދާވާތްތެރިކަންބޮޑު ސަރުކާރެއްގެ ތެރެއިން ތިއަވަރުގެ މެސެޖެއްވެސް ބޭރުކޮށްލެއްވުނުކަން އެއީ މާތް ﷲ އަށް ޙަމްދުކުރަންޖެހޭ ކަމެކެވެ. 

އިން ޝާ ﷲ އަޅުގަނޑޫމެން މިތިބީ، އަދި މަރުވެދާނީވެސް އިސްލާމް ދީނަށް ނަޞްރުދިނުންމަތީގައެވެ!

މިއަދު އޮންލައިން