ރަމަޟާން މަހުގެ ފަހު ދިހައިގައި، ނުވަތަ ފަހު ދިހައިގެ ފަހުކޮޅުގައި ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދިގެން ރޯދަމަހާއި ކުރިމަތިލާ މީހަކަށް އޮންނާނީ މަސްނިމޭއިރުވެސް އެކަން ޙާޞިލްނުކުރެވިފައެވެ. ރަމަޟާން މަސް ފެށުމުގެ މާކުރިން، ޝަޢްބާން މަހުގެ މެދުތެރޭގައި މީސްތަކުންގެ ފާފަތައް ފުއްސަވައި ދެއްވަވަނީވެސް އެހެންވެގެންނެވެ. (މޮޅަށް ދެނެވޮޑިގެންވަނީ ﷲ)
ތިމާގެ ފާފަތައް ފުއްސަވައި ދެއްވަވާނެކަމަށް އުންމީދުކުރަންވީ ފަހު ދިހައިގައި، ނުވަތަ ފަހު ދިހައިގެ ފަހުކޮޅުގައެއް ނޫނެވެ. މަސައްކަތްކުރަންވީ ފާފަތައް ފުއްސަވައި ދެއްވަވާފައިވާ މީހެއްގެ ގޮތުގައި ރަމަޟާންމަހާއި ބައްދަލުކުރުމަށެވެ.
ފުޓްބޯޅަ މުބާރާތަކަށްބަލާށެވެ! މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކިތައް މެޗްކުޅޭހެއްޔެވެ؟ ގޯލަށް ޖަހަން ޕްރެކްޓިސްކުރަން ކިތައް ބޯޅަ ގޯލަށްޖަހާހެއްޔެވެ؟
މީސްތަކުންނޭވެ! ރޯދަމަހާއި ބައްދަލުކުރަން ތައްޔާރުވުމަކީ އެއަށްވުރެ އަދި މާބޮޑު ކަމެކެވެ. ރަމަޟާން މަސް އަންނަން 6 މަސްދުވަސްކުރިއާލައި ޞަޙާބީން ޕްރެކްޓިސް ފަށްޓަވައެވެ. އެހެންކަމަށްވާއިރު އަހަރެމެން ފަދަ ބައަކު ކިހައި ކުރިއާލައި ޕްރެކްޓިސް ފަށަންޖެހޭނެހެއްޔެވެ؟
- މުފްތީ މެންކުގެ ދަރުސަކުން