ދައުލަތުގެ ތިން ބާރު ހިންގާ އިމާރާތްތަކުގައި ހުޅުޖެހުމަށް ސޯޝަލް މީޑިއާގައި ގޮވާލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޏ. ފުވައްމުލައް، ދަޑިމަގު، އަނޯނާގެ، ޢުމުރުން ޒުވާން ހަސަން ޛިހާން އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލަކުން ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއްވައެވެ.
ހަސަން ޛިހާން ހައްޔަރުކޮށްފައިވަނީ ދައުލަތުގެ ތިން ބާރު ކަމަށްވާ ވެރިކަން ހިންގާ ބާރާއި، ޤާނޫނު ހަދާ ބާރު އަދި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ އޮފީސްތައް ހިންގާ އިމާރާތްތަކުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި، އެ ތަންތަނުގައި ހުޅުޖެހުމަށް ހިތްވަރު ލިބޭ ފަދަ ޢިބާރާތުން ސޯޝަލް މީޑިއާގައި ޕޯސްޓުކުރުމާ ގުޅިގެންނެވެ.
މި ޕޯސްޓް ސޯޝަލް މީޑިއާގައި އާންމުކުރުމަށްފަހު، ގިނަ ބައެއްގެ ސަމާލުކަމަށް އެކަން އައުމުން ފަހުން އޭނާ ވަނީ އެ ޕޯސްޓް ޑިލީޓްކޮށްލާފައެވެ. ނަމަވެސް، ދައުލަތުގެ މުހިންމު އިމާރާތްތަކަށް ގެއްލުންދީ، ނުރައްކާތެރި ޢަމަލުތަކަށް ހިތްވަރުދޭ މައްސަލަތައް ފުލުހުން އަންނަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަޙުޤީޤު ކުރަމުންނެވެ.