ރަމަޟާން މަހަށް ތައްޔާރުވާން ބޭރުފުށުން ގިނަ މަސައްކަތްތަކެއް ގިނަ ބައަކު ކުރެއެވެ. އަދި ރަމަމާން މަހު ގިނަ އަޅުކަންތަކެއްވެސް ކުރެއެވެ. ސުވާލަކީ އެހެންކަމާއިއެކުވެސް ރަމަޟާން މަހުން ލިބެންޖެހޭ ފައިދާ ނުލިބިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟
އަހުރެންގެ ޖަވާބަކީ ރަމަޟާން މަހަށް ހިތް ތައްޔާރުކުރަންޖެހޭ ގޮތަށް ހިތް ތައްޔާރު ނުކުރެވުމެވެ. ހިތް ޠޯހިރު ނުކުރެވުމެވެ. ﷲ ތަޢާލާއަށް ލޯބިވުން އަޅާނެ ޖާގަ ހިތުގައި ހުހަށް ނެތުމެވެ. އަޅުކަންކުރި ނަމަވެސް އަޅުކަމަށް ދޭންޖެހޭ މަޤާމު ހިތުގައި ނުދެވޭ ކަމެވެ. އެއީ ކީވެގެންތޯ ކުރެވޭ ސުވާލުގެ ޖަވާބަކީ މީސްތަކުންގެ މައްޗަށް ހަސަދަވެރިކަން ހިތުގައި ލެވުމާއި ފާފަތަކުން ހިތްފުރާލެވިފައިވާ ކަމެވެ.
ދެން މިޙަދީޘްފުޅަށް ބަލައިލާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު މީހަކީ ކާކުތޯ ސުވާލު ދެންނެވުމުން ޙަދީޘްފުޅުކުރައްވަވާފައިވެއެވެ. "ސާފުހިތަކާއި މާތް ދުލެއް ލިބިފައިވާ މީހާއެވެ." (ޙަދިޘް: އިބްން މާޖާ)
މިޙަދީޘްފުޅުގައިވާ ސާފުހިތުގެ ތަޞީލް ޙަދީޘްފުޅުކުރައްވަވަމުން ޙަދީޘްފުޅު ކުރައްވަވާފައިވާ ފުރަތަމަ ކަމަކީވެސް ހިތުގައި ތަޤްވާވެރިކަން އޮތުމެވެ.
ރަމަޟާން މަސް އަހަރެމެންނާއި ބައްދަލުކުރަނީ އަހަރެމެންގެ ތަޤްވާވެރިކަން އިތުރުވުމަށްޓަކައެވެ. ވީއިރު ތަޤްވާވެރިކަމެއް ނެތް ހިތަކާއިގެން ރަމަޟާން މަހާއި ބައްދަލުކުރުމުން އެމީހަކަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟
މިފަދަ ވާހަކަތައް މިހައި ގިނައިން ދައްކަން މިޖެހެނީ މިއީ އެމީހަކާއި ބައްދަލުވާ އެންމެ ފަހުގެ ރަމަޟާންމަސް ކަމުގައިވެގެންދާނެ އެތައް ހާސް މުސްލިމުން ތިބޭނެއެވެ. އަދި ކޮންބައެއް ކަމެއްވެސް ނުއެނގޭނެއެވެ. ވީމާ އަހަރެމެންނަށް އޮތީ މި ރަމަޟާން މަހަކީ ތިމާ އާއި ބައްދަލުކުރާނެ އެންމެ ފަހު ރަމަޟާން މަސް ކަމަށް ބަލައި ރަމަޟާން މަހުގެ ފައިދާ ހޯދެން އޮތް އެންމެ ބޮޑަށް ހޯދަން މަސައްކަތްކުރުމެވެ.
- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން