މައިންބަފައިންގެ ނުރުހުމުގައި ކައިވެނި ކޮށްފިނަމަ ކުއްޖާ ފާފަވެރިވާނެތޯއެވެ، މައިން ބަފައިންނަށް ނުކިޔަމަންތެރިވީ ކަމުގައި ވާނެތޯ އެވެ؟‍- 2

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8މ 43ސ
މައިންބަފައިންގެ ނުރުހުމުގައި ކައިވެނި ކޮށްފިނަމަ ކުއްޖާ ފާފަވެރިވާނެތޯއެވެ، މައިން ބަފައިންނަށް ނުކިޔަމަންތެރިވީ ކަމުގައި ވާނެތޯ އެވެ؟‍- 2

ދެވަނަ މައްސަލަ: ކައިވެނި ކުރުމަށް މައިން ބަފައިން ނުރުހޭނަމަ އެކުއްޖާ އަކީ ދިރިއުޅުމެއް ފަށަން ތައްޔާރުވެފައިވާ ކުއްޖެއްނަމަ މިފަދަ ހާލަތުގައި ކަންކުރަން އެންމެ ރަގަނޅު ގޮތަކީ ކޮބާތޯއެވެ ؟

ކުފޫހަމަވާ ފަދަ މީހަކު ކައިވެންޏަށް އެދިއްޖެ ޙާލަތެއްގައި ކައިވެނިކޮށްދިނުމަކީ ވަލީވެރިޔާގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. ނޫންނަމަ އޭނަ ބެލެވޭނީ ވަލީ ދިނުމުން މަނާވެގެންފި މީހެއް ކަމުގައެވެ.

އިބްނު ގުދާމާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ވަލީދިނުމުން މަނާވެގަތުމުގެ މާނައަކީ ކުފޫ ހަމަވާ ފަދަ މީހަކު ކައިވެންޏަށް އެދި، ކައިވެނި ވެވޭ ދެފަރާތުން އެކަމަށް އެދުމާއި އެކުވެސް، ވަލީވެރިޔާ އެކަން ކޮށްދިނުމުން މަނާވެގަތުމެވެ.

ނަމަވެސް އަންހެން ކުއްޖާ އާއި ކުފޫ ހަމަނުވާ ފަދަ މީހަކު ކައިވެނި ކުރުމަށް އެދިއްޖެ ޙާލަތެއްގައި އެކަމާއި ދެކޮޅު ހެދުމަކީ ވަލީވެރިޔާ އަށް ލިބިގެންވާ ޙައްގެކެވެ. އެހެންކަމަށްވަނީނަމަ، ވަލީ ދިނުން މަނާވެގަން މީހަކަށް އޭނާ ނުވާނެއެވެ. (އަލްމުޣްނީ 9/983).

ވަލީ ނުދީ ހިފެހެއްޓުމަކީ ޙަރާމް ކަމެކެވެ. ސޫރަތުލް ބަގަރާގެ 232 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

(وَإِذَا طَلَّقْتُمُ النِّسَاءَ فَبَلَغْنَ أَجَلَهُنَّ فَلَا تَعْضُلُوهُنَّ أَن يَنكِحْنَ أَزْوَاجَهُنَّ إِذَا تَرَ‌اضَوْا بَيْنَهُم بِالْمَعْرُ‌وفِ ۗ ذَٰلِكَ يُوعَظُ بِهِ مَن كَانَ مِنكُمْ يُؤْمِنُ بِاللَّـهِ وَالْيَوْمِ الْآخِرِ‌ ۗ ذَٰلِكُمْ أَزْكَىٰ لَكُمْ وَأَطْهَرُ‌ ۗ وَاللَّـهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ)

މާނައަކީ: "އަދި، ތިޔަބައިމީހުންގެ އަނބިން ވަރިކޮށް އެކަނބަލުންގެ عدّة ހަމަވެއްޖެނަމަ، އެކަނބަލުންގެ ފިރީންނާ، އެކަނބަލުން ކާވެނިކުރުމަށް ހުރަސް ނާޅާށެވެ! އެއީ، ހެޔޮގޮތުގައި، (އިނދެގެން އުޅުމަށް) އެއުރެންގެ މެދުގައި، ރުހި އެއްބަސް ވެއްޖެނަމައެވެ. ތިޔަބައިމީހުންކުރެ، اللَّهއަށާއި، آخرةދުވަހަށް إيمانވާ މީހުންނަށް نصيحةދެއްވާފައިވާގޮތަކީ އެއީއެވެ. ތިޔަބައިމީހުންނަށް އެންމެ ފައިދާހުރި، އަދި، طاهرކަންބޮޑު ގޮތަކީވެސް އެއީމެއެވެ. (ތިޔަބައިމީހުންނަށް مصلحةހުރިގޮތް) اللَّهދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެތެވެ."

މިއާޔަތް ބާވާލެއްވުނު ސަބަބު ކަމުގައި އިމާމް ބުޚާރީ ރަޙިމަހުﷲ ރިވާ ކުރައްވާފައިވެއެވެ. "މަޢްގަލް ބިން ޔަސާރުގެ އުޚްތާގެ ފިރިކަލުން އެކަމަނާ ވަރިކުރިއެވެ. އެކަމަނާގެ ޢިއްދާ ހަމަވުމުން ކުރީގެ ފިރިމީހާ އަނެއްކާވެސް އެކަމަނާ އާއި ކައިވެނި ކުރުމަށް ހުށަހެޅިއެވެ. ނަމަވެސް މަޢްގަލް ކޯފާ އިސްކުރައްވާ ވަލީ ދިނުމާއި ދެކޮޅު ހެއްދެވިއެވެ. އެހިނދު މާތް ﷲ މި އާޔަތް ބާވާލެއްވިއެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަޢްގަލް އަށް ގޮވާލައްވާ މި އާޔަތް ވިދާޅުވެދެއްވިއެވެ. އެހިނދު މަޢްގަލް ރުޅިވެރިކަން ދޫކޮށްލައްވާ ﷲ ގެ އަމުރުފުޅަށް ކިޔަމަންތެރިކަން އަދާ ކުރުމުގެ ގޮތުން ކައިވެނީގެ ވަލީ ދިނެވެ.

އެހެންކަމުން، އަންހެންކުއްޖާ ރުހޭފަދަ މީހަކު ކައިވެނި ކުރުމަށް ހުށަހަޅާ، އެމީހަކީ ކުފޫ ހަމަވާ ފަދަ މީހަކަށް ވެއްޖެނަމަ އެކަމާ ދެކޮޅު ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.

އަލްމައުސޫޢަތުލް ފިގްހިއްޔަތުލް ކުވައިތިއްޔާގެ 30/144 ގައި އައިސްފައިވެއެވެ. "ވަލީވެރިޔާ ވަލީ ދިނުމާއި ދެކޮޅު ހަދައިފިނަމަ، އަދި އެކަން ކޯޓުގައި ގާޟީ އަށް ޘާބިތުވެއްޖެނަމަ، މަގްބޫލު ޢުޛުރެއް ނެތް ކަމަށް ގާޟީ އަށް ފެނިއްޖެ ޙާލަތެއްގައި ވަލީ ދިނުމަށް އަމުރު ކުރެވޭނެއެވެ. އަދި ވަލީ ދިނުމަށް ދެކޮޅު ހަދައިފިނަމަ އެހެން މީހަކަށް ވަލީ ބަދަލުވާނެއެވެ. އެހެންނަމަވެސް، ވަލީ ބަދަލުވާނީ ކާކަށްތޯ ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވެފައިވެއެވެ. ޙަނަފީ، ޝާފިޢީ، މާލިކީންގެ ތެރެއިން އިބްނުލް ގާސިމް ފިޔަވާ އެހެން ބޭފުޅުންގެ ރައުޔަކީ، އަދި އިމާމް އަޙްމަދުގެ ކިބައިން ރިވާވެގެންވާ އެއް ރިވާޔަތެއްގައިވަނީ ވަލީ ބަދަލުވެގެންދާނީ ޙާކިމާ އަށް ކަމަށެވެ. އެބޭފުޅުންގެ ދަލީލަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅެވެ. (فَإِنْ اشْتَجَرُوا فَالسُّلْطَانُ وَلِيُّ مَنْ لَا وَلِيَّ لَهُ) މާނައަކީ: "އެބައިމީހުންގެ މެދުގައި ޚިޔާލުތަފާތުވެ، ކައިވެނި ކުރުމަށް ހުރަސް އެޅޭ ހިސާބަށް ހިނގައްޖެނަމަ، ވަލީވެރިޔަކު ނުވާ މީހާގެ ވަލީވެރިޔަކީ ޙާކިމާ އެވެ."

މިފަދައިން ޢުޘްމާން ބިން ޢައްފާނާއި، ޝުރައިޙްގެ ކިބައިންވެސް ރިވާވެގެން ވެއެވެ. ނަމަވެސް، އިމާމް ޝާފިޢީ ވިދާޅުވާ ގޮތުގައި ޙާކިމާ އަށް ވަލީ ބަދަލުވާނީ ވަލީވެރިޔާ ތިންފަހަރު މަތިން ވަލީ ދިނުމަށް ދެކޮޅު ހަދައިފިނަމައެވެ.

ހަންބަލީ މަޛްހަބުގައި ވަލީވެރިޔާ ވަލީ ދިނުމާއި ދެކޮޅު ހަދައިފިނަމަ ޖެހިގެން ހުރި ވަލީވެރިޔަކަށް ވަލީ އަރާނެއެވެ. ސަބަބަކީ ވަލީވެރިޔާގެ ކިބައިގާ ޢުޛުރެއް ހުރެއްޖެނަމަ ދެން ވިލާޔަތު ބަދަލުވެގެން ދަނީ ޖެހިގެން ހުރި މީހަކަށް ކަމަށް ވާތީވެއެވެ. ހުރިހާ ވަލީވެރިންވެސް ވަލީ ދިނުމާއި ދެކޮޅު ހަދައިފިނަމަ ދެން ވަލީ އަރާނީ ޙާކިމާ އަށެވެ. އިސްވެ ބަޔާން ކުރެވުނު ޙަދީޘްގައިވެސް ވަނީ ޖަމްޢުގެ ޞީޣާ އެވެ. (فَإِنْ اشْتَجَرُوا )، މާނައަކީ ހުރިހާ ވަލީވެރިން ވަލީ ދިނުމާއި ދެކޮޅު ހަދައިފިނަމަ ޙާކިމާ އަށް ވަލީ އެރުމެވެ.

އިމާމް ޝާފިޢީގެ ރައުޔަކީ ވަލީވެރިޔާ ތިންފަހަރު މަތިން ވަލީ ދިނުމާއި ދެކޮޅު ހަދައިފިނަމަ ދެން ވަލީ ބަދަލުވާނީ ޖެހިގެން ހުރި ވަލީވެރިޔާ އަށެވެ.

(ޙަންބަލީ މަޛްހަބާއި ޝާފިޢީ މަޛްހަބުގެ ތަފާތަކީ ޙަންބަލީ މަޛްހަބުގައި ވަލީވެރިޔާ އެންމެ ފަހަރަކު ވަލީ ދިނުމާއި ދެކޮޅު ހެދިނަމަވެސް ޖެހިގެން ހުރި ވަލީވެރިޔާ އަށް ވަލީ އެރުމެވެ. ނަމަވެސް ޝާފިޢީ މަޛްހަބުގައި ޖެހިގެން ހުރި ވަލީވެރިޔާ އަށް ވަލީ އަރާނީ ތިންފަހަރަށް ވަލީ ދިނުމާއި ދެކޮޅު ހަދައިފނަމައެވެ.)

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ކުފޫހަމަވާ ފަދަ މީހަކު ކައިވެނި ކުރުމަށް އެދި، ވަލީވެރިޔާ ވަލީ ދިނުމާއި ދެކޮޅު ހަދައިފިނަމަ އެމީހެއްގެ ކިބައިން ޢަދާލަތުކަން ގެއްލިގެން ދެއެވެ. އަދި އެމީހަކީ ފާސިގެއް ކަމަށް ބެލެވޭނެއެވެ. އަދި އެމީހެއްގެ ފަހަތުގައި ނަމާދު ކުރުން ހުއްދަ ނުވާ ދަރަޖަ އަށް ކަންތައް ދެއެވެ.

ބައެއް ވަލީވެރިން ކައިވެނި ކޮށް ދިނުމާއި ދެކޮޅު ހެދިނަމަވެސް، ގިނަ އަންހެން ކުދިން ލަދުން ގާޟީގެ ގާތަށް މައްސަލަ ނުގެންގޮސް ހުރެއެވެ. ނަމަވެސް، މިފަދަ ޙާލަތެއްގައި އެކުއްޖާ ބަލަން ޖެހޭނީ އެކުއްޖާ އަށް އެންމެ މަޞްލަޙަތު ހުރި ގޮތެކެވެ. ޞާލިޙް ފިރިޔަކު ލިބެން އެއްވާވެސް ވަލީވެރިޔާގެ ނުރުހުމުގެ ސަބަބުން ޢުމުރު އެގޮތުގައި ހުސްކުރާނީތޯ ނުވަތަ އޭނާގެ ޙައްގު ހޯދުމަށް ކޯޓަށް ދާނީތޯ މިއީ އަންހެން ކުއްޖާ ވިސްނާލަން ޖެހޭ މައްސަލަ އެކެވެ. މިފަދަ އަނިޔާވެރި ވަލީވެރިން ކޯޓަށް ޙާޟިރު ކުރުމުގައި ހަތަރު ފައިދާ އެއްވެއެވެ. އެއީ:

1.     އަންހެން ކުއްޖާ ފިރިޔަކާ ނުލާ ހުންނަ ހުރުމަށް ނިމުމެއް އައުން.

2.      އޭނާ ފަދައިން އެޙާލަތުގައި ތިބި އެހެން އަންހެން ކުދިންގެ މައްސަލަ ތަކަށް ޙައްލެއް ހޯދައިދިނުން.

3.      މިފަދަ އަނިޔާވެރި ވަލީވެރިންނަށް ރަގަޅު ފިލާވަޅެއް ދިނުން.

4.      ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަމުރުފުޅާއި އެއްގޮތަށް ޢަމަލު ކުރުން. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. (إِذَا أَتَاكُمْ مَنْ تَرْضَوْنَ خُلُقَهُ وَدِينَهُ فَزَوِّجُوهُ إِلَّا تَفْعَلُوا تَكُنْ فِتْنَةٌ فِي الْأَرْضِ وَفَسَادٌ عَرِيضٌ)މާނައަކީ: "އަޚްލާގު ގޮތުންނާއި ދީނުގެ ގޮތުން ތިޔަބައިމީހުން ރުހޭ މީހަކު ކައިވެންޏަށް އެދިގެން އަތުވެއްޖެނަމަ ކައިވެނި ކޮށްދޭ ހުށި ކަމެވެ. ނޫންނަމަ ބިންމަތީގައި ފިތްނަވެރި ކަމަކާއި ބޮޑުވެގެންވާ ފަސާދަ އެއް އުފެދިދާނެއެވެ".

އަންހެން ކުއްޖަކު ވަލީވެރިޔާ ވަލީ ނުދިނޭ ބުނެ ގާޟީގެ ގާތަށް އައިނަމަވެސް ކަމުގެ ޙަގީގަތް ބަލާފައި މެނުވީ ގާޟީ އެދެމީހުންގެ ކައިވެނި ކޮށްދީގެން ނުވާނެއެވެ. އަދިކިޔެއްތަ، ވަލީވެރިޔާ ވަލީ ދިނުމާ ދެކޮޅު ހަދަނީ ކީއްވެގެންތޯ އަހާ ސުވާލުކޮށް، އެކަށީގެންވާ ފަދަ ޢުޛުރެއް އޮތްތޯ ބަލާފައި މެނުވީ ކައިވެނިކޮށްދީގެން ނުވާނެއެވެ. ވަލީވެރިޔާ ވަލީ ދިނުމާއި ދެކޮޅުހަދަނީ މަގްބޫލު ޢުޛުރެއް ނެތި ކަމަށްވަނީނަމަ، އެހެން ވަލީވެރިޔެއްގެ ގާތުގައި ވަލީދިނުމަށް އަމުރު ކުރެވޭނެއެވެ. އަދި ހުރިހާ އެންމެން އިންކާރުކޮށްފިނަމަ ގާޟީ ގޮތެއް ނިންމައިދޭން ޖެހޭނެއެވެ.

(އަދި ނުނިމޭ)

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން