އަރިދަފުސް ރޯގާގެ ވައްތަރުތައް ގިނަވެ ބައެއް ބޭހަށް ނުގުޑާތީ ގިނަ ބައަކު ތަފާތު ބޭސްތައް ބޭނުންކުރެއެވެ. އެއް ބޭހަށް ލުއިނުވުމުން އަނެއްބޭސް ބޭނުންކުރަމުން ގޮސް އެތައް ބައިވަރު ވައްތަރުތަކުގެ ބޭސްތައް އެބަ ބޭނުން ކުރެއެވެ.
ޑޮކްޓަރުން އުލްތިމާސްކުރަނީ އެގޮތަށް އަމިއްލައަށް ގިނަ ބޭސްތައް ނުކެއުމަށެވެ. ޢާންމުކޮށް އެމީހަކު ބޭނުންކުރާ ބޭހަށް ނުގުޑާނަމަ ޑޮކްޓރުންގެ ލަފާ ހޯދުމަށެވެ. ސަބަބެއްކަމަށް ބަޔާން ކުރަނީ ތަފާތު ގިނަ ބޭސްތައް ބޭނުންކުރުމުން ހަށިގަނޑަށް ލިބޭ ގެއްލުންތައް ބޮޑުވުމެވެ.
މިމައްސަލަތައް ބޮޑުވެގެން އިނގިރޭސިވިލާތުގައި މިހާރު ގެންދަނީ ބައެއް ބާވަތްތަކުގެ ރޯގާބޭސް ބޭނުންކުރުން މަނާކުރަން މަސައްކަތްކުރަމުންނެވެ. އެގޮތުން 2 ވައްތަރެއްގެ ބޭސް ވަރަށް އަވަހަށް މަނާކުރާނެ ކަމަށް މިހާރުވަނީ ބެލެވިފައެވެ.
ކުންފުނިތަކުން އާމްދަނީ އިތުރުކުރަން ތަފާތު ބޭސްތައް އުފައްދައި އިޝްތިހާރުކުރެއެވެ. އަބަދުހެން އައުބޭސްތައް ތަޢާރްފަކޮށް އެންމެ މޮޅު ބޭހުގެ ގޮތުގައި އިޝްތިހާރުކުރެއެވެ. އެބޭސްތައް ބޭނުންކުރުމުން ހަށިގަނޑަށް ލިބިދާނެ ގެއްލުމަކަށްވުރެ ބޮޑަށް ކުންފުނިތަކުން ސަމާލުކަންދެނީ އެމީހުންގެ ވިޔަފާރިކުރިއަރުވައި އާމްދަނީ އިތުރުކުރަންކަން ދިރާސާކުރާ ފަރާތްތަކުން ހާމަކުރެއެވެ.
މިއީ ހަމަ ރާއްޖޭގައިވެސް އޮތް މައްސަލައެކެވެ. އެހެންކަމުން ވިސްނައިލުން ވަރަށް މުހިންމުކަން ފާހަގަކުރެވެއެވެ.