ރާއްޖޭގެ އާބާދީއަކީ ކުޑަ އާބާދީއެއް ކަމުގައިވީ ނަމަވެސް، ކޮންމެ އަހަރަކު ޒިޔާރަތްކުރާ ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިންނާއެކު ރާއްޖޭގެ ބާޒާރަކީ ކުޑަ ބާޒާރެއް ކަމަށް ދެކެގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖެ – ޕާކިސްތާން ބިޒްނަސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ ރާއްޖޭގެ އިޤްތިޞާދީ ފުރުޞަތުތަކުގެ ފުޅާކަމެވެ. "ރާއްޖޭގެ ބާޒާރުގެ ނިސްބަތަކީ ކުޑަ މިންވަރެއް ކަމަށް ހީކޮށްގެން ނުވާނެ. އަޅުގަނޑުމެންނަކީ ހަމައެކަނި ފަސް ލައްކައެއްހާ ރައްޔިތުން ދިރިއުޅޭ ޤައުމެއް ނޫން. ކޮންމެ އަހަރަކު ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރޭ،" ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ، ކާނާގެ ރައްކާތެރިކަމަކީ ހަމައެކަނި ވިޔަފާރީގެ ނަޒަރަކުން ބަލާ ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖެއަކީ ޖަޒީރާ ޤައުމަކަށްވުމާއެކު، މެދުކެނޑުމެއްނެތް ސަޕްލައި ޗޭނެއް އޮތުމަކީ ސީދާ ޤައުމީ ސަލާމަތާ ގުޅިފައިވާ މުހިންމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތަކުގެ އަގު 200 މިލިޔަން ޑޮލަރަށް އިތުރުކުރުމަށް މަޝްވަރާކުރައްވާފައިވާކަން ރައީސް ހާމަކުރެއްވިއެވެ. އަދި ފަތުރުވެރިކަމާއި، ސިނާޢީ ދާއިރާތަކާއި، އިމާރާތްކުރުމުގެ ދާއިރާގެ އިތުރުން ދަނޑުވެރިކަމާއި ފުޑް ޕްރޮސެސިންގ ފަދަ ދާއިރާތަކުން ރާއްޖޭގައި އިންވެސްޓްކުރުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް އެމަނިކުފާނު ވަނީ ދަޢުވަތު އަރުވާފައެވެ.
ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި، ޝިޕިންގ، ޕޯޓް އަދި ލޮޖިސްޓިކްސްގެ ދާއިރާއިން ސީދާ އަދި ފައިދާހުރި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމުގެ މުހިންމުކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.