ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ ގާތް އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކޮށް، ދަމަހައްޓަވާނެކަމުގެ ޔަޤީންކަން ދެ ޤައުމުގެ އިސްވެރިން ދެއްވައިފިއެވެ.
މި ޔަޤީންކަން ދެއްވާފައިވަނީ ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް އަދި ޗީފް އޮފް ޑިފެންސް ފޯސަސް، ފީލްޑް މާރޝަލް ސައްޔިދު ޢާޞިމް މުނީރު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ ދާއިރާތަކުން ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.