ފަނޑިޔާރުކަމުގެ މަސްޢޫލިއްޔަތު އަދާކުރާ ފަރާތްތަކަކީ އަބަދުވެސް އުޅުމާއި ސުލޫކަށް ޚާއްސަ އިސްކަމެއް ދޭންޖެހޭ ބައެއް ކަމަށާއި، ފަނޑިޔާރުކަމުގެ ޒިންމާއަކީ ވަރަށް ބޮޑު އަމާނާތެއް ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ އަލަށް އައްޔަންކުރެވުނު ފަނޑިޔާރުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމުގައާއި އާންމު ދިރިއުޅުމުގައިވެސް ސުލޫކީ އަޚުލާޤު ހިފެހެއްޓުމަށް އިރުޝާދުދެއްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކޮށްދީ ޤާނޫނުއަސާސީގެ ހަމަތައް ނަގަހައްޓަންޖެހޭނެ ކަމަށެވެ. އަދި ފަނޑިޔާރަކަށް ވުމާއެކު އަމިއްލަ ދިރިއުޅުމަށް ބަދަލުތަކެއް ގެންނަންޖެހޭނެ ކަން ފާހަގަކުރައްވައި، އާންމުން ބަލައިގަންނަ ފަދަ ގޮތަކަށް އުޅުން ބައްޓަންކުރުމަށް އެ މަނިކުފާނު ނަޞޭޙަތްތެރިވެވަޑައިގެންނެވިއެވެ.
"ކުރިން ބޭރަށް ނުކުތް ވަގުތުތަކުގައި ބޭރަށް ނުނިކުތުން އެކަށީގެންވޭ. ކުރިން ދިޔަ މީހުންނާއެކު ވަގުތު ހޭދަކުރުން ރަނގަޅު ނުވެދާނެކަންވެސް ވިސްނަންވާނެ. އާންމުން އަބަދުވެސް ފަނޑިޔާރުން އުޅޭ ގޮތް ބަލާނެ،" ފަނޑިޔާރުންގެ އަޚުލާޤާ ގުޅޭގޮތުން ވާހަކަދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ކޯޓުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން އެ މަނިކުފާނު ވިދާޅުވީ، ކޯޓުތަކުގައި ފަނޑިޔާރުން މަދުވުމުގެ ޝަކުވާއަކީ އަބަދުވެސް އޮންނަ ކަމެއް ކަމަށާއި، އެ ކަމަށް ހައްލު ހޯދައިދިނުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ ކަމަށެވެ.
މީގެ އިތުރުން ޝަރީޢަތްތަކާއި މައްސަލަތައް ނިންމުން ލަސްވާން ދިމާވާ އެކި ސަބަބުތައް ހުރިކަން ބަޔާންކުރައްވަމުން، އޭގެ ތެރެއިން ބައެއް ކަންކަމަކީ ހަމައެކަނި ކޯޓުތަކަށް އެކަނި ހައްލުކުރެވޭނެ ކަންކަން ނޫން ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.