އައްޑުއާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ފުރަތަމަ ބިލިން ސައިކަލް އެމްޑަބްލިއުއެސްސީއިން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
އައްޑުއާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ފުރަތަމަ ބިލިން ސައިކަލް އެމްޑަބްލިއުއެސްސީއިން ފަށައިފި

އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތާ މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ރަސްމީކޮށް ހަވާލުވެ، އެ ކުންފުނީގެ ފުރަތަމަ ބިލިން ސައިކަލުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

ހުޅުދޫ އަދި މީދޫ ހިމެނޭހެން އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތް އެމްޑަބްލިއުއެސްސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި އެ ކުންފުނިން އެ ދެ ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތާ ރަސްމީކޮށް ހަވާލުވެފައިވަނީ މި މަހުގެ 1 ވަނަ ދުވަހުއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކޯޕަރޭޓް ދާއިރާ އިޞްލާޙުކުރުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ބިލިން ސައިކަލް ފެށުމާ ގުޅިގެން އެމްޑަބްލިއުއެސްސީއިން ވިދާޅުވީ، މީޓަރު ރީޑިންގ ނެގުމަށްޓަކައި އެ ކުންފުނީގެ ރަސްމީ ޔުނީފޯމުގައި ތިބޭ މުވައްޒަފުން ގޭބީސީތަކަށާއި ޚިދުމަތް ދެމުންގެންދާ އެކިއެކި އިމާރާތްތަކަށް ޒިޔާރަތްކުރަމުންދާނެ ކަމަށެވެ. އެހެންކަމުން، މި މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް މީޓަރު ހަރުކޮށްފައިވާ ސަރަހައްދުތަކަށް ފަސޭހަކަމާއެކު ވަދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށާއި، މިކަމުގައި އެންމެހައި ކަސްޓަމަރުންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

މީގެއިތުރުން، އެމްޑަބްލިއުއެސްސީގެ ޚިދުމަތްތައް ވީހާވެސް ލުއިފަސޭހަކަމާއެކު ހޯދުމަށްޓަކައި އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަން ޑައުންލޯޑްކޮށް، އެކައުންޓް ރަޖިސްޓްރީ ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކަސްޓަމަރުންނަށް ވީހާވެސް ގާތުން އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން މިހާރު ވަގުތީ ކަސްޓަމަރ ސަރވިސް ކައުންޓަރުތަކެއް ޤާއިމުކޮށްފައިވާ ކަމަށްވެސް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

މިއަދު އޮންލައިން