ޢިބްރަތްތެރި ވާހަކަ: އަޅުގަނޑު އެދެނީ މިވާހަކަ ވިދާޅުވެފަ ކުށްވެރިއަކީ ކާކުކަން ވިދާޅުވެދެއްވުމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 23ސ
ޢިބްރަތްތެރި ވާހަކަ: އަޅުގަނޑު އެދެނީ މިވާހަކަ ވިދާޅުވެފަ ކުށްވެރިއަކީ ކާކުކަން ވިދާޅުވެދެއްވުމެވެ!

އަޅުގަނޑުމެން ދެމީހުންވެސް ކައިވެނިކުރީ ވަރަށް ލޯބިން ދުވަސްތަކެއް ހޭދަކޮށްފައެވެ. ކައިވެންޏަށްފަހު ދިރިއުޅެމުން އައީވެސް ވަރަށް ލޯބިންނެވެ. ކައިވެނީގެ 3 ވަނަ އަހަރު ފިރިމީހާ ވިޔަފާރި ދަތުރަކު ފުރިގޮތަށް އެއްވެސް ޚަބަރެއް ނުވެއެވެ. އަޅުގަނޑު އިނީ ބަލިވެކަންވެސް އެނގުނީ އޭނާ ފުރިފަހުންނެވެ. 

ވަރަށް ހިތްދަތިވިއެވެ. އަތުންފައިން މީހަކަށް ހެދޭނެ އެންމެ ބޮޑެތި ގޯސްތައް ހެދެންވެސް އުޅުނެވެ. ދުނިޔެ ދޫކުރަންވެސް ވިސްނުނެވެ. ދަރިފުޅު ވައްޓާލަންވެސް ވިސްނުނެވެ. ނަމަވެސް މާތް ﷲ ގެ ރަޙްމަތްފުޅުން އެހުރިހާ ނުބައި ވިސްނުންތަކުން އަރައިގަންނަން ހިތްވަރު ލިބުނެވެ. 

ވިސްނުނެވެ. "ދަރިފުޅަކީ ހަމަ ފިރިމީހާގެ ދަރިއެކެވެ. ދުވަހަކުވެސް އިތުރު މީހަކާ އެއްވެސް ބާވަތެއްގެ ގުޅުމެއް ހިންގާފައެއް ނުވާނެއެވެ. ދެން އޮތީ ފިރިމީހާގެ މައްސަލައެވެ. އޭނާއަށް މެދުވެރިވި ގޮތެއް އަދިވެސް ނުއެނގެއެވެ. އެއްގޮތަކީ އޭނާ ފިލުމެވެ. ދެވަނަ ގޮތަކީ ދެރަގޮތެއް މެދުވެރިވުމެވެ. ކޮންމެ ގޮތަކަށް ކަންތައްތައް މެދުވެރިވިނަމަވެސް ހަމަ ޤައިމުވެސް އަޅުގަނޑުގެ އެއްވެސް ކުށެއް އެކަމުގައި ނުއޮންނާނެއެވެ. ވީމާ އޭނާގެ ޚަބަރެއްވޭތޯ އިހަށް ކެތްތެރިވެލާނީއެވެ." 

ފިރިމީހާގެ ޚަބަރެއް ނުވާތާ 3 އަހަރު ފާއިތުވިފަހުން އެނގުނީ އޭނާ ވިޔަފާރިކަމުގައި ދިއަ ޤައުމުގެ އަންހެނަކާއި ކައިވެނިކޮށްގެން ދިރިއުޅޭ ކަމެވެ. ހިތާމައަކީ އޭނާގެ ފިހާރައިގެ ކަންކަން ބަލަހައްޓަމުން އައި އޭނާގެ ޢާއިލާގެ މީހުންނަށްވެސް އެކަން އެނގިތިބެމެ އަޅުގަނޑަށް ސިއްރުކުރި ކަމެވެ. 

އެހިސާބުން ކޯޓަށް ގޮސް ވަރިވީމެވެ. ވަރިވެ ހައަކަމަސްދުވަހު އެކަނި ހުރެފައި ކައިވެނިކުރީމެވެ. ނަޞީބަކުން އޭނާވީ ވަރަށް ރަނގަޅު މީހަކަށެވެ. ދެމައިންނަށްވެސް އަޅާލައި ލޯބިދިނެވެ. އޭނާއަކީ ތެދުވެރި ލޯބިއެއްކަން ހިތުން ޤަބޫލުކުރެވުނީވެސް ކައިވެންޏަށް އަހަރުވެސްވީފަހުންނެވެ. އެކަމަސް އޭނާ ވަރަށް ގިނަ މަސައްކަތްކޮށްގެންނެވެ. އެގޮތަށް ކަންކަން ދިމާވީ ކުރީގެ ފިރިމީހާގެ ކިބައިން ލިބުނު އަނިޔާ ބޮޑުވީމައެވެ. 

ކޮންމެއަކަސް ދަރިފުޅުގެ ޢުމުރުން 10 ވަނަ އަހަރު އޭނާގެ ބައްޕަ ރާއްޖެ އައިސް އަޅުގަނޑުމެން ދެމައިންނާއި ބައްދަލުކުރަން ގެއަށް އައެވެ. ހުރީ ވަރަށް ބަލިކަށިވެފައެވެ. އެތަން ފެނުމުން ވަރަށް ދެރަވެސްވިއެވެ. 

އޭނާއަށް ކުރެވުނު ކުށަކީ ވަރަށް ބޮޑުކުށެއް ކަމަށް ޤަބޫލުކުރިއެވެ. އަދި ޙާލުގެ ވާހަކަ ކިޔައިދެމުން ބުނީ ލޭގައި ބައްޔެއް އެބަހުރިކަމަށާއި އަބަދުހެން ބަލިވެ އުޅެން ޖެހުމުން އަނބިމީހާ ވަރިވީ ކަމަށެވެ. ވިޔަފާރި ކުރަމުން އައީ އޭނާގެ ނަމުގައިކަމަށްވުމުން އެނބުރި އަންނަން ޖެހުނީ ހުސްއަތާ ކަމަށެވެ. 

ދެން ބުނީ ޙަޔާތުގައި އޮތް މަދު ދުވަސްކޮޅު އަޅުގަނޑާއި އަދި ދަރިފުޅާއިއެކުގައި އުޅެން ބޭނުންވާ ކަމަށެވެ. އަޅުގަނޑު ބުނީމެވެ. "ތިއައީ އަހަރެންގެ ދަރިފުޅުގެ ބައްޕައެވެ. މިއީ އަހުރެންގެ ގެއެވެ. ފިރިމީހާއަކީވެސް ވަރަށް ރަނގަޅު މީހެކެވެ. ވީމާ ގަދަވަންދެން މިގޭގައި ހުރެވިދާނެއެވެ. އަދިވެސް ބޮޑަށް ލޯބިވެވެނީ ކަލޭ ދެކެއެވެ. ބަލިޙާލުގައި ހުރިނަމަވެސްމެއެވެ. 

ނަމަވެސް ދެވަނަ ކައިވެނީގައި ލިބިފައި ތިބި 2 ކުދިން، ބައްޕަގެ ލޯބިން މަޙްރޫމެއް ނުކުރެވޭނެއެވެ. އަދި ކަލޭގެ ދަރިފުޅުވެސް ބައްޕައަކު ދެކެ ލޯބިވާފަދައިން އޭނާ ދެކެ ލޯބިވެއެވެ. އޭނާވެސް ދަރިފުޅު ދެކެ ދަރިއަކު ފަދައިން ލޯބިވެއެވެ. 

އެހެންވީމާ 3 ދަރިންގެ އުފާ ޤުރްބާނެއް ނުކުރެވޭނެއެވެ. އެކަންކޮށްފިނަމަ އަހަރެންވާނީ ވަރަށް ބޮޑު އަނިޔާވެރިއަކަށެވެ. އަނެއްކޮޅުން އަހަރެން ދުނިޔެއިން މޮޔަވާން ގާތްވެފައި ހުއްޓައި އެޙާލަތުން ސަލާމަތްވީ އޭނާ ވަރަށް ބޮޑަށް މަސައްކަތްކޮށްދީގެންނެވެ. އަހަރެންނަކީ ހެޔޮކަމަކަށް ތެޔޮހަމެއް ދޭނެ އަނހެނަކީމެއް ނޫނެވެ."  

އޭނާ އަޅުގަނޑުގެ ހުށަހެޅުން ޤަބޫލުނުކޮށް ނުކުމެގެން ދިއައީ އަޅުގަނޑުކުށްވެރިކޮށްފައެވެ. އެކަމާއި ވަރަށް ދެރަވިއެވެ. ދިއުމުންވެސް އޭނާގެ ޙާލު ބެލީމެވެ. ގަދަވެ 3 ވަނަ ކައިވެނިކުރަންދެން ވަރަށް ގާތުން ކަންކަން ބެލީމެވެ. އެއީ ދޮށީ ދަރިފުޅުގެ ބައްޕަ ކަމަށްވީތީއެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ސުވާލުކޮށްލަން ބޭނުންވަނީ އަޅުގަނޑަކީ ކުށްވެރިއެއްތޯއެވެ؟ ދެން ބުނެލަން ބޭނުންވަނީ ތިމާއަށްވުރެ މާހަގު، ރީތި އަންހެންކުދިން ފެނުނީމާ މޮޔަވެ، ތިމާދެކެ ލޯބިވާ އަނބިމީހާ ބާކީކޮށް އެއްލައިލާ ގިނަ ފިރިހެނުންނަށް މިފަދަ ކޮންމެވެސް ދެރަގޮތެއް މެދުވެރިވެއެވެ. އެއްލައިލި އަނބިމީހާގެ ގާތަށް އާދޭސްކުރަން އަންނަން ޖެހެއެވެ. އައުމުން ފުރުޞަތު ނުދީފިނަމަ ކުށްވެރިވެސް ކުރެއެވެ. އެހެންވީމާ އެމީހުންނަށް ޤަބޫލުކުރެވިފައި އެއޮންނަނީ އަނހެނުންނަކީ ފެންކައްކާ ބޮލިކަމަށެވެ. 

- އިޙްޞާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން