ރާއްޖެއާއި ޕާކިސްތާނުގެ ގުޅުމުގެ އައު ބާބެއް ފެށިއްޖެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 57ސ
ރާއްޖެއާއި ޕާކިސްތާނުގެ ގުޅުމުގެ އައު ބާބެއް ފެށިއްޖެ: ރައީސް

ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގައި އައު ބާބެއް ހުޅުވި، ދެ ޤައުމުގެ ބައިވެރިވުން އިތުރު އައު ހަރުފަތަކަށް ގެންދިއުމަށް އެއްބަސްވެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޕާކިސްތާނަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުމުގައި ތާރީޚީ އަދި ނުހަނު މުހިންމު ދަނޑިވަޅެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ދެ ޤައުމުގެ ސަރުކާރުގެ އަމާޒަކީ ދެމެދުގައި އޮތް ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސް، ޒަމާންވީ އެކުވެރިކަން އިޤްތިޞާދީ ފުރުޞަތުތަކަކަށާއި، ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާކުރާނެ ހަޤީޤީ ކުރިއެރުމަކަށް ބަދަލުކުރުން ކަމަށެވެ. އެގޮތުން ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް 13 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރީގެ މުޢާމަލާތްތައް، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް އަޒުމު ކަނޑައަޅާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ އެކު ބައިވެރިވެވަޑައިގެންނެވި 'މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް' ގެ ސަބަބުން، އިންވެސްޓްމަންޓްތަކާއި ވިޔަފާރީގެ ގުޅުންތައް ޢަމަލީ ގޮތުން އިތުރަށް ހަރުދަނާކުރުމަށް މުހިންމު ބިންގަލެއް އެޅިގެންދިޔަ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ދަތުރުފުޅުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި 20 ފަހުމުނާމާއެއް (އެމްއޯޔޫ) ބަދަލުކުރެވިގެން ދިޔުމަކީ، ހަމައެކަނި އުއްމީދުތަކަކަށް ބަރޯސާނުވެ ޢަމަލީ ގޮތުން ނަތީޖާ ނެރުމަށް ދެ ޤައުމުން ދޭ އަހައްމިއްޔަތުކަން ހާމަވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

ފާއިތުވި 60 އަހަރުގެ އެކުވެރިކަމުން މިހާ ހިސާބަށް ވާސިލުވެވުނުއިރު، ދެ ޤައުމުގެ އެއްބައިވަންތަ ތަޞައްވުރާއި އަޒުމާއެކު އިތުރު އުސްމިންތަކަކަށް ވާސިލުވެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނަށާއި، އަނބިކަނބަލުންނަށް އަދި ވަފުދުގެ ބޭފުޅުންނަށް ޕާކިސްތާނުން ދެއްވި ހޫނު މަރުޙަބާއަށާއި އަދާކުރެއްވި މެހެމާންދާރީއަށްޓަކައި، އެ ޤައުމުގެ ރައީސް އާޞިފް ޢަލީ ޒަރުދާރީ އަށާއި، ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ އިތުރުން ސަރުކާރަށާއި ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިޚްލާޞްތެރި ޝުކުރު އަދާކުރައްވާފައެވެ.

މިއަދު އޮންލައިން