މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ވިޔަފާރި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އެ ކުންފުނީގެ 7 ވަނަ މަސްފިހާރަ ފުވައްމުލަކު ސިޓީގައި ރަސްމީކޮށް ހުޅުވައިފިއެވެ.
މިއީ ރާއްޖޭގެ ސިޓީތަކުގައި މިފްކޯގެ މަސްފިހާރަތައް ޤާއިމުކުރުމަށް އެ ކުންފުނިން ގެންގުޅޭ ސްޓްރެޓެޖީގެ ދަށުން، މާލެ ސަރަހައްދުން ބޭރުގައި ހުޅުވި ދެވަނަ މަސްފިހާރައެވެ. މިގޮތުން މިއަހަރުގެ މެއި މަހުގެ ފަހުކޮޅު އައްޑޫ ސިޓީ ހިތަދޫގައިވެސް މިފަދަ ފިހާރައެއް ވަނީ ހުޅުވާފައެވެ. މީގެ އިތުރުން މިހާރުވެސް މާލޭގައި ދެ ފިހާރަ އަދި ހުޅުމާލޭގައި ތިން ފިހާރަ މެދުވެރިކޮށް މިފްކޯގެ އުފެއްދުންތައް އަންނަނީ އާންމުންނަށް ފޯރުކޮށްދެމުންނެވެ.
ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ހަދާފައިވާ ފުވައްމުލައް ފިޝް ޕްރޮސެސިންގ ފެސިލިޓީއާ އިންވެގެން ހުޅުވި މި ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު އަނަސްއެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ އިސްވެރިންނާއި ފުވައްމުލަކުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
މި ފިހާރަ ހުޅުވިގެންދިއުމާއެކު، ފުވައްމުލަކުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު މިފްކޯގެ ތަފާތު މަހުގެ އުފެއްދުންތައް ހެޔޮ އަގުގައި ލިބިގެންދާނެ މަގު ވަނީ ތަނަވަސްވެފައެވެ.