އީގަލް ހިލްސްގެ 5000 ހައުސިން ޔުނިޓުގެ މަސައްކަތުގެ ބޮޑުބައި 2028ގެ 3 ވަނަ ކުއާޓަރަށް ނިމޭނެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 22ސ
އީގަލް ހިލްސްގެ 5000 ހައުސިން ޔުނިޓުގެ މަސައްކަތުގެ ބޮޑުބައި 2028ގެ 3 ވަނަ ކުއާޓަރަށް ނިމޭނެ: ރައީސް

އީގަލް ހިލްސްގެ ފަރާތުން ހުޅުމާލޭގައި ތަރައްޤީކުރާ 5،000 ހައުސިން ޔުނިޓުގެ މަސައްކަތުގެ ބޮޑުބައި، 2028 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރާ ހަމައަށް ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މީޑިއާ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 500 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 7.7 ބިލިއަން ރުފިޔާ) ޚަރަދުކޮށްގެން މި މަޝްރޫޢު ކުރިއަށްގެންދަން ނިންމެވީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް އަވަސް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ. އަދި ރަސްމާލެ މަޝްރޫޢުގެ ދަށުން ލިބޭ ފައިސާގެ ތެރެއިން 500 މިލިއަން ޑޮލަރު ދަޢުލަތުގެ ރިޒާވަށް ޖަމާކުރުމުގެ ފުރުސަތު އޮތް ނަމަވެސް، ހުޅުމާލޭގައި މި ހައުސިން ޔުނިޓުތައް ތަރައްޤީކުރަން ނިންމީ މީގެކުރިން އެ ބިމުގައި ހިންގަން ރޭވި އިންވެސްޓްމެންޓަށް ބަދަލުތަކެއް އައުމާ ގުޅިގެން ބިން ހުސްވުމުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫޢަކީ ހަމައެކަނި ފްލެޓުތަކެއް އެޅުމުގެ ބަދަލުގައި، ދިރިއުޅުމަށް ބޭނުންވާ އެންމެހައި އަސާސީ އަދި އިތުރު ޚިދުމަތްތައް ހިމެނޭހެން ފުރިހަމަ ކުޑަ އަވަށެއްގެ ސިފައިގައި ތަރައްޤީކުރެވޭނެ ތަނެކެވެ. އެގޮތުން އަންނަ އަހަރު މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށި، 2028 ވަނަ އަހަރުގެ އޯގަސްޓް މަހާ ހަމައަށްދާއިރު ޢިމާރާތްތަކުގެ ސްޓްރަކްޗަރ ނިމި ފިނިޝިންގެ ބޮޑުބައި ނިމޭނެ ކަމަށް ވިދާޅުވިއެވެ.

"އެހެންވީމަ 2028 އޯގަސްޓާއި ހަމައަށް ދާއިރު ސްޓްރަކްޗަރ ނިމި ފިނިޝިން ބޮޑު ބައެއް ދާނީ. އިންފްރާސްޓްރަކްޗަރގެ ބޮޑެތި މަސައްކަތްތައް، ބިމު އަޑީގައި އަދި ބިންމަތީގައި ކުރަންޖެހޭ މަސައްކަތް ބޮޑުތަނުން ނިމިފައި ހުންނާނީ،" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ޢިމާރާތްތަކުގެ ސްޓްރަކްޗަރ ނިމުމާއެކު ރާއްޖޭގެ ޤާނޫނުތައް ހަމަޖެހިފައިވާ ގޮތުގެ މަތިން، ފްލެޓު ލިބޭ ފަރާތްތަކަށް ވަރަށް ފަސޭހައިން ރަޖިސްޓްރީ ޙަވާލުކުރެވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހުޅުމާލޭގައި ބިނާކުރާ މި ހައުސިން ޔުނިޓުތަކަކީ އިޖުތިމާޢީ ބޯހިޔާވަހިކަމުގެ (ސޯޝަލް ހައުސިން) ދަށުން ދޫކުރެވޭނެ ތަންތަންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި ތަންތަން ރައްޔިތުންނަށް ދޫކުރާނެ އަގު ކަނޑައެޅުމުގެ އެއްވެސް ބާރެއް އީގަލް ހިލްސްއަށް ނޯންނާނެ ކަމަށެވެ. އެ ހުރިހާ ނިންމުމެއް ނިންމާނީ ސީދާ ސަރުކާރުންނެވެ.

މި މަޝްރޫޢުން އިސްކަންދީގެން ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ޒުވާނުން، ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން، މަސްވެރިން، ސިވިލް ސަރވިސް ހިމެނޭހެން އެކި މުއައްސަސާތަކުގެ މުވައްޒަފުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫޢު ފުރިހަމަވެގެން ދިޔުމަކީ ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެކެވެ.

މިއަދު އޮންލައިން