އެކުވެރިން އިބިލީހަށް ހަދިޔާކުރުން ހުއްޓާލާ! ޤިޔާމަތް ދުވަހު ލިބެން އޮތް ޘަވާބުފުނިތައް ދޫކޮށްނުލާ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 3މ 4ސ
އެކުވެރިން އިބިލީހަށް ހަދިޔާކުރުން ހުއްޓާލާ! ޤިޔާމަތް ދުވަހު ލިބެން އޮތް ޘަވާބުފުނިތައް ދޫކޮށްނުލާ!

އެންމެ ގިނަ ބައަކު ކަންބޮޑުވާ އެއްކަމަކީ ކުރަން ދެވިހިފާފައި ހުންނަ ބައެއް ފާފަތަކުން އެކުގައި ސަލާމަތްނުވެވޭކަމެވެ. އެފަދަ ފާފަތައް ކުރުން އެކުގައި ހުއްޓައި ނުލެވޭ ކަމެވެ. 

ކުޑަކުޑަ މިޘާލެއް ބުނެލާނަމެވެ. އެމީހަކި ކޮންމެ ހަފްތާ ބަންދެއްގައި އެކުވެރިންނާއިއެކު ކޮންމެވެސް ތަނަކަށްގޮސް ގޮސް މަސްތުވެ ފާޙިޝް ޢަމަލުކުރުން ފަދަ ކަމެއްކުރަން ދެވިހިފާފައިހުރި މީހަކަށްވެދާނެއެވެ. އެފަދަ މީހަކަށް އެކަން ހުއްޓައިލެވޭނީ ވަރަށް ބުރަ މަސައްކަތުންނެވެ. އެއީ އެމީހާގެ ލޮލާއި ކަންފަތާއި ހިތުގެ މައްޗަށްވެސް ޝައިޠޯނާ ވަރަށް ބޮޑަށް ބާރުގަދަކޮށްފައިވާނެތީއެވެ. 

ކޮންމެއަކަސް ކޮންމެވެސް މޫސާއަކީ އެފަދަ މީހަކު ކަމަށް ބަލަމާ ހިނގާށެވެ. ތައުބާވެ އެކަންކަން ނުކުރަން މޫސާ މަސައްކަތްކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނަމަވެސް އެކުގައި ހުއްޓައިލެވޭވަރެއް އަދިވެސް ނުވެއެވެ. ނަމަވެސް ކޮންމެ ހަފްތާ ބަންދަކު އެކުވެރިންނާއިއެކު މަޖާކުރަން ދިއުމުގެ ބަދަލުގައި މިހާރު ދަނީ 2 ހަފްތާއިން އެއް ހަފްތާގައެވެ! 

އަހުރެން ބުނާނީ މިއީވެސް ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ! އަވަހަށް ޝުކުރުގެ ސަޖިދަކުރާށެވެ! އަދި ތަނަވަސްކަންހުރިނަމަ ފަޤީރުންނަށް ޞަދަޤާތްކުރުންވެސް ގިނަކުރާށެވެ! އިން ޝާ ﷲ މެދަށް ހަފްތާއެއް ދޫކޮށްލުމުގެ ހިތްވަރު ދެއްވެވި ﷲ ތަޢާލާ، އޭނާއަށް ހިތްވަރު ދެއްވަވާނެތެވެ. ދުވަހަކުވެސް އެފަދަ އެއްވެސް ފާފައެއް ނުކޮށް ހުރުމުގެ ހިތްވަރު ދެއްވަވާނެތެވެ! 

މިކަމުގައި އެންމެ ބޮޑަށް ގޯސްހެދެނީ އޭނާގެ ރަނގަޅު އެކުވެރިންނަށެވެ! ކުޑަކުޑަ މިޘާލެއް ބުނެދޭނަމެވެ. 

އެ މޫސާގެ ވެސް ދެބާވަތުގެ އެކުވެރިން ތިބޭނެއެވެ. ރަނގަޅު އެކުވެރިންނާއި ނުބައި އެކުވެރިންނެވެ. އޭނާ ލައްވައި ފާފަކުރުވަން އެގެންދަނީ ނުވަތަ އެމީހުން ކުރާ ފާފަތައް ކުރުމުގައި ބައިވެރިކުރުވަނީ ނުބައި އެކުވެރިންނެވެ. އެމީހުންގެ ޗީފަކީ އެންމެ ބޮޑު އިބިލީހެވެ. ވީމާ އެމީހުންގެ ޓީމުން އެންމެ މީހަކުވެސް މަދުވާނަމަ އެމީހަކު އަނބުރައި ޓީމަށް ގެނުވަން އެމީހުންނަށް ކުރެވެންހުރި ހުރިހާ ކަންކަން ކުރާނެއެވެ. 

ދެން އޮތީ އޭނާގެ ތިބި ރަނގަޅުއެކުވެރިންނެވެ. މޫސައަށް ނަޞޭޙަތްދެމުން ގޮސް ފޫހިވީއެވެ. ދެހަފްތާއިން އެއްހަފްތާގައި ނުގޮސް ހުއްޓާލުމުންވެސް އެކުގައި ހުއްޓައިނުލާތީ ފޫހިވީއެވެ. އެހެންވެ މޫސަ އާއި އަޅައިނުލަނީއެވެ. 

މިގޮތަށް މިކަންކުރުމަށް އަހުރެން ކިޔާނީ އިބިލީހަށް އެކުވެރިން ހަދިޔާކުރުން ކަމަށެވެ! އިބިލީސް ބޭނުންވާ ގޮތަކަށް އުޅެން އެކުވެރިޔާ ދޫކޮށްލީމާ އެކަންވާނީ އެކުވެރިޔާ އިބިލީހަށް ހަދިޔާކުރުން ކަމުގައިވާތީއެވެ. 

ރަނގަޅަށް އަޑުއަހާށެވެ! އެކުވެރިއަކަށް ނުބައި ޢަމަލެއް ކުރެވޭނަމަވެސް، އަބަދުހެން ނަޞޭޙަތްދީ ވިސްނައިދެމުންދާއިރުވެސް އެކަން ނުހުއްޓުވޭނަމަވެސް އިޞްލާޙްކުރަން ކުރާ އެއްވެސް މަސައްކަތެއް ކާމިޔާބުނުވިނަމަވެސް ނަމަނަމަ އުންމީދު ކަނޑާލައި އެކުވެރިޔާ އިބިލީހަށް ހަދިޔާ ނުކުރާށެވެ! 

އެކަމަކުން ސަލާމަތްވުމަށް އޭނާކުރާ މަސައްކަތުން ކިތަންމެ ކުޑަމިންވަރެއް ކާމިޔާބުކުރެވުނު ނަމަވެސް އެކަމަކީ ޙާޞިލްކުރެވުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމުގައި ދެކޭށެވެ. އެކާމިޔާބީ ފާހަގަކުރާށެވެ! އެކުވެރިޔާގެ ޝައިޠޯނީ ބައިވެރިން އެކުވެރިޔާ އިބިލީހުގެ މަގުން ގެންދަން ކުރާ މަސައްކަތްތަކަށްވުރެ ރަނގަޅު އެކުވެރިން ކުރާ މަސައްކަތް ބޮޑުތަނުން އިތުރުނުކުރެވޭނަމަ އެމީހަކަށް ބޮޑަށް ދެވޭނީ ޝައިޠޯނީ ބައިވެރިންނާއިއެކުގައެވެ. އެއީ އެކަން ޢާންމުގޮތެއްގައި  ހިނގާނެ ގޮތެވެ.

 

އެކަން އެގޮތަށް މެދުވެރިވަނީ މިއަދު އަހަރެމެންގެ ވަށައިގެން މިވަނީ އިބިލީހުގެ ކުޅިގަނޑުކަމަށްވާތީ ހިތްތައް އެކަންކަމަށް ލެންބެވިފައިވާ މިންވަރުކަމުންނެވެ. ހެޔޮ ޢަމަލުކުރުމަށްވުރެ ނުބައި ޢަމަލުތައް ކުރަން އެދެވޭ މިންވަރު ބޮޑުކަމުންނެވެ.

 

ވީމާ އަހުރެންގެ އާދޭހަކީ އެއްވެސް މީހަކު އޭނާގެ އެކުވެރިން އިބިލީހަށް ހަދިޔާ ނުކުރުމެވެ. އިބިލީހުގެ ކިބައިން ސަލާމަތް ކުރުވަން މަސައްކަތްކުރުމެވެ. އެކަމަކީ ދުނިޔޭގައި ހިލޭ ސާބަހަށް ކުރި މަސައްކަތެއްނަމަވެސް އާޚިރަތް ދުވަހު އެންމެ ގިނަ ޘަވާބު ދެއްވަވާނެ އެއް ޢަމަލަކީވެސް ﷲ ތަޢާލާގެ މަގަށް މީސްތަކުންނަށް ގޮވާލައި އެމަގުގައި ޘާބިތުވުމަށް ހިތްވަރުދިނުމެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން