ށ. ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ރަށާއި ގެދޮރާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހައި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގެ ޚަބަރު އަޑުއެއްސެވީ ނުހަނު ކަންބޮޑުވުމާއި ފުން ހިތާމައާއެކު ކަމަށެވެ. އަދި މިފަދަ ޙާލަތްތަކުން ޤައުމާއި ރައްޔިތުން ސަލާމަތްކޮށްދެއްވައި، ރައްކާތެރިކަން މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ކުއްލި އަދި އުނދަގޫ ޙާލަތުގައި ވަގުތުން އިޖާބަދީ، ރަށާއި ގެދޮރާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ދެއްވި ބޮޑު އެހީތެރިކަމަށްޓަކައި ގިނަ ފަރާތްތަކެއްގެ ނަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށާއި، ދިވެހި ފުލުހުންގެ ޚިދުމަތަށާއި، ފުނަދޫ އެއާޕޯޓާއި މާފަރު އެއާޕޯޓު އަދި ޖޭ.ޑަބްލިޔު. މެރިއޮޓްގެ ފަޔަރ އެންޑް ރެސްކިޔު ޓީމުތަކަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން ށ. އަތޮޅު ހޮސްޕިޓަލާއި، ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓްކޯއާއި، ފުނަދޫ ކައުންސިލާއި ސަރުކާރުގެ އިދާރާތަކުގެ އިތުރުން ފުނަދޫގެ އެކުވެރި ރައްޔިތުން ދެއްވި އެއްބާރުލުމުގެ އަގު ވަޒަންކުރައްވައި، އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި ހާދިސާގައި އެކިވަރުގެ އަނިޔާ ލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކާއި ދުޅަހެޔޮކަމަށް އެދިވަޑައިގެންފައިވެއެވެ. އަދި މުދަލަށް ގެއްލުން ލިބުނު ފަރާތްތައް މާތްﷲގެ ރަޙްމަތްފުޅާއެކު ޢާއްމު ޙާލަތަކަށް އަވަހަށް ރުޖޫޢަވާނެކަމަށް އުންމީދުކުރައްވާ ކަމަށާއި، އެ ހުރިހާ ފަރާތްތަކުގެ ޢާއިލާތަކަށް ކެތްތެރިކަމާއި ހަމަޖެހުން މިންވަރުކުރެއްވުމަށް އެދިވަޑައިގެން ދުޢާކުރެއްވިއެވެ.