މި އަހަރުގެ ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މާލެއާއި އަތޮޅުތެރޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ. މި ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 3 ވަނަ ދުވަހުގެ ފަތިހު ސިފައިން ބައިވެރިވެގެން އިސްލާމީ މަރުކަޒުގައި ބޮޑު ޖަމާޢަތުގައި ކުރާ ފަތިސް ނަމާދުންނެވެ.
ފަތިސް ނަމާދަށްފަހު ހެނދުނު 06:00 ގައި 3 ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ދުވަހުގެ ހަވީރު 16:15 ގައި ޖުމްހޫރީ މައިދާނުގައި އާންމުންނަށް ހުޅުވާލައިގެން ސިފައިންގެ އަސްކަރީ ހުށަހެޅުމެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާއިރު، އެ ރޭ ބާއްވާ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ސިފައިންގެ ޤައުމީ ލަވަ އަލްބަމް ނެރުން އޮންނާނެއެވެ. މީގެއިތުރުން، އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑުތަކެއްގައި ވެސް ޖަމާޢަތުގައި ފަތިސް ނަމާދުކުރުމާއި، ދިދަ ނެގުމުގެ ރަސްމިއްޔާތުގެ އިތުރުން ނަޞްރުގެ ދުވަހުގެ ދުވުން ކުރިއަށްދާނެއެވެ.
މި އަހަރުގެ ނަޞްރުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ޚާއްޞަ ހަރަކާތްތަކެއް ހއ. ދިއްދޫ އަދި ހއ. ބާރަށުގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. މި ދެ ރަށަކީ 3 ނޮވެންބަރު 1988 ގެ ޢުދުވާނީ ހަމަލާގައި ދިވެހި ޤައުމުގެ ދިފާޢުގައި ޖިހާދުކޮށް ޝަހީދުވި ދެ ބަޠަލުން ކަމަށްވާ ހއ. ދިއްދޫ، ޗާންދަނީއާގެ ޝަހީދު އަލްމަރްޙޫމް ޢުމަރު އަޙްމަދާއި، ހއ. ބާރަށް، ސޯސަން، ޝަހީދު އަލްމަރްޙޫމް އިބްރާހީމް ޙުސައިން ނިސްބަތްވާ ދެ ރަށެވެ.
މި ދެ ރަށުގައި ސިފައިންގެ ފޮޓޯ މައުރަޒާއި، އަސްކަރީ ހުށަހެޅުމުގެ އިތުރުން ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ހއ. ދިއްދޫގައި މި ހަރަކާތްތައް ކުރިއަށްދާނީ ނޮވެންބަރު 13 އަދި 14 ވަނަ ދުވަހުއެވެ. އަދި ހއ. ބާރަށުގައި މި ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 20 އަދި 21 ވަނަ ދުވަހުއެވެ.