ޤާނޫނުން މަތިކޮށްފައިވާ އެއްވެސް ޒިންމާއަކަށް ފުލުހުން އިހުމާލެއް ނުވާނެ: ސީޕީ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 48ސ
ޤާނޫނުން މަތިކޮށްފައިވާ އެއްވެސް ޒިންމާއަކަށް ފުލުހުން އިހުމާލެއް ނުވާނެ: ސީޕީ

ޤާނޫނުން މަތިކޮށްފައިވާ އެއްވެސް ޒިންމާއަކަށް ފުލުހުން އިހުމާލު ނުވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ހދ. ކުމުންދޫގައި އަލަށް ބިނާކުރި ޕޮލިސް ސްޓޭޝަންގެ އައު އިމާރާތް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ވަނީ ވަކިވަކި އޮޕަރޭޝަންތަކަށް ފުލުހުން އިސްކަންދޭ ވަގުތުތަކުގައި އެހެނިހެން ހިދުމަތްތަކަށް ބަދަލެއް އަތުވެދާނެ ކަމަށް އާންމުން ދެކޭ ދެކުމަށް އިޝާރާތްކުރައްވާ ބައެއްކަންކަން ހިއްސާކުރައްވާފައެވެ.

އެގޮތުން އޮޕަރޭޝަނަލް އިސްކަންދިނުންތައް ހުރި ނަމަވެސް، ޤާނޫނުން މަތިކޮށްފައިވާ އެއްވެސް ޒިންމާއަކަށް ފުލުހުން އިހުމާލު ނުވާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

އަދި ކުމުންދޫއަކީ އާންމުކޮށް ކުށް މަދު ރަށެއްކަން ފާހަގަކުރައްވައި، އެކަމުގެ ސަބަބުން ފަރުވާކުޑަނުކޮށް، މުޖުތަމައުގެ އަމާންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދުވަހަކުވެސް ފާރަވެރިކަމާއެކު ކުށުގެ ވެށި ކޮންޓްރޯލްކުރުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ރަށުގައި ތިބި ފުލުހުންނަށް ސީޕީ ވަނީ އިލްތިމާސްކުރައްވާފައެވެ.

މާޒީގައި އަތޮޅުތެރޭގައި ފުލުހުންގެ ޚިދުމަތް ދިނުމަށްޓަކައި ކައުންސިލް އިދާރާތަކުންނާއި، ކުލީ ކޮޓަރިތަކުން ޖާގަ ހޯދައިގެން މަސައްކަތްކުރަން ޖެހުނީ ދަތި އުނދަގުލުގަ. ނަމަވެސް މިއަދު ފެނިގެން މިދިޔައީ ފުލުހުންގެ އަމިއްލަ ދާއިމީ މަރުކަޒުތަކުގައި ރައްޔިތުންނަށް ފުރިހަމައަށް ޚިދުމަތް ދެވޭނެ އައު ބާބެއް. ކުމުންދޫ މަރުކަޒުގެ މަސައްކަތް މިހާ ހަލުވި ސްޕީޑެއްގައި ނިންމާލެވުނީ ކުމުންދޫ ކައުންސިލާއި ރައްޔިތުން މި މަޝްރޫއަށް ދެއްވި ބޮޑު އަހައްމިއްޔަތުކަމާއި، ދެއްވި އެއްބާރުލުމާއި ގުރުބާނީގެ ސަބަބުން. ސީޕީ

ފުލުހުންގެ ޚިދުމަތުގެ ފެންވަރާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ބިނާވަނީ ހަމައެކަނި ތިބޭ ފުލުހުންގެ އަދަދުގެ މައްޗަށް ނޫން ކަމަށެވެ. މުހިންމު ކަމަކީ ރައްޔިތުންނާ ގުޅިގެން، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އޯގާތެރިކަމާއި ހިކުމަތްތެރިކަމާއެކު ގާނޫނީ ޒިންމާ އަދާކުރުން ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

އަދި ރެކްރޫޓްމަންޓް އިތުރުވަމުންދާ ވަރަކަށް ކުރިއަށް އޮތް ތަނުގައި ކުމުންދޫގައި މަސައްކަތްކުރާ ފުލުހުންގެ އަދަދުވެސް އިތުރުކުރެވިގެންދާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފުލުހުންގެ އުމްރާނީ ތަރައްގީއަށް ދެއްވާ ހާއްސަ އިސްކަމާއި، މަރުކަޒުތައް ނެތް ރަށްރަށުގައި ފުލުހުންގެ އަމިއްލަ ބިމުގައި ޒަމާނީ ވަސީލަތްތަކާއެކު މަރުކަޒުތައް ގާއިމުކުރުމަށް ފައްޓަވާފައިވާ މަޝްރޫއު ފާހަގަކުރައްވައި ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާއަށް އިހުލާސްތެރި ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން ފުލުހުންގެ ތަރައްގީގެ މަޝްރޫއުތަކަށާއި ދުވަހުން ދުވަހަށް ބޭނުންވާ ކަންކަމަށް ވަރަށް ގާތުން ބައްލަވައި ދެއްވަމުން ގެންދަވާ އެއްބާރުލުމަށްޓަކައި ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނަށްވެސް ސީޕީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އަދި ކުރިއަށް އޮތް އަހަރަށް ފުލުހުންގެ ލަނޑުދަނޑިތައް ކަނޑައަޅައި މަސައްކަތްތައް ބައްޓަންކުރުމުގައި، ކައުންސިލާއި ރައްޔިތުންނާ މަޝްވަރާކޮށްގެން މުޖުތަމައު ބޭނުންވާ ފަދަ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ދެމިތިބުމަށް ފުލުހުންގެ ކިބައިން ސީޕީ ވަނީ އެދިވަޑައިގެންފައެވެ.

މިއަދު އޮންލައިން