އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި 9 މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި 9 މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި

އަޕަރ ސައުތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި 9 މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ޖަހައިފިއެވެ. މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓްކޮށްފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި، މާލެއިން ޚާއްޞަ ޓީމެއް މިހާރު ވަނީ އެ ރަށަށް ފޮނުވާފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ މުޙައްމަދު މައިސަން ޝިޔާޒު (21 އަހަރު)، އަޙްމަދު އިފްތިޝާމް ޒަރީރު (24 އަހަރު)، ނަޖުމުﷲ ޙަސަން (35 އަހަރު)، ޢާޒިމް މުފީދު (24 އަހަރު)، ޢަލީ ޙުޒާމް ސަޢީދު (31 އަހަރު)، މުޙައްމަދު ޞާލިޙު އަޙްމަދު (26 އަހަރު)، އަޙްމަދު ނޫޙު ނިޔާޒު (20 އަހަރު)، މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރު (20 އަހަރު) އދި އަޙްމަދު ޞާނިޖު ޞާދިޤު (32 އަހަރު) އެވެ.

ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު ޞާލިޙު އަޙްމަދާއި، މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރާއި، ނަޖުމުﷲ ޙަސަން އަދި އަޙްމަދު ނޫޙު ނިޔާޒުގެ ބަންދަށް ޖަހާފައިވަނީ 5 ދުވަހެވެ. މީގެ އިތުރުން މުޙައްމަދު މައިސަން ޝިޔާޒު 10 ދުވަހަށް ބަންދުކުރަން އަމުރުކުރިއިރު، ޢާޒިމް މުފީދުގެ ބަންދަށް ވަނީ 15 ދުވަސް ދީފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި އަޙްމަދު ޞާނިޖު ޞާދިޤުގެ ބަންދަށް ކޯޓުން 30 ދުވަސް ކަނޑައަޅާފައިވާއިރު، އަޙްމަދު އިފްތިޝާމް ޒަރީރު އަދި ޢަލީ ޙުޒާމް ސަޢީދު ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވަނީ 90 ދުވަހުގެ މުއްދަތަށެވެ.

މިއަދު އޮންލައިން