ޒޫނޯސިސް: ޖަނަވާރުންގެ ގައިން އިންސާނުންގެ ގަޔަށް އަރާ އިންފެކްޝަން

ކިޔުމަށް ހޭދަވާނީ 3މ 19ސ
ޒޫނޯސިސް: ޖަނަވާރުންގެ ގައިން އިންސާނުންގެ ގަޔަށް އަރާ އިންފެކްޝަން

ޢަލީ އިޙްޞާން ފިރާޤް

 

ޒޫނޯސިސް ( zoonosis) އަކީ ޖަނަވާރުންގެ ޒަރީޢާއިން ނުވަތަ ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް ޖެހޭ ބައްޔެވެ. މިފަދަ ބަލިތައް އިންސާނުންނަށް ޖެހެނީ ބަލި ޖައްސާ ޖަރާސީމު ނުވަތަ ވައިރަސް ނުވަތަ ޕެރަސައިޓް، ޖަނަވާރެއްގެ ގައިން އިންސާނެއްގެ ގަޔަށް އެރުމުންނެވެ. މިގޮތަށް ބަލިޖެހެނީ ޖަނަވާރަކާ ސީދާ ކޮންޓެކްޓްވުމުގެ ސަބަބުންނެވެ. ކާނާ އާއި ފެން އަދި މާހައުލުގެ ޒަރިއްޢާއިންވެސް މިފަދަ ބަލިތައް އިންސާނުންނަށް ފެތުރިގެން ގޮސްދާނެއެވެ. 

ޒޫނޯސިސް ނުވަތަ ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް ޖެހޭ ބަލިތަކަކީ އާންމު ޞިއްޙަތުގެ ބޮޑު ބައެއް ތަމްސީލުކުރާ ބަލިތަކެކެވެ. އެހެނީ އިންސާނުންގެ ދިރިއުޅުމުގެ ވައްޓަފާޅި ބިނާކުރެވިފައިވާ ގޮތުގެ ސަބަބުން، ބައެއް ކަހަލަ ވަޒީފާތަކަކީ ޖަނަވާރުތަކާ ވަރަށް ގާތްކޮށް މަސައްކަތް ކުރަން ޖެހޭ ދާއިރާތަކެވެ. މިސާލަކަށް އެކިކަހަލަ ފާމްތަކުގައި މަސައްކަތް ކުރާމީހުންނާއި، ދަނޑުވެރިންނަކީ ޖަނަވާރުތަކާ ގައިގޯޅިވެގެން އުޅެން ޖެހޭ ބައެކެވެ. ހަމައެހެންމެ ޖަނަވާރުގެ ކެހިރިފަދަ ތަކެތި ބޭނުންކޮށްގެން އެކިކަހަލަ އުފެއްދުންތައް އުފައްދާމީހުންނަށްވެސް ޒޫނޯސިސް ޖެހުމުގެ ފުރުސަތު އޮވެއެވެ. 

އަލަށް ދެނެގަނެވޭ ބަލިތަކުގެ އިތުރުން މިހާރު ދެނެގަނެވިފައިވާ ގިނަ ބަލިތަކުގެ ބޮޑު އިންސައްތައެއް ޙިއްޞާ ކުރަނީ ޖަނަވާރުގެ ސަބަބުން އިންސާނުންނަށް އަރާ ބަލިތަކެވެ. އެޗްއައިވީ ފަދަ ބައެއް ބަލިތައް ފުރަތަމަ އިންސާނުންނަށް ޖެހިފައިވަނީ ޒޫނޯސިސްއެއްގެ ގޮތުގައެވެ. އެހެނީ އެޗްއައިވީ އެންމެ ފުރަތަމަ އިންސާނުންގެ ގަޔަށް އެރީ ޖަނަވާރެއްގެ ފަރާތުންނެވެ. ނަމަވެސް މިބަލި މިހާރު ބަދަލުވެގެން (mutate) އައިސް  އެއީ ހަމައެކަނި އިންސާނުންނަށް ޚާއްޞަ ސްޓްރޭންތަކަށްވަނީވެފައެވެ. 

ޖަނަވާރުންގެ ސަބަބުން އިންސާނުންނަށް ޖެހޭ 200 އަށް ވުރެ ގިނަ ބަލިވަނީ ދެނެގަނެވިފައެވެ. އޭގެތެރޭގައި އެބޯލާ ވައިރަސް، ސަލްމޮނެލޯސިސް ފަދަ ބަލިތައް ފާހަގަކުރެވެއެވެ. މިފަދަ ބައެއް ބަލިތަކަކީ ވެކްސިންގެ ޒަރީޢާއިންނާއި އެހެނިހެން ގޮތްތަކުން މުޅިން ރައްކާތެރިވެވޭ ބަލިތަކެވެ. 

ރައްކާތެރިވުން: 

ޒޫނޮޓިކް ބަލިތަކުން ރައްކާތެރިވުމުގެ އުސޫލުތައް ނުވަތަ ގޮތައް އެބަލި ޖައްސާ ޖަރާސީމު ނުވަތަ ވައިރަސްގެ ސަބަބުން ތަފާތުވެއެވެ. އެކި ޕެތޮޖެންއަށް ހުންނަކީ އެކި ޚާއްޞަ ގޮތްތަކެވެ. ނަމަވެސް މުޖުތަމަޢުގެ ފެންވަރުގައްޔާއި ފަރުދީ ލެވަލުގައި މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައްކެއްވަނީ ދެނެގަނެވިފައެވެ. އެގޮތުން ފާމްތަކުގައި ގެންގުޅޭ ޖަނަވާރުތަކަށް ފަރުވާ ދިނުމަށް ރައްކާތެރި އަދި އެކަށީގެންވާ ގައިޑްލައިންތަކެއްގެ މައްޗަށް އަމަލުކުރުން މުހިންމެވެ. އޭރުން އެފަދަ ޖަނަވާރުގެ މަސް، ބިސް، ކިރުފަދަ ތަކެތީގެ ސަބަބުން ބަލިފެތުރުން މަދުކުރެވޭނެއެވެ. ހަމައެހެންމެ، މޭވާ އާއި ތަރުކާރީގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި އެކަށީގެންވާ ގައިޑްލައިންތަކަށް އަމަލުކުރުން އެއީ މުހިންމު ކަމެކެވެ. 

ކުނި ނައްތާލުމަށް ކަނޑައަޅާފައިވާ ރައްކާތެރި މިންގަނޑުތަކަށް އަމަލުކުރުމާއި ސާފުބޯފެން ބޭނުންކުރުމަކީވެސް މިފަދަ ބަލިތަކުން ރައްކާތެރިކޮށްދޭނެކެމެވެ. ހަމައެހެންމެ ޤުދުރަތީ ގޮތުން އުފެދިފައިވާ ކޯރުތަކާއި ފެންގަނޑުގަނޑުފަދަ ތަންތަނުގެ ފެން ތަޣައްޔަރުވިޔަ ނުދީ ރައްކާތެރިކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. މީގެ އިތުރުން ޖަނަވާރެއްގައި އަތްލުމަށްފަހު ރަނގަޅަށް ސައިބޯނިލައިގެން އަތް ދޮވުމުގެ އާދަ އަށެގެންނެވުމަކީ އިސްކަންދޭން ޖެހޭނެކަމެކެވެ. މިފަދަ ބަލިތަކާމެދު މީހުން ހޭލުންތެރުކުރުވުމަކީ ބަލިތައް ކޮންޓްރޯލް ކުރުމަށް ލިބޭ އިތުރު ބާރަކަށް ވެގެންދާނެކަމެކެވެ. 

ޒޫނޯސިސް ކޮންޓްރޯލު ކުރުމުގައި ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެންޓިމައިކްރޮބިއަލް ރެސިސްޓެންސްއެވެ. ބަލިތައް ޖައްސާ ޖަރާސީމު ނުވަތަ ވައިރަސް، ބޭހަށް ނުގުޑާގޮތްވުމެވެ. މިގޮތަށް ދިމާވަނީ ކާނާއަށް ގެންގުޅޭ ޖަނަވާރުތަކަށް ފުޅާ ދާއިރާއެއްގައި އެއްވެސް ހަމައެއް، އުސޫލެއްނެތި އެންޓިބަޔޮޓިކްސް ދިނުމުގެ ސަބަބުންނެވެ. ނަތީޖާއަކީ  ޖަނަވާރުންނާއި އިންސާނުންގެ އާބާދީގައި ހަލުވިކަމާއެކު ފެތުރޭ ޒޫނޯޓިކް ބަލިޖައްސާ ޖަރާސީމު ނުވަތަ ވައިރަސްތައް ބޭހަށް ނުގުޑާގޮތްވުމެވެ. 

މައުލޫމާތުނެގީ ޑަބްލިއުއެޗްއޯގެ ވެބްސައިޓުން 

- ޢަލީ އިޙްސާން ފިރާޤު

މިއަދު އޮންލައިން