ދަރިފުޅުގެ ހިތް އަލި ކޮށްދޭނެ 3 ކަމެއް: އައްޝައިޚް މުޖްތަބާ ޙަމީދު

ކިޔުމަށް ހޭދަވާނީ 2މ 36ސ
ދަރިފުޅުގެ ހިތް އަލި ކޮށްދޭނެ 3 ކަމެއް: އައްޝައިޚް މުޖްތަބާ ޙަމީދު

ޢާއިޝަތު ރަފާޙް ޢަލީ

 

ކޮންމެ މައިންބަފައިކުވެސް އެމީހެއްގެ އުފަން ދަރީން ތަޢުލީމީ ގޮތުންނާއި އަޚްލާގީ ގޮތުން ޤާބިލު މޮޅު ބަޔަކަށް ހެދޭތޯ އެތައް ޤުރުބާނީތަކެއްވެއެވެ. މިގޮތުން ދަރީންގެ ކިޔެވުމަށް ހުރަސް އެޅިދާނެ އެންމެހާ ކަމަކުން އެކުދީން ރައްކާތެރި ކުރުމަށް ޚާއްސަ ސަމާލު ކަމެއްދެއެވެ. ފޮތް ފަންސޫރު ފަދަ ތަކެތި ހޯދައި ދިނުމުން ފެށިގެން ގޮސް ބޮޑު އަގުގައި ޓިއުޝަނަށް ފޮނުވުމަށް ދާންދެން ކިޔެވުމާ މަތިކޮށް ދަރިން ކޮންމެ އެއްޗެއް ހޯދައިދޭން އެދުނަސް ބައްޕަ އާއި މަންމަ ފަސްޖެހުމެއް ނެތި އެއެއްޗެއް ހޯދައިދެއެވެ.

ތިރީގައި މި ބަޔާން ކޮށްލަނީ ދަރީންގެ ހިތް އަލިކޮށްދޭނެ 3 ކަމެކެވެ.:

· އެކުދީންނަށް ކާންދޭ ނާސްތާގައި ވިސްނުމާއި ހިތުދަސްކުރުމުގެ ބާރު ގަދަ ކޮށްދިނުމަށް އެހީތެރިވެދޭ ތަކެތި ހިމެނުމެވެ. ތައްޔާރީ ކާނާގެ ބަދަލުގައި ފައިދާކުރުވަނިވި ތަބީޢީ ކާނާ ހިމެނުމެވެ. އެފަދަ ބައެއް ބާވަތްތަކުގެ ތެރޭގައި ހިކިމޭބިސްކަދުރު ހިމެނެއެވެ. ތަބީޢީ ޢިލްމުގެ ދަންނަބޭކަލެއް ކަމުގައިވާ އަލްއިމާމް އައްޒުހުރީ (ރަޙިމަހު ﷲ) ވިދާޅުވެފައިވެއެވެ. ޙަދީޡް ހިތުދަސްކުރަން ބޭނުން މީހަކު ޒަބީބް (އެބަހީ، ހިކިމޭބިސްކަދުރު) ކާށެވެ. އަދި އިމާމް އިބްނުލްޤައްޔިމް (ރަޙިމަހު ﷲ) އިނގުރަކީ ހިތުދަސްކުރުމުގެ ބާރު ގަދަކޮށްދޭ އެއްޗެއް ކަމުގައިވާ ވިދާޅުވެފައިވެއެވެ. މީގެ އިތުރުން މާމުއި، ކަދުރު، ކަޅުދިރި ފަދަ ތަބީޢީ ތަކެތި ބޭނުން ކުރެވިދާނެއެވެ. 

· ހިތުދަސް ކުރުމުގެ ބާރު ގަދަކޮށް ދަރިފުޅުގެ ހިތް އަލިކޮށްދޭން އެދޭނަމަ ދެވަނަ ކަމަކީ އެކުދީން ލައްވާ ތަކެތި ހިތުދަސް ކުރުވާ، އެކުދީންގެ ނަފްސު ހިތުދަސްކުރުވުމަށް ހޭނުވުމެވެ. ޚާއްސަކޮށް ޅައުމުރުގައި ކީރިތި ގުރްއާން ހިތުދަސް ކޮށްދިނުމެވެ. އެހެނީ ކުއްޖާގެ ޢުމުރުގެ ފުރަތަމަ 5 އަހަރު ތެރޭގައި ދަސްކުރާ ތަކެތި ހިލައެއްގައި އެއްޗެއް ކަނޑާ ނެގުމުން ހުންނަ ގޮތަށް ހިތުގައި ހަރުލާފައި ހުންނަ ކަމަށް ތަރުބަވީ މާހިރުން ވިދާޅުވެއެވެ. އެއީ އެ ޢުމުރުގައި އެކުދީންގެ ސިކުނޑި ހުންނާނީ ފިތުރަތުގެ ސާދާކަންމަތީގައި ކަމަށްވާތީއެވެ. މިސަބަބާހުރެ ޅައުމުރުފުރާގައި ކީރިތި ގުރްއާން ހިތުދަސްކޮށްދިނުމަށް މުސްލިމުންގެ އިސްވެ ގޮސްފައިވާ ޒަމާންތަކުގެ މުރައްބީންވަނީ ޚާއްސަ ސަމާލުކަމެއް ދެއްވާފައެވެ. އެއީ ބައެއް ކުދީންނަކީ ފިޠުރީ ގޮތުން ހިތުދަސްކުރުމުގެ ބާރު ގަދަ ކުދީންނަށްވާއިރު އަނެއްބައި ކުދީންނަކީ އެ ބާރު ދަށް ކުދީންނެވެ. ވީމާ މި ފަރަގުދެނެގަތުމަކީ ވަރަށް މުހިއްމު ކަމެކެވެ.  

· ހިތްއަލި ކުއްޖަކަށް ދަރިފުޅު ހަދަން ބޭނުންނަމަ އެކުއްޖާގެ ހަށިގަނޑުގައި ހިތް ލެއްވި ޚާލިޤުވަންތަ އިލާހަށް އުރެދެވޭ ކުދި ބޮޑު އެންމެހާ ފާފަތަކުން އެކުއްޖާ ދުރުހެލި ކުރުވުމެވެ. އެއްދުވަހަކު އިމާމް ޝާފިޢީ އެކަލޭގެފާނުގެ އުސްތާޛް އިމާމް އަލްވަކީޢުގެ އަރިހުގައި ހިތުދަސްކުރުމުގެ ބާރު ދަށްވާތީ ޝަކުވާ ދެންނެވި ހިނދު އުސްތާޛް ދެއްވި ޖަވާބު ޅެންބައިތަކުން ބަޔާންކޮށް ދެއްވާފައިވެއެވެ. އިމާމް ޝާފިޢީ ވިދާޅުވިއެވެ.ތިމަންކަލޭގެފާނު ހިތުދަސްކުރުމުގެ ބާރު ދަށްކަމާއިމެދު ވަކީޢުއަށް ޝަކުވާ ކުރީމެވެ. އެހިނދު ކުށް ފާފަތައް ދޫކޮށްލުމަށް އިރުޝާދު ދެއްވިއެވެ.އަދި ވިދާޅުވެ ދެއްވިއެވެ. ޢިލްމަކީ ނޫރެކެވެ. ފާފަތަކަށް އަރައިގަންނަ މީހަކަށް ﷲ ގެ ނޫރު ޙާސިލް ކުރާނެ މަގެއް ނުދައްކަވާނެއެވެ.

 

މިއަދު އޮންލައިން